ޢާއިޝަތު ރަފާޙް ޢަލީ
ޝައިޚް ފަހުދު، އަޅުގަނޑަށް ދިމާވެފައިވާ މައްސަލައަކީ، ދުޢާއަށް އަތް އުފުލާ ހިނދު، އަޅުގަނޑުގެ ވެރި ރަސްކަލާނގެއަށް ކޮން ދުޢާއެއް ކުރާނީކަން ނޭނގުމެވެ. އަދި އެ ވަގުތު އަޅުގަނޑު ކޯއްޗެއް ދަންނަވާނީކަމެއްވެސް ނޭނގެއެވެ. އަޅުގަނޑުގެ ދުލަށް ދުޢާކުރަން ނުކުޅެދޭ ކަމަށް އިޙްސާސްކުރެވެއެވެ. ދުޢާކުރުމަކީ އުނދަގޫ ކަމެއްތޯއެވެ؟ އަދި މިފަދަ ޙާލަތުގައި އަޅުގަނޑު ޢަމަލުކުރަންވީ ކިހިނެއްތޯއެވެ؟
ޖަވާބު:
"ސުބުޙާނަﷲ! އަޅުގަނޑު ދެކޭގޮތުގައި، ތިޔަ ވިދާޅުވި ފަދަ ހާލަތުގައި އެތައް ބައެއް އެބަތިއްބެވެ. ޢުމްރާއަށް ނުވަތަ ޙައްޖަށް ދިޔުމުން، ގިނަ ބަޔަކު އެމީހުން ކުރަން ބޭނުންވާ ދުޢާކުރަން އެހީތެރިވެދިނުމަށް އެދެއެވެ. ޠަވާފު ފަށާއިރު، އެ މީހުން ހަމަހިމޭރުމުން ތިބެ، އަޅުގަނޑާ މުޚާޠަބުކޮށް ބުނެއެވެ. އަބޫ ސާލިމްއެވެ. 'އަޅުގަނޑަށް ދުޢާކުރަން ދަސްކޮށްދެއްވާށެވެ.
ދެން އަޅުގަނޑު ޖަވާބުދެނީ 'ހިތުގައި އުފެދޭ އިޙްސާސްތަކުން ދުޢާކުރާށެވެ.' ނަމަވެސް އެމީހުން ބުނެއެވެ. 'އަޅުގަނޑުމެންނަކަށް ހިތުން ދުޢާއެއް ނުކުރެވެއެވެ'.އަޅުގަނޑު އިތުރަށް ބަޔާންކޮށްދެމެވެ. 'ހިތުގައި ދުޢާ ރައްކާކުރުމަކީ އެދެވިގެންވާ ކަމެކެވެ.' މުހިންމު ކަމަކީ އަޅުގަނޑުމެން އެންމެން ވިސްނަންޖެހެނީ ދުޢާކުރުމަކީ ވަރަށް ލުއިފަސޭހަ ކަމެއްކަމާއި، އެކަމަށް ޚާއްޞަ މަސައްކަތެއް ނުވަތަ ވަކި ބަހުރުވައެއް ބޭނުމެއް ނުވާކަމެވެ."
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿١٨٦﴾
މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ. (186)"
ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އަޅުތަކުންގެ އެންމެހައި ބޭނުންތައް ދެނެވޮޑިގެންވާ، އަދި އެކަލާނގެއީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. އެހެންނަމަވެސް، އެކަލާނގެ އެދިވޮޑިގަންނަވަނީ އަޅުތަކުން އެބައިމީހުންގެ ހިތުގައިވާ އެންމެހައި ކަންކަން ދުޢާގެ ޒަރީޢާއިން ހާމަކުރުމެވެ.
ﷲ ޢައްޒަވަޖައްލަ އެންމެ ލޯބިވެވޮޑިގަންނަވަނީ ގިނަގިނައިން ދުޢާކުރާ އަޅުތަކުން ދެކެއެވެ. ވީމާ، ތިބާގެ ހިތުގައިވާ އެންމެހައި ކަންކަން އެކަލާނގެއަށް ދަންނަވާށެވެ. ތިބާގެ ހިތާމަތަކާއި، ޝަކުވާތަކާއި، އުންމީދުތައް ހާމަކުރާށެވެ. މިކަން ކުރުމުގައި ކޮންމެހެން ޢަރަބި ބަހުން ކަމުގައި ވާކަށް ނުޖެހެއެވެ.
ދުޢާކުރުމުގެ ނަމޫނާއެއްގެ ގޮތުން މިފަދައިން ދަންނަވާށެވެ:"ޔާ ރައްބީ، މިއަޅާއަށް ޙަލާލު ރިޒުޤު މުއްސަނދިކޮށްދެއްވާނދޭވެ. ޔާ ރައްބީ، މިއަޅާއަށް ޞާލިޙު ދަރިން ދެއްވާނދޭވެ. ޔާ ރައްބީ، މިއަޅާގެ ދަރިން ދުނިޔެއާއި އާޚިރަތުގެ ހުރިހާ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވާނދޭވެ. ޔާ ރައްބީ، މިއަޅާއިން އެންމެހައި ފިތުނަ ދުރުކޮށްދެއްވާނދޭވެ. ޔާ ރައްބީ، މިއަޅާގެ އުނި ސިފަތައް ފޮރުއްވައި، ހެޔޮ ސިފަތައް ފާޅުކޮށްދެއްވާނދޭވެ."
ޝައްކެއްވެސް ނެތް ގޮތުގައި، މާތްވެގެންވާ ﷲ ޢައްޒަ ވަޖައްލަ، އިރާދަފުޅު ކުރައްވައިފިނަމަ، އިޚްލާޞްތެރިކަމާއެކު ކުރެވޭ މިފަދަ ދުޢާތައް އިޖާބަ ކުރައްވާނެއެވެ. ވީމާ، އަޅުތަކުން އެބައިމީހުންގެ ހުރިހާ ކަމެއްގައި ﷲ އަށް ދުޢާކުރުމަށް ހިތްވަރުދެމެވެ.
ކީރިތި ޤުރްއާނުގެ މަތިވެރި އާޔަތްތަކުން އަހުރެންނަށް އުނގަންނައިދެއްވާފައިވާ ގޮތުގައި، ދުޢާ ޤަބޫލުވުމުގެ މަގުތަކާއި، ދުޢާ އިޖާބަވުމުގެ އަސްބާބުތަކުގެ ތެރެއިން އެއް ކަމަކީ، އަޅުތަކުން އަޅުކަން އެއްކައުވަންތަ ކުރާ ރައްބު، މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަލާނގެ ޖަމީލު އަސްމާއުލް ޙުސްނާއިން ދުޢާ ދެންނެވުމެވެ. މިއީ ދުޢާގެ އަދަބުތަކުގެ ތެރެއިން ވަރަށް މުހިންމު އަދަބެކެވެ.
އިސްރާ ސޫރަތުގެ 110 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ
މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّه ގެ اسم ފުޅުން دعاء ކުރާށެވެ! ނުވަތަ رحمن ގެ اسم ފުޅުން دعاء ކުރާށެވެ! ތިޔަބައިމީހުން (އެކަލާނގެ اسم ފުޅުތަކުން) ކޮންމެ اسم ފުޅަކުން دعاء ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެކަލާނގެއަށް الأسماء الحسنى (އޭ ކިއުނު اسم ފުޅުތައް) ވެއެވެ.
އޭ ﷲ އެވެ! އޭ ރިޒްޤު ދެއްވާ ރަސްކަލާނގެއެވެ! އަޅުގަނޑަށް ރިޒްޤު ދެއްވާނދޭވެ!"
އަދި ކިޔާށެވެ: "އޭ ގިނަގިނައިން ދެއްވާ ރަސްކަލާނގެއެވެ! އިބަ ރަސްކަލާނގެ ޙަޟްރަތުން އަޅުގަނޑަށް ހެޔޮލަފާ ދަރިފަސްކޮޅެއް ދެއްވާނދޭވެ!"
އަދި ކިޔާށެވެ: "އޭ ފާފަފުއްސަވާ ރަސްކަލާނގެއެވެ! އަޅުގަނޑުގެ ފާފަ ފުއްސަވާނދޭވެ! އޭ ތައުބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ! އަޅުގަނޑުގެ ތައުބާ ޤަބޫލުކުރައްވާނދޭވެ!"
އަދި އަބަދުވެސް ތިބާ ޤުރުއާނުގައިވާ ބައެއް ދުޢާތަކާއި، ނަބިއްޔާ މުޙައްމަދު ﷺ ގެ ކިބައިން ރިވާވެފައިވާ ބައެއް ދުޢާތައް ހިތުދަސްކުރުމަށް މަސައްކަތްކުރާށެވެ.
މިސާލަކަށް رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ
މާނައީ: ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ]
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً
މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ!