ޣީބަބުނުމުން ސަލާމަތްވެ ހުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
ޣީބަބުނުމުން ސަލާމަތްވެ ހުރެވޭނެ ގޮތް-

މިލިޔުމުގައިވާ ކަންކަމަށް ސަމާލުކަންދެއްވާށެވެ! އިން ޝާ ﷲ ޣީބަބުނުމުގެ ނުބައިކަމުން ސަލާމަތްވެ ހުރެވޭނެއެވެ. 

ޣީބަބުނުމުން ސަލާމަތްވާނީ ކިހިނެއް؟ 

1.  ﷲ އަށް ތަގްވާވެރިވުން. އަދި ﷲ އަށް ލަދުވެތިވުން.

މިކަން ޙާޞިލް ކުރެވޭނީ ގިނަގިނައިން ގުރްއާން ކިޔަވާ އަދި އެއަޑުއަހާ ހެދުމުންނެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ގެ ކިބައިން ޣީބަބުނުމުގެ ނުބައިކަމާއި މެދު ވާރިދެވެފައިވާ ޙަދީޘް ތައް މުދާރަސާކޮށް، އެންމެހައި ކުށްފާފަ ތަކުން ދުރުހެލިވުން. ﷲ ވަޙީ ކުރެއްވިއެވެ.

(أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّ‌هُمْ وَنَجْوَاهُم ۚ بَلَىٰ وَرُ‌سُلُنَا لَدَيْهِمْ يَكْتُبُونَ) الزخرف: ٨٠ 

މާނައަކީ: "ނުވަތަ އެބައިމީހުން ހީކުރަނީ އެމީހުން ކުރާ ސައްލާތަކާއި ސިއްރުން ރާވާރޭވުންތަކުގެ އަޑު  ތިމަން ﷲ އައްސަވާ ވޮޑިގެން ނުވާ ކަމަށް ހެއްޔެވެ. އެހެނެއް ނުވާނެއެވެ. އެމީހުންގެ ގާތަށް ތިމަން ﷲ ލައްވާފައިވާ މަލާއިކަތުން އެކަންތައް ލިޔުއްވައެވެ". 

ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (استحيوا من الله عز وجل حق الحياء، قلنا: يا رسول الله، إنا نستحيي والحمد لله، قال: ليس ذلك، ولكن من استحيى من الله حق الحياء فليحفظ الرأس وما حوى، وليحفظ البطن وما وعى). 

މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވާށެވެ. ޞަޙާބީން ދެންނެވިއެވެ. ތިމަންމެން ﷲ އަށް ލަދުވެތިވަމެވެ. އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމެވެ. ޙަދީޘް ކުރެއްވިއެވެ. ތިޔަބުނާ ކަންތަކެއް ނޫނެވެ. އެހެންނަމަވެސް ﷲ އަށް ޙައްގު ގޮތުގައި ލަދުވެތިވެއްޖެމީހާ އޭނާގެ ބޮލާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ. އަދި ބަނޑާއި އެޔާއި ގުޅިފައިވާ ތަންތަން ރައްކައުތެރި ކުރާށެވެ". 

2  ޣީބަބުނުމުގެ ސަބަބުން ތިމާގެ ހެޔޮކަންތަކުން އުނިވެގެންދާ މިންވަރު ހަނދުމަ ކުރާށެވެ. އަދި އޭނާ ޣީބަ ބުނީ މީހާއަށް އަމިއްލަ ހެޔޮކަންތައް ހަދިޔާ ކުރެވެނީ ކަމާއިމެދު ވިސްނާ ފިކުރުކުރާށެވެ. ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ ޙަދީޘް އެއްގެ މާނާގައިވެއެވެ. "ތިމަންކަލޭފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން މުފްލިސަކީ ކާކުކަން ތިޔަބައިމީހުންނަށް އެގޭތޯއެވެ؟ ޞަޙާބީން ދެންނެވިއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ އޭނާގެ އަތުގައި ދިރްހަމެއް ވަންނާނެ ތަނެއް ނެތް މީހާއެވެ. ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ އުއްމަތުގެ މުފްލިސަކީ ގިޔާމަތްދުވަހުން ނަމާދާއި ޒަކާތާއި ރޯދަ ހިފައިގެން މާތް ﷲ ގެ ޙަޟްރަތަށް އަންނަހިނދު، މީހަކާއި ދިމާލަށް އެއްޗެތިކިޔާ، އެހެންމީހަކަށް ގޯނާކޮށް، އެހެންމީހެއްގެ މުދާކައި ހަދާފައިވާ މީހާއެވެ. އެފަދަމީހުންގެ ހެޔޮކަންތައް އަނިޔާލިބުނު މީހާއަށް ދެވޭނެއެވެ.  އޭނަގެ ހެޔޮކަންތައް ހުސްވެއްޖެނަމަ އަނިޔާލިބުނުމީހާގެ ނުބައިކަންތަކުން ނަގައި އަނިޔާވެރިވިމީހާ އަށް ބަދަލު ކުރެވޭނެއެވެ. އެޔަށްފަހު އޭނާ ނަރަކަ އަށް އެއްލައިލެވޭނެއެވެ". 

1.  ތިމާގެ އަމިއްލަ ނަފްސުގެ ޢައިބުތަކާއި މެދުގައި ވިސްނާފިކުރުކޮށް، އެހެންމީހުންގެ ޢައިބު ހޯދަން މަސައްކަތް ނުކުރުން. މިފަދަކަންތަކަށް އަރައިގަނެވެނީ ނަމަ، މާތް ﷲ ތިމާ އިމްތިޙާނު ކުރެއްވުމުގެ ގޮތުން އެހެންމީހުންގެ ހުންނަ ޢައިބު ޞިފަތައް ތިމާގެ ކިބައިގައި ލައްވަފާނެކަން ހަދުމަކުރުން.  

2.  ޞާލިޙް ރަގަޅު އެކުވެރިންނާއި އެކުގައި އުޅުން، އަދި ނުބައި އެކުވެރިންނާއި އެކުގައި އުޅުން ދޫކޮށްލުން. 

3.  ސަލަފުއްޞާލިޙުންގެ ސީރަތު ދިރާސާކުރުން. އެބޭކަލުން ހަވާނަފްސާ ދެކޮޅަށް ހަނގުރާމަ ކުރެއްވިގޮތް ދަސްކުރުން.  

އަބޫޢާޞިމުއް ނަބީލް ވިދާޅުވިއެވެ. "ޣީބަބުނުމަކީ ޙަރާމް ކަމެއްކަން އެނގުނު ދުވަހުން ފެށިގެން ދުވަހަކުވެސް ތިމަންކަލޭގެފާނު ޣީބައެއް ނުބުނަމެވެ". 

6.  ތިމާއަށް ޣީބައެއް ބުނެވިއްޖެނަމަ އަމިއްލަ ނަފްސަށް އަދަބުދިނުން.

އިބްނުވަހުބް ކަންތައް ކުރެއްވިގޮތްކަމަށްރިވާވެގެންވެއެވެ. އެކަލޭގެފާނަށް މީހެއްގެ ޣީބަ ބުނެވިއްޖެ ކޮންމެ ހިނދެއްގައި އަނެއްދުވަހު ރޯދަހިއްޕަވައެވެ. މިގޮތަށް ގޮސް އެކަލޭގެފާނަށް އުނދަގޫވާ ވަރުވުމުން ޣީބަބުނުން އެއްކޮށް ހުއްޓަވާލެއްވިއެވެ. އަދި ޣީބަބުނެވޭ ކޮންމެ ހިނދެއްގައި ދިރްހަމެއްގެ މިންވަރުން ޞަދަގާތް ކުރެއްވުމަށް އެކަލޭގެފާނު ޢަޒުމް ކަނޑައެޅުއްވިއެވެ. ދެން ދިރްހަމްދެކެވާ ލޯތްބެއްގެ ސަބަބުން ޣީބަ ބުނުމާ ދުރުހެލިވެލައްވަން ޖެހިވަޑައިގަތެވެ. 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން