ޒަކަރިއްޔާގެފާނުގެ ވާހަކަ 5: މީހާ އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ 3 ޙާލަތުގަވެސް ޔަޙްޔާގެފާނަށް ސަލާމަތްކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 24ސ
ޒަކަރިއްޔާގެފާނުގެ ވާހަކަ 5: މީހާ އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ 3 ޙާލަތުގަވެސް ޔަޙްޔާގެފާނަށް ސަލާމަތްކަން-

ޢަލީ އިޙްޞާން ފިރާޤް 

 

ޚުލުޤުފުޅު: 

يحيى عليه السّلام އަކީ ވަރަށް ގިނައިން އަޅުކަން ކުރައްވައި، ރޯދަ ހިއްޕަވައި، ތަޤްވާވެރި ވަރަޢަވެރި ބޭކަލެކެވެ. ޚާއްޞަކޮށް އެކަލޭގެފާނަކީ އެކަލޭގެފާނުގެ މައިކަނބަލުންނާއި ބަފައިކަލުންނަށް ނުހަނު އޯގާތެރި ބޭކަލެކެވެ. މައިންބަފައިންގެ ޙައްޤުތަކާމެދު އެކަލޭގެފާނު ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވައެވެ. މަރްޔަމް ސޫރަތުގެ 13 ވަނަ އާޔަތުގަ އާއި 14 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

وَحَنَانًا مِّن لَّدُنَّا وَزَكَاةً ۖ وَكَانَ تَقِيًّا ﴿١٣﴾ وَبَرًّا بِوَالِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا ﴿١٤﴾ 

މާނައީ: [އަދި ތިމަންރަސްކަލާނގެ حضرة ން އޯގާވެރިކަމާއި، طاهر ކަން އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނު تقوى ވެރިޔަކު ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ މައިބަފައިކަލުންނަށް ހެޔޮކޮށް ހިއްތަވާ ބޭކަލަކު ކަމުގައިވިއެވެ. އަދި ނުކިޔަމަންތެރި، جبّار އަކު ކަމުގައި އެކަލޭގެފާނު ނުވެއެވެ.] 

يحيى عليه السّلام އަށް މާތް ވަނީ ޚާއްޞަ މާތްކަމެއް ދެއްވައިފައެވެ. އެއީ އެއްވެސް މީހަކަށް މީގެކުރިން ދެއްވައިފައިނުވާ މާތްކަމެކެވެ. އެކަލޭގެފާނު ދުނިޔެއަށް ފޮނުއްވި ދުވަހުގަ އާއި އެކަލޭގެފާނު އަވަހާރަވާ ދުވަހުގަ އާއި އެކަލޭގެފާނު އަލުންދިރުއްވާ ދުވަހުގައި ސަލާމަތްކަމާއި އަމާންކަން ދެއްވައިފައެވެ. މިވާހަކަ މަރްޔަމް ސޫރަތުގެ 15 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.  

وَسَلَامٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا﴿١٥

މާނައީ: [އަދި އެކަލޭގެފާނު އުފަންވި ދުވަހުގައްޔާއި، އަވަހާރަވާ ދުވަހުގައްޔާއި، އަލުން ދިރުއްވައި ފޮނުއްވާ ދުވަހުގައި، އެކަލޭގެފާނުގެ މައްޗަށް سلام ހުށްޓެވެ]. 

އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހު މި އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. ސުފްޔާނު ބުނު ޢުޔައިނާ ވިދާޅުވެފައިވެއެވެ. [މީހާ އެންމެ ބޮޑަށް އެކަނިވެރިކަން އިޙްޞާސްކުރެވޭނީ ތިން ޙާލަތެއްގައެވެ. ފުރަތަމަ ޙާލަތަކީ އޭނާ ދުނިޔެއަށް އުފަންވާ ދުވަހުގައެވެ. ދެވަނަ ޙާލަތަކީ އޭނާ މަރުވާ ދުވަހުގައެވެ. ތިންވަނަ ޙާލަތަކީ އެމީހާ އަލުން މަޙްޝަރުކުރެވޭ ދުވަހުގައެވެ. މާތް، يحيى عليه السّلام އަށް ދީލަތިވެވޮޑިގެން އެކަލޭގެފާނަށް ވަނީ އެތިން ޙާލަތުގައިވެސް އަމާންކަމާއި މަތިވެރިކަން ދެއްވާފައެވެ.]

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 237}

އަލްޙަސަން ވިދާޅުވެފައިވާކަމަށް ޤަތާދާ ރިވާކުރައްވައިފައިވެއެވެ. އެއްފަހަރަކު يحيى عليه السّلام  އާއި عيسى عليه السّلام ބައްދަލުވެ ވަޑައިގެންނެވިއެވެ. عيسى عليه السّلام ، يحيى عليه السّلام  އަށް ދެންނެވިއެވެ. [ކަލޭގެފާނު އަޅުގަނޑުގެ މައްޗަށް ފާފަފުއްސެވުން އެދިވަޑައިގެން ދުޢާކޮށްދެއްވާށެވެ. ކަލޭގެފާނަކީ އަޅުގަނޑަށްވުރެ ހެޔޮކަންބޮޑު ބޭކަލެކެވެ.] يحيى عليه السّلام ވިދާޅުވިއެވެ. [ކަލޭގެފާނު އަޅުގަނޑުގެ މައްޗަށް ފާފަފުއްސެވުން އެދިވަޑައިގެން ދުޢާކޮށްދެއްވާށެވެ. ކަލޭގެފާނަކީ އަޅުގަނޑަށްވުރެ ހެޔޮކަންބޮޑު ބޭކަލެކެވެ.] عيسى عليه السّلام  ޖަވާބުދެއްވިއެވެ. [ކަލޭގެފާނު އަޅުގަނޑަށް ވުރެ ހެޔޮކަން ބޮޑެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ސަލާމަށް އެދި ދުޢާ ދެންނެވީމެވެ. މާތް ކަލޭގެފާނުގެ ނަފުސުވެސް ސަލާމަތް ކުރައްވާށިއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 402}

ޢަބްދު ބިން ޢައްބާސް ރަޟިޔަޢަންހުގެ އަރިހުން އިމާމު އަޙުމަދު ރިވާ ކުރައްވައިފައިވާ ޙާދީޘެއްގައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. 

مَا أَحَدٌ مِنْ وَلَدِ آدَمَ إِلَّا قَدْ أَخْطَأَ أَوْ هَمَّ بِخَطِيئَةٍ لَيْسَ يَحْيَى بْنَ زَكَرِيَّا ، وَمَا يَنْبَغِي لِأَحَدٍ أَنْ يَقُولَ أَنَا خَيْرٌ مِنْ يُونُسَ بْنِ مَتَّى {مسند أبي يعلى الموصلي، أَوَّلُ مُسْنَدِ ابْنِ عَبَّاسٍ، حديث رقم 2490}

މާނައީ: [އާދަމުގެ ދަރީންގެ ތެރެއިން ކޮންމެ މީހަކުވެސް ފާފަކުރެއެވެ. ނުވަތަ ފާފައިގެ މަތީގައި ދެމިހުރެއެވެ. އެއީ ޔަޙުޔާ ބުން ޒަކަރިއްޔާ ފިޔަވައެވެ. އެއްވެސް މީހަކު ތިމަންނައަކީ، ޔޫނުސް ބުން މައްތާއަށް ވުރެ ހޮޔޮކަންބޮޑު މީހެކޭ ބުނުން ހެޔޮ ނުވާ ހުއްޓެވެ.] 

ޢަމްރު ބުނުލް ޢާޞުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޙަދީޘު ކުރެއްވި އަޑު ތިމަން އެހީމެވެ. 

"كُلُّ ابْنِ آدَمَ يَأْتِي يَوْمَ الْقِيَامَةِ وَلَهُ ذَنْبٌ إِلَّا مَا كَانَ مِنْ يَحْيَى بْنِ زَكَرِيَّا" {المستدرك على الصحيحين، كِتَابُ التَّوْبَةِ وَالْإِنَابَةِ، ޙަދީޘް 7726،هَذَا حَدِيثٌ صَحِيحٌ عَلَى شَرْطِ مُسْلِمٍ وَلَمْ يُخَرِّجَاهُ}

މާނައީ: ކޮންމެ އާދަމުގެ ދަރިއަކުވެސް ޤިޔާމަތްދުވަހު (މާތް ގެ ޙަޟްރަތަށް) އަންނައިރު ކޮންމެވެސް ފާފައެއް އޮންނާނެއެވެ. ޒަކަރިއްޔާގެފާނުގެ ދަރިކަލުން ޔަޙުޔާގެފާނު ފިޔަވައެވެ.] 

އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ވުހައިބު ބުނު ވަރުދު ވިދާޅުވެފައިވެއެވެ. [ޒަކައިއްޔާގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ޔަޙުޔާގެފާނު ފެނިވަޑައިނުގެން ތިން ދުވަސް ފާއިތުވެގެން ދިޔައެވެ. އެކަލޭގެފާނު ސަރަހާތެރެއަށް ނުކުމެވަޑައިގެން ޔަޙުޔާގެފާނު ހޯއްދަވަނިކޮށް ފެނިވަޑައިގެންނެވީ އެކަލޭގެފާނު ކަށްވަޅެއްކޮނެ، އެކަށްވަޅު ކައިރީގައި ކީރިތި ކުރައްވަން ހުންނަވަނިކޮށެވެ. ޒަކަރިއްޔާގެފާނު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ބައްޕަ ދަރިފުޅު ހޯދާތާ ތިން ދުވަސްވީއެވެ. ދަރިފުޅު ތިޔަހުރީ ކަށްވަޅެއްކޮނެ އޭގެ ކައިރީގައި ރޯށެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟] ޔަޙުޔާގެފާނު ޖަވާބު ދެއްވިއެވެ. [އޭ ބައްޕާފުޅާއެވެ. ބައްޕަވިދާޅުވެފައިވަނީ، ސުވަރުގެ އާއި ނަރަކަ ވަކިވެގެންދާނީ ރޯމީހުންގެ ރުއިމުގެ ސަބަބުން ކަމުގައެވެ.] މި ޖަވާބު އަޑު އައްސަވައި ޒަކަރިއްޔާގެފާނު ވިދާޅުވިއެވެ. [އޭ ދަރިފުޅާއެވެ. ރޯށެވެ.] ދެން އޭގެ ދެބަފައިކަލުން އެތަނުގައި ތިއްބަވައިގެން ކީރިތި ކުރެއްވިއެވެ.

{އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 410} 

މުޖާހިދު ވިދާޅުވެފައިވެއެވެ. [ޔަޙުޔާގެފާނު ފަރީއްކުޅުއްވައި އުޅުއްވީ ވިނަ ގަސްގަހުގެ ފަތެވެ. އެކަލޭގެފާނަކީ މާތް ގެ ރަސްކަންފުޅު ހަނދުމަކުރައްވައި ގިނަގިނައިން ކީރިތި ކުރައްވައި އުޅުއްވި ބޭކަލެކެވެ. ކީރިތި ކުރެއްވައްވާލެއް ގިނަކަމުން އެކަމުގެ އަސަރު އެކަލޭގެފާނުގެ މޫނުފުޅުމަތީން ފާޅުވޭވެ ހުރެއެވެ.

{އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު ޞަފްޙާ 409}

 

 

މިއަދު އޮންލައިން