ދީނަށް ޚިދުމަތްކުރަން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި! ދީނަށް ނަޞްރުދޭ މީހަކަށް ﷲ ތަޢާލާ ނަބްރު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދީނަށް ޚިދުމަތްކުރަން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ގިނަ ކަންތައްތަކެއް އެބަހުރި! ދީނަށް ނަޞްރުދޭ މީހަކަށް ﷲ ތަޢާލާ ނަބްރު ދެއްވަވާނެ! އިން ޝާ ﷲ

ކޮންމެ މުސްލިމަކީވެސް އިސްލާމް ދީނަށް ޚިދުމަތްކުރެވޭނެ މީހެކެވެ. ފުރަތަމަ ކަމަކަށް އޮތީ އެމީހަކު ދީނަށް ޢަމަލުކުރުމެވެ. އެއަށްފަހު އޮތީ ﷲ ތަޢާލާގެ ދީން މަތިވެރިކޮށް ކުރިއަރުވަން އެމީހަކަށް ކުރެވެން އޮތް ކަމެއް ކުރުމެވެ.

އިސްލާމް ދީނާއިބެހޭގޮތުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލަންޖެހޭ 3 ސުވާލެއްވެއެވެ. 1 ތިމާއަށް ދީން އެނގެނީ ކިހައިވަރަކަށްތޯ؟ 2 ދީނަށް ޢަމަލުކުރެވެނީ ކިހައިވަރަކަށްތޯ؟ 3 ﷲ ތަޢާލާގެ ދީން ފަތުރަން ތިމާއަށް ކުރެވެނީ ކޮންކަމެއްތޯ؟

މި 3 ސުވާލަކީ އެމީހަކާއި ޤިޔާމަތްދުވަހު ކުރިމަތިވާނެ 3 ސުވާލެވެ. ދީން ނުއެނގޭކަމަށް ބުނެ ޙުއްޖަތެއް ނުދެއްކޭނެއެވެ. ދީނަށް އަމަލުނުކޮށް ބަހަނާއެއް ނުދެއްކާނެއެވެ. އަދި ދީން ފަތުރަން މަސައްކަތް ނުކޮށް ވެސް ބަހަނާއެއް ނުދެއްކޭނެއެވެ. ކޮންމެ މުސްލިމަކީވެސް ދީނަށް ޢަމަލުކުރަންޖެހޭނެ، އެމީހެއްގެ ފެންވަރުން ދީން ކުރިއަރުވަން މަސައްކަތްކުރެވޭނެ، އަދި ކުރަންޖެހޭނެ ވެސް މީހެކެވެ.

އަންހެންކު ނަމަ އޭނާ ފޭރާންލައި އުޅޭގޮތާއި މީސްތަކުންގެ ތެރޭގައި އުޅޭއިރު ބަހައްޓާ ރިވެތި އަޚްލާޤީ ސިފަތަކަކީވެސް ދީން ކުރިއަރުވަންކުރެވޭނެ ކަމެކެވެ. އަދި ފިރިހެނުންވެސް މުސްލިމެއްގެ ސިފައިގައި ތިބުމާއި މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކަށް ޢަމަލުތައް ބހެއްޓުމަކީވެސް ދީން ކުރިއަރުވަން ކުރެވިދާނެ ކަމެކެވެ.

މިހާރަކަށް މުޙައްމަދު، ޚަދީޖާ ފަދަ މަތިވެރިވެގެންވާ ނަންތައް ކިޔާ މުސްލިމުން އެމީހުންގާތު ނަން އެހުމުން ކޮންމެވެސް ވަނަމެއް އެބަ ބުނެއެވެ. ޚަދީޖާކިޔާނަމަ ދީޖާއަކަށްވެ ފަހުން ޑީޖޭއަކަށްވެސް އެބަ ބަދަލުވެއެވެ. މުސްލިމުން އެމީހުންނަށް ކިޔާ މުސްލިމް ނަން ދެމެހެއްޓުމަކީވެސް ދީން ކުރިއަރުވަން ކުރެވިދާނެ ކަމެކެވެ.

ވީމާ ކޮންމެ މީހަކުވެސް އެމީހަކަށް ވެވުނުވަރަކުން ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާށެވެ! ޖަވާބުދާރީވެވޭނީ އެއިރުންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން