މީސްތަކުން މިއަދު އެންމެ ބޮޑަށް ޣާފިލުވެފައިވަނީ ނަމާދާއިމެދުގައެވެ. ﷲ ތަޢާލާ ނަމާދަށް ދެއްވަވާފައިވާ ޤަދަރުގެ މަތިވެރިކަމަށް ވިސްނައިލިޔަސް ފަރުޟް 5 ނަމާދަށް ރައްކައުތެރިވާނެއެވެ.
ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވައި މެދުވެރިއަކާ ނުލައި ފަރުޟު ކުރެއްވެވީ ހަމައެކަނި ނަމާދެވެ!
ނަމާދުގެ އަޅުކަން ފަރުޟްކުރެއްވުމަށް ﷲ ތަޢާލާ އިރާދަކުރެއްވި ހިނދު، އެއިލާހުގެ ޙަޟްރަތަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ގެންދެވި (އުފުއްލެވި)އެވެ. އިސްރާއާއި މިޢްރާޖުގެ ރޭގައި އެމަތިވެރި ޝަރަފު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމައަށް ދެއްވުމަށް ފަހު ނަމާދުގެ މަތިވެރި އަޅުކަން އުއްމަތަށް ފަރުޟްކުރެވުނު ކަމުގެ ޚަބަރު އެއްވެސް ވާޞިޠާއެއް މެދުވެރިއަކު ނެތި ޚުދު ﷲ ތަޢާލާ ދެއްވިއެވެ. މިކަމުން ދޭހަވަނީ ނަމާދަށް ﷲ ޙަޟްރަތުގައި ދެވިފައިވާ މަޤާމެވެ. ރޯދަ އާއި ޒަކާތާއި ޙައްޖުފަދަ އަޅުކަންތައް ފަރުޟުކުރެވުނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ބިންމަތީގައި ހުންނަވަނިކޮށް ޖިބްރީލްގެފާނު މެދުވެރިކުރައްވައެވެ. ނަމާދަށް އިސްލާމްދީނުގައި ދެވިފައިވާ މަޤާމް މި ޙާދިޘާއިން ވަރަށް ރަނގަޅަށް ދޭހަވެގެންދެއެވެ.
އަޅުކަމުގެ އެހެނިހެން ކަންތަކަށްވުރެ ނަމާދަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހައްމިއްޔަތުކަމާއި މާތް ކަމާއި މަތިވެރިކަން އަންގައިދޭ އަނެއްކަމަކީ އިސްވެދިޔަ ރަސޫލުންނާއި ނަބިއްޔުންގެ މައްޗަށްވެސް ނަމާދު ފަރުޟުކުރައްވާފައިވުމެވެ. އިސްލާމްދީނުގެ ބައެއް އަޅުކަންތަކަކީ އެކި އެކި ނަބިއްޔުންގެ އުންމަތްތަކަށް ޚާއްޞަ އަޅުކަންތަކެކެވެ. ކޮންމެ ނަބިއްޔަކަށް އެ ނަބިއްޔަކަށް ޚާއްޞަ ޝަރީޢަތެއް ބާއްވައިލެއްވުނެވެ. ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ.
﴿ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ﴾ [المائدة 48]
މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ".
ނަމަވެސް ނަމާދަކީ ހުރިހާ ނަބިއްޔުންނާއި ރަސޫލުންގެ ޝަރީޢަތް ތަކުގައި ޝާމިލުވެގެންވާ އަޅުކަމެކެވެ. މިގޮތުން ބަލާއިރު މޫސާ ޢަލައިހިއްސަލާމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވެއެވެ.
﴿وَأَنَا اخْتَرْتُكَ فَاسْتَمِعْ لِمَا يُوحَىٰ﴾ * ﴿إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴾[طه 13-14]
މާނައީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނު ޚިޔާރު ކުރައްވައިފީމެވެ. ފަހެ، (ކަލޭގެފާނަށް) އިއްވަވާ ވަޙީއަށް ކަނުލައި އައްސަވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ ﷲ އެވެ. ތިމަންރަސްކަލާނގެ މެނުވީ، އިލާހަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު ޤާއިމް ކުރައްވާށެވެ!"
ފަހެ އިސްވެދިޔަ އާޔަތުގައި ﷲ ތަޢާލާ މޫސާގެފާނަށް އެންމެ ފުރަތަމަ އެއިލާހަށް އަޅުކަންކުރުމާއި ވަޙީބާއްވައިލެއްވުމާއި ވިދިގެން ދެން މިއަންގަވަނީ ނަމާދު ޤާއިމްކުރެއްވުމަށެވެ.
އަދި ޢީސާގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴾ * ﴿ وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴾[مريم 30-31]
މާނައީ: "އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، ﷲގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް، އެކަލާނގެ މިއަޅާޔަށް ވަޞިއްޔަތް ކުރެއްވިއެވެ".
އަދި ޙަލީލުﷲ އިބްރާހިމްގެފާނާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ.
﴿رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ ﴾[إبراهيم 37]
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ނަމާދުކޮށް އުޅުމަށްޓަކައެވެ".
މިމޭރުމުން އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَاذْكُرْ فِي الْكِتَابِ إِسْمَاعِيلَ إِنَّهُ كَانَ صَادِقَ الْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴿٥٤﴾ وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ وَكَانَ عِندَ رَبِّهِ مَرْضِيًّا ﴿٥٥﴾ [مريم 54-55]
މާނައީ: "ކަލޭގެފާނު މި ފޮތުން އިސްމާޢީލުގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، ވަޢުދުފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި ރަސޫލަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ. އަދި އެކަލޭގެފާނުގެ އަހުލު ވެރިންނަށް، ނަމާދު ކުރުމަށާއި، ޒަކާތްދީ އުޅުމަށް، އެކަލޭގެފާނު އަމުރު ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ".
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ نَافِلَةً وَكُلًّا جَعَلْنَا صَالِحِينَ ﴿٧٢﴾ وَجَعَلْنَاهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَا إِلَيْهِمْ فِعْلَ الْخَيْرَاتِ وَإِقَامَ الصَّلَاةِ وَإِيتَاءَ الزَّكَاةِ وَكَانُوا لَنَا عَابِدِينَ ﴿٧٣﴾ [الأنبياء 72-73]
މާނައީ: "އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: އިބްރާހިމުގެފާނަށް) އިސްޙާގުގެފާނު ދެއްވީމެވެ. އަދި އިތުރަށް ޔަޢްޤޫބުގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ހުރިހާ ބޭކަލުންނަކީ ޞާލިހުން ކަމުގައި ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު ޤާއިމް ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް ވަޙީ ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ".
އަދި ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ވާހަކައިގައިވެއެވެ.
﴿فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ﴾ [آل عمران 39]
މާނައީ: "ދެންފަހެ، އެކަލޭގެފާނު މިޙްރާބުގައި ނަމާދު ކުރެއްވުމުގައި ޤާއިމް ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، މަލާއިކަތުން ގޮވާލައްވައި ދެންނެވިއެވެ…".
އަދި ޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކައިގައި ބަޔާންކުރައްވާފައިވެއެވެ. ﴿فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿١٤٣﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿١٤٤﴾[الصافات 143-144]
މާނައީ: “ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ ޙާލުގައެވެ. ފަހެ، އެކަލޭގެފާނު ގިނަގިނައިން ތަސްބީޙަކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން މަޙްޝަރަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ".
އިބްނު ޢައްބާސްގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. الْمُسَبِّحِينَ(ގިނަގިނައިން تسبيح ކިޔާ މީހުން) މިބަހުގެ މާނައީ ނަމާދުކުރާމީހުންނެވެ.
މިމޭރުމުން ﷲ ތަޢާލާ ވަނީ ކީރިތި ޤުރުއާނުގައި އެކި އެކި އުންމަތްތަކަށް ނަމާދު ފަރުޟުކުރެވުނުކަން ބަޔާންކުރައްވާފައެވެ. އަދި ނަމާދުގެ ވަގުތުތަކަކީވެސް ހުރިހައި ޝަރީޢަތްތަކުގައިވެސް އެއްވަގުތުތަކެކެވެ. ނަމާދު ފަރުޟުކުރެވުނު ހިނދު ޖިބްރީލްގެފާނު ވަޑައިގެން ފަސް ނަމާދު، ކޮންމެ ނަމާދެއް އެނަމާދެއްގެ ވަގުތުގައި އަދާކުރައްވައި އެކަލޭގެފާނަށް އުގަންނަވައި ދެއްވިއެވެ. އެއަށް ފަހު ޖިބްރީލްގެފާނު ވިދާޅުވިއެވެ: “هَذَا وَقْتُ الْأَنْبِيَاءِ قَبْلَكَ” މާނައީ: "މިވަގުތުތަކަކީ އިސްވެދިޔަ ނަބިއްޔުންގެ ވެސް ވަގުތެވެ"
ޖިބްރީލްގެފާނު ޢަމަލީގޮތުން މާތް ނަބިއްޔާއަށް އުގަންނަވައި ދެއްވި ފަދައިން ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴾ [النساء 103] މާނައީ: "ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ".
އަދި މުއުމިނުންނަށް މަދަޙައިގެ ގޮތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿قَدْ أَفْلَحَ الْمُؤْمِنُونَ ﴿١﴾ الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ ﴿٢﴾﴾ [المؤمنون 1-2]
މާނައީ:”މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ".
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
((أَرَأَيْتُمْ لَوْ كَانَ بِبَابِ أَحَدِكُمْ نَهَرٌ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ، مَاذَا تَقُولُونَ ذَاكَ يُبْقِي مِنْ دَرَنِهِ؟)) قَالُوا: لَا يُبْقِي مِنْ دَرَنِهِ شَيْئًا، قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:((فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللَّهُ بِهِنَّ الْخَطَايَا)) [متفق عليه]
މާނައީ: "ތިޔަބައިމީހުން ނުދެކެމުހެއްޔެވެ؟ ތިޔަބަމީހުންގެ ތެރެއިން މީހެއްގެ ދޮރު ކުރިމަތީގައި ވާ ކޯރަކުން ދުވާލަކު ފަސްފަހަރު ފެންވަރާ މީހެއްގެ ހަށިގަނޑުގައި ހަޑިކަމެއް ހުންނާނެހެއްޔެވެ؟ ޞަޙާބީންދެންނެވިއެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ހަޑިކަމެއް ނުހުންނާނެއެވެ. ރަސޫލު ﷲ ޙަދީޘްކުރެއްވިއެވެ. އެމީހާގެ މިސާލީ ފަސްނަމާދުގެ މިސާލެވެ. ފަސްފަހަރު ފެންވަރާ މީހާގެ ޖިސްމުގައި ހަޑިކަމެއް ނުހުންނާނެ ފަދައިން ފަސް ނަމާދު އަދާކުރާމީހާގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާ( ޠާހިރުކުރައްވާ)ނެތެވެ".
ނަމާދަށް ދިއުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް ﷲ ތަޢާލާ ހެޔޮކަމެއް ލިޔުއްވަތެވެ، އަދި ދަރަޖައެއް މަތިވެރިކުރައްވަތެވެ، އަދި ފާފައެއް ފުއްސަވަތެވެ.
((إِذَا تَوَضَّأَ الرَّجُلُ فَأَحْسَنَ الْوضُوءَ، ثُمَّ أَتَى الْمَسْجِدَ لَا يُرِيدُ إِلَّا الصَّلَاةَ، لَمْ يَخْطُ خُطْوَةً إِلَّا رُفِعَ بِهَا دَرَجَةً، وَحُطَّ عَنْهُ بِهَا خَطِيئَةٌ)) [متفق عليه]
މާނައި:” މީހަކު ވުޟޫކޮށް އެވުޟޫ ފުރިހަމަ ކޮށް، އެއަށްފަހު ހަމައެކަނި ނަމާދަށް އެދިގެންވާ ޙާލު މިސްކިތަށް އައިސްފިނަމަ (ފަހެ) އޭނާ އަޅާކޮންމެ ފިޔަވަޅަކަށް ދަރަޖައެއް އުފުއްލެވޭނެތެވެ. އަދި ފާފައެއް ފުއްސެވޭނެތެވެ”.
(ނުނިމޭ)
- ޝައިޚް އަހްމަދު ރިމާޒްގެ ލިޔުއްވުމަކުން