ފައިސާނެތި އަތްމަތި ހުސްވިޔަސް ކަންބޮޑުނުވެ މިމަގުން ޢަމަލުކުރާ މީހަކު ނިކަމެތި ނުކުރައްވަވާނެ! ދަތިކަން ޙައްލުވެ އުފާވެރިކަން ލިބޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ފައިސާނެތި އަތްމަތި ހުސްވިޔަސް ކަންބޮޑުނުވެ މިމަގުން ޢަމަލުކުރާ މީހަކު ނިކަމެތި ނުކުރައްވަވާނެ! ދަތިކަން ޙައްލުވެ އުފާވެރިކަން ލިބޭނެ! އިން ޝާ ﷲ

ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ މަދުބައަކު ފުދިގެން ތަނަވަސްކަމުގައި އުދުހުނު ނަމަވެސް ގިނަ ބައަކަށް އުޅެންޖެހިފައި މިވަނީ ވަރަށް ދަތިޙާލަތުގައެވެ. އެހެންވެ އެކަމުގެ މައްޗަށް ބަލައިލަމުން މިރޭ ފުރަތަމަވެސް މިފަށަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅަކުންނެވެ. އަލް ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުންނެވެ.

"އަދި ތިމަންރަސްކަލާނގެ އާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ތިމަންރަސްކަލާނގެ ޢިޖާބަކުރައްވަވަމެވެ. ފަހެ އެއުރެން (އެބަހީ ތިޮމަންރަސްކަލާނގެ އަޅުން) ތިމަން ރަސްކަލާނގެއަށް ޢިޖާބަދޭހުށިކަމެވެ. އަދ އެއުރެން ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." (އަލް ބަޤަރާ: 186)

މިއާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ އެލާނގެ މީސްތަކުންނާއި ކުއްތަންވެވޮޑިގެންވާކަމަށެވެ. އެންމެ ގާތުގައިވާކަމަށެވެ. މީސްތަކުން ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ ޢިޖާބަކުރައްވަވާކަމަށެވެ.

ތަފާތު ސަބަބުތަކާއިހުރެ މާލީ ދަތިކަން އިތުރުވާނެ ކަމުގެ އިންޒާރުތައް އަބަދުވެސް މިދަނީ ލިބެމުންނެވެ. އަހަރެމެން އެންމެންނަށްވެސް މިވަނީ މުޅިދުނިޔެއަށް ޢާންމުވެފައިވާ ދަތިކަމުގެ އަސަރުފޯރައިފައެވެ. ކޮންމެވެސް ސިފައެއްގައި ދަތިކަން އިޙްޞާބްކުރަން ޖެހިފައިނުވާ ހަމައެކަކުވެސް މިވަގުތު ދުނިޔޭގައި ހުރެދާނެކަމަށްވެސް ބުނެވޭކަށް ނެތެވެ. މިހައި ދަތިހާލުގައި ތިބެންޖެހިފައިވާއިރު ދެން ސުވާލުކޮށްލަން ބޭނުންވަނީ ތިއަބައިމީހުންނާއިއެވެ.

ތިއަބައިމީހުންގެ ތެރެއިން މީހަކު ދުވާލަކު ﷲ ތަޢާލާ އާއިއެކު ހޭދަކުރަނީ ކިހައިވަގުތެއް ހެއްޔެވެ؟ ﷲ ތަޢާލާގެމަތިން ހަނދުމަކޮށް ޛިކުރުކުރަނީ ކިހައި އިރަކުހެއްޔެވެ؟ ޖެހިފައިވާ މުޞީބާތްތަކުން ސަލާމަތްކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަނީ ކިތައްފަހަރުހެއްޔެވެ؟ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަނީ ކިތައްފަހަރު ހެއްޔެވެ؟

މިއީ ފުރަތަމަ ކުރަންޖެހޭ ސުވާލުތަކެވެ. ދެން ދައްކަންއޮތީ ގިނަބައަކު އެމީހުންގެ ޙަޔާތުގެ ވަގުތުތައް ހޭދަކުރާ ގޮތުގެ ވާހަކައެވެ.

ގިނަބައަކު ވަގުތުތައް ހޭދަކުރަނީ ކޮންމެވެސް އެހެން މީހެއްގެ ކަންކަމާއިބެހުމަށެވެ. ކޮންމެވެސް ދެމަފިރިއަކު ވަރިވެއްޖެތޯ ބެލުމަށެވެ؟ މިވެނި މީހަކު ކައިވެނިކޮށްފިކަން ބެލުމަށެވެ. މިވެނި މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކަމެއްގެ ވާހަކަ ދެއްކުމަށެވެ. އެހެން ޢިބާރާތަކުން ބުނާނަމަ ތިމާ އާއި އެއްވެސް ގޮތަކުން ގުޅުން ނެތް ކަންކަމުގެ ވާހަކަދެއްކުމަށެވެ. ޣީބަބުނެ ތިމާގެ މުސްލިމް އަޚުންގެ މުޅަމަސް ކެއުމަށެވެ.

އަޅެނިކަން ބުނެބަލާށެވެ! ޢާއިލާގެ މެދުގައިވެސް އެކުވެރިންގެ މެދުގައިވެސް ﷲ ތަޢާލާ އާއިބެހޭގޮތުން ވާހަކަ ދައްކަމުހެއްޔެވެ؟ ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމާއި ބެހޭގޮތުން ވާހަކަ ދައްކަމުހެއްޔެވެ؟ ތިމާކުރާ އަޅުކަން މިހާރަށްވުރެ ފުރިހަމަކޮށް އިތުރުކުރުމުގެ ވާހަކަ ދައްކަމު ހެއްޔެވެ؟

ﷲ ތަޢާލާ ވަޙީކުރައްވަވާފައިއެވަނީ މީސްތަކުންނާއި އެންމެ ގާތުގައި ވޮޑިގެންވާކަމަށެވެ. އަޅުތަކުން ދުޢާކުރުމުން ޢިޖާބަކުރައްވަވާކަމަށެވެ. ނަމަވެސް ތިބާގެ ފަރާތުން އުފުލިގެންދަނީ އެކަންކަމުގެ އަޑުތަކެއް ނޫނެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންކަމުގެ ވާހަކަތަކެވެ. ވީއިރު ތިބާއަށް ކުރިމަތިވެފައިވާ ދަތިޙާލަތުން އަރައިގަތުމަށް ﷲ ތަޢާލާގެ އެހީތެރިވެވޮޑިގަތުން ލިބޭނީ ކިހިނަކުންހެއްޔެވެ؟

މީސްތަކުންނޭވެ! ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަންނަން އެދޭނަމަ މިދެއްކި ވާހަކަކޮޅަށް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެން އޮތްމަގުން ކުރިއަށްދާން ގަދައަލައި މަސައްކަތްކުރާށެވެ! އެމީހަކަށް ކަންކަން ފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ --ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން