ދަރިއަކު ނުލިބިގެން ކަންބޮޑުވާނަމަ ކުރަންހުރި ޢަމަލުތަކާ ތަރުތީބު: ފަހްދް އަލް ކުންދްރީ

ކިޔުމަށް ހޭދަވާނީ 8މ 54ސ
ދަރިއަކު ނުލިބިގެން ކަންބޮޑުވާނަމަ ކުރަންހުރި ޢަމަލުތަކާ ތަރުތީބު: ފަހްދް އަލް ކުންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚްއަށް ކުރެވުނު ސުވާލު:

ޝައިޚް! އަޅުގަނޑު ކައިވެނިކުރިތާ މިހާރު ތިން އަހަރު ވެއްޖެއެވެ. ނަމަވެސް ﷲ ގެ ހަޟުރަތުން ދަރިފުޅެއްގެ ނިޢުމަތް އަދިވެސް ލިބިފައެއް ނުވެއެވެ. ހަމައެކަނި ދުޢާކުރުމުން ފުދޭނެތޯ؟ ނުވަތަ ޑޮކްޓަރަކާ ބައްދަލުކުރަންވެސް ޖެހޭނެތޯއެވެ؟ 

ޝައިޚުގެ ޖަވާބު: 

ޑޮކްޓަރަށް ޒިޔާރަތްކުރުމުގެ ކުރިން ތިބާ ވަރަށް މުހިންމު ކަމެއް ދެނެގަންނަންޖެހޭނެއެވެ. ދަރިންނަކީ މުދާ ފަދައިން، ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ރިޒުޤެކެވެ. އަދި ބާކީ ހުރިހާ ކަމަކީ ހަމައެކަނި ސަބަބުތަކެކެވެ. ސޫރަތުއް ޝޫރާގެ 49 އަދި 50 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ ކީކޭތޯ ތިބާ ކަނުލާ އަޑުއަހާށެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾‏ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ ﴿٥٠﴾‏ ۞

މާނައީ: "އުޑުތަކާއި، ބިމުގެ ވެރިކަންވަނީ اللَّه އަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. (49) ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (50)" 

މި ރިޒުޤު (ނުވަތަ ދަރިފުޅެއް) ހޯދުމަށް ތިބާގެ ހިތް އެދޭނަމަ، ފުރަތަމަ ކަމަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުން އެދި ދުޢާ ދަންނަވާށެވެ. އެއަށްފަހު، އެކަމަށް ބޭނުންވާ ސަބަބުތަކަށްޓަކައި ޑޮކްޓަރީ ފަރުވާ ހޯދުން މުހިންމެވެ. 

މިކަމުގައި އަޅުގަނޑުމެންނަށް ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ ކިބައިގައި މޮޅު ނަމޫނާއެއް ވެއެވެ. ބުނެވޭގޮތުގައި، ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ އުމުރުފުޅު ހަތްދިހައަށްވުރެ މަތިވެފައިވާއިރު، އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، މެޑިކަލް ގޮތުން ދަރިއަކު ލިބިވަޑައިގަތުމުގެ ނުވަތަ ބަނޑުއުފުލުމުގެ ކުޅަދާނަކަން ނެތް ކަނބަލެކެވެ. އެހެންނަމަވެސް، ޒަކަރިއްޔާ ޢަލައިހިއްސަލާމް ދުޢާކުރުމުގައި މާޔޫސްވެވަޑައެއް ނުގަންނަވައެވެ. 

ﷲ ތަޢާލާ އަންބިޔާ ސޫރަތުގެ 89 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَزَكَرِيَّا إِذْ نَادَىٰ رَبَّهُ رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ ﴿٨٩﴾‏

މާނައީ: "އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. (89)" 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރެއްވިއެވެ. އަދި އެކަލޭގެފާނު ނަމާދުކުރައްވަނިކޮށް އެކަލާނގެ ދަރިއަކު ދެއްވާކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 39 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَابِ أَنَّ اللَّهَ يُبَشِّرُكَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّهِ وَسَيِّدًا وَحَصُورًا وَنَبِيًّا مِّنَ الصَّالِحِينَ ﴿٣٩﴾‏

މާނައީ: "ދެންފަހެ، އެކަލޭގެފާނު محراب ގައި ނަމާދު ކުރެއްވުމުގައި قائم ވެވަޑައިގެން ހުންނަވަނިކޮށް، އެކަލޭގެފާނަށް، ملائكة ން ގޮވާލައްވައި ދެންނެވިއެވެ. ހަމަކަށަވަރުން، اللَّه، ކަލޭގެފާނަށް يحيى ގެފާނު ދެއްވާނެކަމުގެ އުފާވެރި خبر ދެއްވަތެވެ. اللَّه ގެ حضرة ންވާ كلمة ފުޅެއް ތެދުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ. އަދި، (އެކަލޭގެފާނު ވާހުށީ) މާތް ސާހިބެއްކަމަށާއި، އަންހެނުންނާ ދުރުހެލިވެ ރައްކާތެރިވެވަޑައިގެންވާ ބޭކަލެއްކަމަށާއި، صالح ންގެ ތެރެއިންވާ ނަބީބޭކަލެއްކަމަށެވެ. (39)" 

ވީމާ، އަޅުގަނޑުގެ ނަސޭހަތަކީ ތިޔަ ފަރާތުން މި ދެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމެވެ: އެއީ ދުޢާކުރުމާއި ނަމާދުކުރުމެވެ. އަދި ޤުރުއާނުން އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދަރިން ލިބުމުގެ ރިޒުޤު ލިބިގަތުމަށް އޮތް އެންމެ މުހިންމު ދޮރަކީ އިސްތިޣްފާރުކުރުމެވެ. 

ﷲ ތަޢާލާ ނޫޙް ސޫރަތުގެ 10، 11 އަދި 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾‏ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾‏ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾‏

މާނައީ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)" 

ތިބާއަށް ނަސޭހަތެއް އެބައޮތެވެ. ދަރިފަސްކޮޅެއް ދެއްވުން އެދި، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ދުޢާ ދަންނަވާއިރު، އަބަދުވެސް ރަނގަޅު، ޞާލިޙު ދަރިފަސްކޮޅެއް ދެއްވުން އެދި ދުޢާކުރެއްވުމަށް ސަމާލުކަން ދެއްވާށެވެ. ހަމައެކަނި ދަރިއަކު، ފިރިހެން ކުއްޖެއް ނުވަތަ އަންހެން ކުއްޖެއް ދެއްވުން އެދި ދުޢާ ދެންނެވުމުގެ ބަދަލުގައި، ނަބީބޭކަލުން ދުޢާކުރެއްވި ފަދައިން ދުޢާކުރެއްވުމަކީ މުހިއްމު ކަމެކެވެ. 

رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ

މާނައީ: އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. 

އެހެންކަމުން ތިބާއަށް އަހުރެން  ދޭނެ ޖަވާބަކީ، އިސްތިޣްފާރު ކުރުމާއި، ނަމާދު ކުރުމާއި، ދުޢާ ކުރުމުގައި ދެމިހުރުމަށެވެ. އޭގެ ސަބަބުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޛުނަފުޅުން، ޢާލަމްތަކުގެ ވެރި ރައްބު، ތިބާއަށް ދަރިއަކު ދެއްވާނެތެވެ. އިން ޝާ ﷲ 

- ފަހްދް އަލް ކުންދްރީގެ ދަރުސަކުން

 

                    

 

މިއަދު އޮންލައިން