ބައިވެރިޔާގެ ނަންބަރު ފޯނުގައި ނުބައި (އެހެން މީހެއްގެ) ނަމުގައި ސޭވްކޮށްގެން ގެންގުޅުމަކީ ވަގުން ކުރާ ކަމެކެވެ. އެކަމުން އެނގެނީ ގުޅަނީ ބައިވެރިޔާކަން އެހެން މީހުންނަށް އެނގެން ބޭނުންނުވާކަމެވެ. އެގޮތަށް ކަންތައް ކުރަނީ ބައިވެރިޔާއަށް މަކަރުހަދާ މީހުންނެވެ.
ބައިވެރިޔާ ގުޅައިފިނަމަ ވާހަކަދައްކަންވާނީ ވަރަށް ލޯބިންނެވެ. މަސައްކަތުގެ ގަޑީގައި ގުޅައިފިނަމަ ކޯލުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބުނާށެވެ! "ހަމަޖެހިލެވުނީމާ އެބަ ގުޅަމެވެ. މިވަޤުތަށް ކުރުކޮށްލަން އެބަޖެހެއެވެ."
އެހެން ބުނެފިނަމަ މަސައްކަތް ލުއިވީހާ އަވަހަކަށް ގުޅަން ހަނދާންކުރަންވާނެއެވެ. އެއީ ހަނޑާންކުރަން އުނދަގޫކަމެއްވެސް ނޫނެވެ. އެހެން މީހަކަށް ފޯނެއް ކުރަން ފޯނުބަލައިލި ނަމަވެސް ބައިވެރިޔާ ގުޅާފައި އިންކަން ހަނދާންވާނެތީއެވެ.
މުހިންމު ކަމެއް މެދުވެރިނުވަނީސް ބައިވެރިޔާ ގުޅާނަމަ އަންގައިދެނީ ބައިވެރިޔާ ތިބާދެކެ ލޯބިވާވަރެވެ. ވާހަަކ ނުދައްކައި ގިނައިރުވީމާ އުނދަގޫވާކަމެވެ. ވީމާ އެއީ ކަންބޮޑުވެ ރުޅިއަންނަ ކަމަކަށް ނުހަދާށެވެ!
ހަމައެއާއިއެކު ވިސްނާށެވެ! ތިމާ ބައިވެރިޔާއަށް ގުޅުމުން ތިމާއާއިމެދު ފަރުވާކުޑަކުރާނަމަ ކުރާނެ އަސަރަށެވެ. ތިމާ އެގޮތަށް ކަންތައްކުރާނަމަ ބައިވެރިޔާއަށްވެސް ހަމައެއަސަރު ކުރާނެކަން ޤަބޫލުކުރަންވާނެއެވެ.
ދުރުގައި ތިބޭ ދެމަފިރިއަކު ނަމަ ބައެއް ފަހަރު ބައިވެރިޔާ ނިދަން އޮއްވައިވެސް ގުޅިދާނެއެވެ. އެގޮތަށް ދިމާވެއްޖެނަމަ ކޯލް ކުރުކޮށްލައި ނިދަން ފުރުޞަތުދޭށެވެ. ހޭލައި ހުންނައިރު ގުޅަން މަސައްކަތްކުރާށެވެ.
މިކަންކަން މިގޮތަށް ކުރާނަމަ ދެމަފިރިންގެ މެދުގައި ގުޅުންބަދަހިވެ އޮންނަ ލޯބި އިތުރުވަމުންދާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން