ގިނަ މީހުން ވަރިވަނީވެސް ވަރިކުރަނީވެސް ޝައިޠޯނާ ދައްކާ ހުވަފެންތައް ޤަބޫލުކުރެވޭތީ! ބައިވެރިޔާގެ ކުށް ބޮޑުވެގެނެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ގިނަ މީހުން ވަރިވަނީވެސް ވަރިކުރަނީވެސް ޝައިޠޯނާ ދައްކާ ހުވަފެންތައް ޤަބޫލުކުރެވޭތީ! ބައިވެރިޔާގެ ކުށް ބޮޑުވެގެނެއް ނޫން!

ވަރަށް ގިނައިން އީމޭލް ފޮނުވައި ކުރާ ސުވާލެކެވެ. އަހުރެން ވަރިވީ އަމިއްލައަށް އެދިގެންނެވެ. އެކަމަކު މިހާރު ބޭނުންވަނީ އަލުން ކައިވެނިކުރާށެވެ؟ ކަންތައް ކުރަންވީ ކިހިނަކުން ހެއްޔެވެ؟ މިސުވާލު ފިރިހެނުންވެސް ކުރެއެވެ. "އަހުރެން އަނބިމީހާ ވަރިކުރީ އަމިއްލައަށެވެ. އެކުގައި އުޅެން އަނބިމީހާ ބޭނުންވެގެން ހުއްޓައެވެ. އެކަމަކު މިހާރު ބޭނުންވަނީ އަލުން ކައިވެނިކުރާށެވެ؟ ކަންތައް ކުރަންވީ ކިހިނަކުން ހެއްޔެވެ؟" 

އަހުރެން ބުނަމެވެ. ކައިވެނިކުރަން ތިއަ އުޅެނީ އެކުގައި ނުއުޅެން ވެގެން ވަކިވި މީހާއާއިއެވެ. ތިއަ ކަމުގައި ފުރަތަމަ އޮތީ ދެމީހުން މަޝްވަރާކުރުން ނޫންހެއްޔެވެ؟ އެހެން މީހަކާ ސުވާލުކުރަންވާނީ ދެމީހުންގެ މެދުގައި ރަނގަޅަށް މަޝްވަރާކޮށް ޙައްލުނުކުރެވުނު ނަމައެވެ. އެހީތެރިކަމަކަށް ބޭނުންވާ ނަމައެވެ. 

މިކަމުން އެނގޭ އެއްކަމަކީ ކައިވެނި ރޫޅައިލަނީ ވިސްނަންޖެހޭ ވަރަށް ނުވިސްނާ ކަމެވެ. ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކުގައި އުޅެން މަސައްކަތްކުރުމުގެ ފުރުޞަތު އޮއްވައިކަމެވެ. ނޫންނަމަ ތިމާއަށް މާރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ކުރެވޭ ޚިޔާލެއްގެ މައްޗަށް ކަމެވެ. 

މައްސަލައަކީ ހަމަ އެއް މައްސަލައެކެވެ. ﷲ ތަޢާލާ ނިޢުމަތެއް ދެއްވެވުވުމުން ޝުކުރުވެރިނުވެވެނީއެވެ. ނިޢުމަތުގެ އަގުވަޒަންކުރެވެނީ ނިޢުމަތް ގެއްލިގެން ދިއުމުންނެވެ. މިނުބައި އާދަ ދޫކޮށްލަން އެބަޖެހެއެވެ. ނިޢުމަތެއް ދެއްވެވުމުން ޝުކުރުވެރިވެ އެނިޢުމަތް ތިމާއާއިއެކުގައި ދަމަހައްޓަން މަސައްކަތްކުރަން އެބަޖެހެއެވެ. 

އަބަދުވެސް ބުނާ ފަދައިން ދެމަފިރިއަކު ލޯބިން އެކުގައި އުޅޭނަމަ ޝައިޠޯނާއަކަށް ކެތެއް ނުކުރެވޭނެއެވެ. ދެމީހުން ދުރުކުރުވަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެއެވެ. ބައިވެރިޔާގެ ކުށްތައް ވިސްނައިދީ ކުދިކުދި ކަންކަން މާބޮޑުކަމެއްގެ ގޮތުގައި ދައްކާނެއެވެ. ކައިވެނި ރޫޅާލައިފިނަމަ މާރަނގަޅު ގޮތްތައް މެދުވެރިވާނެކަން ވިސްނައިދޭނެއެވެ. 

އުފާވެރި ދިރިއުޅަކަށް ބޭނުންނަމަ މިކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! ވަރިކުރުމާއި ވަރިވުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. ނަމަވެސް އުފާވެރި ދިރިއުޅުމެއް ލިބެން އޮތީ ވަރަށް ބޮޑަށް އެކަމަށް މަސައްކަތްކުރުމުންނެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން