ތިބާއާ ދުރަށްދާން އުޅޭ މީހަކު ހިފަހައްޓަން ކުރާ މަސައްކަތުން ގިނަފަހަރު ލިބޭނީ މާބޮޑެތި ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާއާ ދުރަށްދާން އުޅޭ މީހަކު ހިފަހައްޓަން ކުރާ މަސައްކަތުން ގިނަފަހަރު ލިބޭނީ މާބޮޑެތި ދެރަ!

ކަންކަން ދިމާވޮތަކުން ތިބާއަށް ކިތަންމެ މުހިންމު މީހަކުނަމަވެސް ތިބާއާއި ވަކިވާން ބޭނުންވެދާނެއެވެ. އެ ޙާލަތުގައި އެއީ ކާކުތޯ ނުބަލާށެވެ! އެމީހެއްގެ އިޚްތިޔާރަށް އެކަން ދޫކޮށްލާށެވެ! ސަބަބަކީ އެމީހާ ތިބާއާއި ވަކިވާން ބޭނުންވާނީ އެމީހާއަށް ތިބާ މުހިންމު ނޫންވީމައެވެ. ނުވަތަ މުހިންމުކަން ކެނޑުމުންނެވެ.  

ދެން އޮތީ އެމިހާ އެދޭ ގޮތަށް ބަދަލުވުމެވެ. އެކަމުގައިވެސް މިގޮތަށް ވިސްނާށެވެ. އެއީ ރަނގަޅު މީހަކު ނަމަ ތިބާގެ ކިބައިގައި އުނި ކަންތައްތަކެއް ހުރިކަން ފާހަގަކުރެވުނަކަސް އަދި އެހިސާބުން ތިބާއާއި ވަކިޥާކަށް ނުނިންމާނެއެވެ. އެދޭނީ އެކަންކަން އިޞްލާޙްކުރުމަށެވެ. ވަކިވުމުގެ ވާހަކަ ދައްކާނީ އޭނާ ފާހަގަކުރި ކަންކަން ތިބާ އިޞްލާޙް ނުކުރިނަމައެވެ.  

ދިރިއުޅުމުގައި ފައިދާކުރަނީ އަނެކާ އޭނާގެ ގޮތުގައި ބަލައިގަންނަ ނަމައެވެ. ސަބަބަކީ ކޮންމެ މީހެއްގެ ކިބައިވެސް ޚާއްޞަ ސިފަތަކެއް ހުންނާނެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަމަކީ އެހާ ފަސޭހައިން ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. ތަންކޮޅެއް ފަސޭހައިން ބަދަލުކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އަދި އުނދަގުލުން ބަދަލުކުރެވޭނެ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަންވާނެއެވެ.  

ދެމީހަކު ގުޅުމުގެ ކުރިން ޚާއްޞަކޮށް ކައިވެނިކުރުމުގެ ކުރިން މިފަދަ ކަންކަމަށް މަޝްވަރާކޮށް އެއްބަސްވުމަކަށް އައުމަކީ ވަރަށް މުހިންމު ކަމެކެވެ. މަޝްވަރާ ނުކޮށް ކައިވެނިކޮށްފިނަމަ ޖެހޭނެ މައްސަލަތައް ވަރަށް ގިނަވާނެއެވެ.  

ކައިވެނީގެ ކުރިން ބާއްވަންވީ ލޯބީގެ ބައްދަލުވުންތަކެއް ނޫނެވެ. ގައިގައި އަތްލައި އޮޅުލުމުގެ ބައްދަލުވުންތަކެއް ނޫނެވެ. ބާއްވަންވީ މި ބުނިފަދަ ކަންކަމަށް މަޝްވަރާކުރުމުގެ ބައްދަލުވުންތަކެވެ. ފައިދާކުރާނީ އެފަދަ ބައްދަލުވުންތަކުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން