ކިތަންމެ ގާތަސް ކައިވެނި ނުކުރެވި ހުރިމީހަކަށްވެސް ދަރިން ނުލިބޭތީވެސް ހިތުގަ ޖެހޭނެފަދަ ބަހެއް ނުބުނާށެވެ! އެކަންވާނީ ދެވޭ ބޮޑު އަނިޔާއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކިތަންމެ ގާތަސް ކައިވެނި ނުކުރެވި ހުރިމީހަކަށްވެސް ދަރިން ނުލިބޭތީވެސް ހިތުގަ ޖެހޭނެފަދަ ބަހެއް ނުބުނާށެވެ! އެކަންވާނީ ދެވޭ ބޮޑު އަނިޔާއަކަށް!

އެއްވެސް ދެމީހަކަށް ކަންކަން މެދުވެރިވާނީ އެއްގޮތަކަށް ކަމަށް ނުދެކޭށެވެ! ޙާލަތު އެކި މީހުންނަށް މެދުވެރިވާނީ އެކި ގޮތަށެވެ. ވީމާ ކަންކަމުގައި ބަސްބުނަންވާނީ ވަރަށް ވިސްނައިގެންނެވެ.

ކޮންމެ މީހެއްގެ ކިބައިގައިވެސް ސިއްރުތަކެއް ހުންނާނެއެވެ. ވީމާ އެސިއްރު ހޯދަން މަސައްކަތްކުރުމެއްވެސް ނެތެވެ. ހަމައެއާއިއެކު ޤަބޫލުކުރަން ޖެހޭނެ އެއް ކަމަކީ އެންމެންނަކީ އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް އެންމެންނަށް ކިޔައިދޭން ބޭނުންވާނެ ބައަކު ނޫންކަމެވެ. އަހުރެމެންނަށް އޮތީ އެމީހުންގެ ވިސްނުމަށް އިޙްތިރާމްކުރުމެވެ.

މީސްމީހުންނާއި އެމީހުންގެ އަމިއްލަ ޒާތީ ކަންކަމުގައި ސުވާލުކުރަންވާނީ އެމީހެއްގެ ހިތުގައި ނުޖެހޭނެ ގޮތް ބަލައިގެންނެވެ. އެކަމުން އެމީހަކަށް އެއްވެސް ތަކްލީފެއް ނުލިބޭނެ ގޮތަށެވެ. ވީމާ ސުވާލުކޮށް ހެދުމުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

މީހަކު ކައިވެނިނުކޮށް ހުރުމުން ނުވަތަ ދެމަފިރިއަކަށް ދަރިން ލިބުން ލަސްވުން ފަދަ ކަންކަމާއި ގުޅިގެން އެއްވެސް މީހަކާއި ސުވާލުނުކުރާށެވެ. އެއީ އެމީހުންގެ ޒާތީ ކަންކަމެވެ. ކައިވެނި ނުކޮށް ހުރީ އޭނާ ބޭނުންވާފަދަ ތަޤްވާވެރި ބައިވެރިއަކު އަދި ނުލިބޭތީކަމަށްވެސްވެދާނެއެވެ. ނުވަތަ އެކަނި ހުންނަން ބޭނުންވާ ސަބަބެއްވެސް އޮވެދާނެއެވެ. އެކަން އެމީހަކަށް ދޫކޮށްލާށެވެ!

ހަމައެފަދައިން ދެމަފިރިއަކަށް ދަރިއަކު އަދި ނުލިބެނީ ޞިއްހީ މައްސަލައަކުން ނުވަތަ އެދެމަފިރިން އަދި ދަރިއަކު ހޯދަން ބޭނުންނުވާތީކަމަށްވެސް ވެދާނެއެވެ. ޞިއްޙަތު ހަމަ ރަނގަޅުކަމަށާއި ދަރިން ހޯދަން މަސައްކަތްކުރުމުން ވެސް އަދި ﷲ ތަޢާލާ ނުދެއްވަވަނީ ކަމަށްވެސް ވެދާނެއެވެ.

މިފަދަ ކޮންމެ ކަމަކީވެސް މީސްމީހުންގެ ޒާތީ ކަންކަމެވެ. އެއްވެސް މީހެއްގެ ޒާތީ ކަންކަމުގަ ސުވާލުކުރާނަމަ އެމީހަކު ކަންބޮޑުވާނެއެވެ. ދެރަވެސްވެދާނެއެވެ. ހިތުގަވެސް ޖެހޭނެއެވެ. މިސާލަކަށް އެމީހަކު ޙާޞިލުކުރަން ބޭނުންވި ނަމަވެސް އެކަން ﷲ ތަޢާލާ ހިންމަވައި ނުދެއްވަވާތީ އެކަމުގެ ކަންބޮޑުވުމުގައި ހުންނަ މީހަކާއި އެފަދަ ކަމެއްގައި ސުވާލުކުރެވިއްޖެނަމަ ވަރަށް ހިތި އަސަރުތަކެއްވެސް ކޮށްފާނެއެވެ. އެއިރުން އެމީހަކަށް އެދެވެނީ ވަރަށް ބޮޑު އަނިޔާއެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން