މި ފަސް ކަންތައް ކުރާނަމަ މައިންބަފައިން ތިބޭނީ އުފަލުގަ! އެކަމުގެ ފައިދާ ދުނިޔޭގަވެސް ކުރާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މި ފަސް ކަންތައް ކުރާނަމަ މައިންބަފައިން ތިބޭނީ އުފަލުގަ! އެކަމުގެ ފައިދާ ދުނިޔޭގަވެސް ކުރާނެ! އިން ޝާ ﷲ

މައިންބަފައިންގެ ރުހުމާއި ލޯބި ހޯދަން ކުރަންހުރި ކަންކަމަށްބަލާއިރު ކުރަންޖެހޭ އެއްވެސް ކަމަކީ މާބޮޑެތި ކަންކަމެއް ނޫނެވެ. އެންމެ ބޮޑު ސަބަބަކީ ދަރިންނަށް ކޮށް ނުދެވޭނެ ކަމަކަށް މައިންބަފައިން ނުއެދޭނެތީއެވެ.  

މައިންބަފައިން ދަރިންގެ ކިބައިން ކަމަކަށް އެދޭނީ އެހެން ގޮތެއް ނެތުނީމައެވެ. ދަރިންނަށް އޮތީ ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް އެކަމެއް ވީހާއަވަހަކަށް ކޮށްދިނުމެވެ.  

ވިސްނައިލާށެވެ! ކުޑަކުދިންނަށް ރަޙުމް ނުކުރާ އަދި ޢުމުރުން ދުވަސްވެފައިވާ މީހުންނަށް ޙައްޤު ޤަދަރާއި ޢިއްޒަތް ނުދޭ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިންވާ މީހެއް ނޫންކަމަށް ޙަދީޘްފުޅުގައި އޮވެއެވެ.  

އެހެންކަމަށްވާއިރު ދަރިންނަށް ރަޙުމްކޮށް އޯގާތެރިވުމާއި ޢުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް ހެޔޮކޮށްހިތައި އެމީހުން އުފަލުގައި ބައިތިއްބަން ކުރަންޖެހޭ މަސައްކަތް އެއޮތީ އެނގޭށެވެ.  

ޢުމުރުން ދުވަސްވީ މީހުންގެ ވާހަކަދައްކާނަމަ ފުރަތަމަވެސް ސަމާލުކަންދޭންވީ މައިންބަފައިންނަށެވެ. އެމީހުން އުފަލުގައި ބެއިތިއްބުމަށެވެ. ވީމާ މިކިޔައިދެނީ މައިންބަފައިން އުފަލުގައި ބައިތިއްބަން ކުރެވިދާނެ 5 ކަމެކެވެ.  

1 ބަސްޤަބޫލުކޮށް ކިޔަމަންތެރިވުން 

2 ކަންކަންކުރާއިރު މައިންބަފައިންނާ މަޝްވަރާކޮށް ލަފާހޯދާށެވެ. އެކަމަކަށް އެމީހުންދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ. އެކަމުން އެނގިގެންދަނީ އެމީހުންގެ އަގުވަޒަންކުރާ ކަމެވެ. 

3 މައިންބަފައިންނަށް ހެޔޮކޮށް ހިތައި އެމީހުންގެ ބޭނުންތައް ފުއްދައިދޭށެވެ. އެމީހުންނަށް ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއް ކޮށްދިނުމަށް އަވަސްވެގެންނާށެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ.  

4 އެމީހުންނަށްޓަކައި ހެޔޮދުޢާކުރާށެވެ. މަރުވުމުންވެސް ހަނދާން ނައްތައިނުލާ ދުޢާކުރަމުން ގެންދާށެވެ. މަރުވުމަށްފަހު ފައިދާކުރާނެ ކަންކަމުގެ ތެރޭގައި ހެޔޮލަފާ ދަރިންގެ ދުޢާ ހިމެނޭކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.  

5 ތިބާއަށްޓަކައި މައިންބަފައިން ކޮށްދިން ކަންކަން ފާހަގަކޮށް އެކަންކަމަށް ޝުކުރުއަދާކުރާށެވެ. އެއިރުން އެމީހުން ތިބާއަށްޓަކައި އުފުލި ބޮޑުބުރައިގެ އަގު ތިބާވަޒަންކުރާކަން އެމީހުންނަށް ޤަބޫލުކުރެވި އެކަމަށްޓަކައި އުފާކުރާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން