ވިސްނާށެވެ! ދުނިޔޭގެ އެއްވެސް މީހަކަށް ކުރިމަތިނުވާ އައު ކަމެއް އެއްވެސް މީހަކަށް ކުރިމައްޗެއް ނުވާނެއެވެ. އެކަމުން އެނގެނީ އަބަދުވެސް ކަންކަން ކުރިމަތިވަމުން އަންނަ ކަމެވެ. އަދި ޔަޤީންކުރަންވީ ކުރިމަތިވި ކަންތަކުން އަރައިގަނެވޭނެ ކަމެވެ. އިން ޝާ ﷲ
މިއާޔަތަށް ވިސްނައިލާށެވެ!
"އެއުރެން މުއްމިނުން ކަމުގައި ނުވުމުން (އެކަމުގެ ހިތާމައިގައި) ކަލޭގެފާނުގެ ނަފްސް ހަލާކުކޮށްލައްވަވަނީތޯއެވެ؟ (އެބަހީ އެހެން ނުހައްދަވާށެވެ!)"
މި އާޔަތުން އެނގިގެންދަނީ އެއްވެސް ކަމެއް މެދުވެރިވެގެން އެކަމުގެ ހިތާމައިގައި އެމީހާގެ ނަފްސް ހަލާކުގެ ތެރެއަށް ވައްޓާލައިގެން ނުވާނެ ކަމެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ކަމެވެ.
މިހާރަކަށް އައިސް އެންމެ ގިނަ ބައަކު ޑިޕްރެޝަނަށްދާ އެއް ސަބަބުކަމަށްވެފައި އޮންނަނީ ޒަވާޖީ ޙަޔާތުގައި ކުރިމަތިޥާ މައްސަލަތަކެވެ. އެންމެ ލޯބިވާ މީހާ ނުލިބުމުން ނުވަތަ ޒަވާޖީ ޙަޔާތް ރޫޅުމުން ކުރިމަތިވާ ކަންބޮޑުވުމެވެ.
އެއްބައަކު އެމީހުން ލޯބިވާ ލޯބިވެރިޔާގެ ލޯބި ނުލިބިގެން ހިތްދަތިވާއިރު އަނެއްބައަކު ހިތްދަތިވާ ސަބަބުތައް ތަފާތުވެދާނެއެވެ. ދަރިންގެ ލޯބި ނުލިބިގެން މައިން ބަފައިން ހިތާމަކުރާއިރު މައިންބަފައިންގެ ލޯބި ނުލިބިގެން ހިތާމަކުރާ ދަރިންވެސް މަދެއް ނޫނެވެ. ޤަބޫލުކުރަންޖެހޭ ކަމަކީ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ސަބަބަކީ އެމީހަކު ލޯބިވާ މީހެއްގެ ލޯބިނުލިބުން ކަމެވެ.
ދެމީހަކު ވަރަށް ލޯބިން ގުޅިގެން އެތައް އަހަރުތަކެއްވަންދެން ދިރިއުޅުމަށްފަހު އެކެއްގެ ބޭނުންތައް ޙާޞިލުވުމުން، އޭނާގެ ދިރިއުޅުން ފުރިހަމަވުމުން އަނެކާގެ މޫނުގައި ވަކިއަޅައި ބުރަކަށީގައި ކޮޅުފައިން ޖަހައި ބޭރުކޮށްލުމަކީ ވެސް ހަމަ ހިނގަމުން އަންނަ ކަންކަމެވެ. އެކަންކަން ހަމަ އެގޮތަށް ނުހިނގާނެ ގޮތެއްވެސް ނުހެދޭނެއެވެ. އެއީ ދުނިޔޭގެ އާދަކަމަށްވުމުންނެވެ.
މިފަދަ ޙާލަތްތަކުގައި ވޭން އުފުލަންޖެހޭ މީހާ މާޔޫސްވެ ޑިޕްރެޝަނަށްދާންޖެހުމަކީ ކޮންމެ ދުވަހަކުހެން ހަމަ ހިނގަމުން އަންނަ ކަންކަމެވެ. މިހާލަތުގައިވެސް ހިތްވަރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. މި ބަޔާންކުރި އާޔަތުގައިވާ ފަދައިން އަމިއްލަ ނަފްސަށް ގެއްލުންދޭ މީހަކަށް ނުވާށެވެ!
ބޭސްފަރުވާކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާށެވެ! އެކަމަކުވެސް ޔަޤީންކުރަންވީ ބޭސްގުޅައަކީ އެއްވެސް ކަމަކަށް ޙައްލު ހޯދައިދިނުމުގެ ބާރު ލިބިގެންވާ އެއްޗެއް ނޫނެވެ. ޙައްލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ފުރަތަމަކަމަކަށްވެސް އެކަލާނގެއާއި ކުއްތަންވާން އިތުރަށް މަސައްކަތްކުރާށެވެ. ﷲ ތަޢާލާއަށް ވަކީލްކޮށް ޝުކުރުވެރިވުމުން ދެއްވަވާނެ ނިޢްމަތްތައް މާބޮޑުވާނެކަން އަބަދުވެސް ޔަޤީންކުރާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން