ޢާއިޝަތު ރަފާޙް ޢަލީ
"އިއްޒަތްތެރި ޝައިޚް ފަހުދު!
އަޅުގަނޑުގެ ހިތުގައި އޮތް ކަންބޮޑުވުމެއް ޝައިޚާ ހިއްސާކުރުމުގެ ހުއްދައަށް އެދެމެވެ. ބައެއް ފަހަރު، ވަކި ސަބަބެއް ނެތި، އަޅުގަނޑަށް ބިރުވެރިކަމާއި ކަންބޮޑުވުން އިހުސާސްކުރެވެއެވެ. އަޅުގަނޑަކީ ކުވެއިތުން ބޭރުގައި ދިރިއުޅޭ މީހެއް ނަމަވެސް، މި ތަނުގެ މާހައުލާ އަހުލުވެރިވުމަށް ދަތިތަކެއް ކުރިމަތިވަމުންދެއެވެ. އަޅުގަނޑު މިހާރު ދިރިއުޅޭ ސިޓީގައި އަޅުގަނޑު ދަންނަ އެއްވެސް މީހަކު ނެތުމުން، އެކަހެރިކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވެއެވެ.
ޖަވާބު:
ތިޔަ ވިދާޅުވި ފަދައިން، ބޭރު ޤައުމެއްގައި އުޅުމަކީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ޝައްކެއްނެތެވެ. އެހެންނަމަވެސް، މި ތަޖުރިބާއަކީ އަމިއްލަ ނަފްސު ތަރައްޤީކޮށް، އައު ހުނަރުތައް ދަސްކޮށް، އަދި ދުނިޔެ ދެކެ އުޅުމުގެ ފުރުޞަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.
ވަޠަނާ ދުރުގައި އުޅޭއިރު، އަޅުކަންތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަން ޤަބޫލުކުރަންޖެހެއެވެ. ނަމަވެސް، މިފަދަ ޙާލަތްތަކުގައި އަމިއްލަ އީމާންކަން ވަރުގަދަކޮށް، އަޅުކަންތައް ފަރުދީގޮތުން އަދާކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އެ ޤައުމެއްގައި ހުރި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާ ގުޅުން ބަދަހިކުރުމަކީވެސް ރަނގަޅު ގޮތެކެވެ.
އިޖްތިމާޢީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޢާއިލާއާއި ރަޙްމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަދި އެ ޤައުމެއްގައި ދިރިއުޅޭ އެހެން މީހުންނާ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، އެ ޤައުމެއްގެ ރަނގަޅު އާދަކާދަތަކާއި ސަގާފަތް ދަސްކޮށް، އޭގެ ފައިދާ ނެގުމަކީވެސް ބުއްދިވެރި ކަމެކެވެ.
ފިތުނައާއި ޝަހުވަތްތެރިކަމުގެ ކުރިމަތީގައި ސާބިތުވެ ތިބުމަށްޓަކައި، އަމިއްލަ އަޚްލާޤާއި އަޤީދާ ވަރުގަދަކުރުމަށް މަސައްކަތްކުރުމާއެކު، ހެޔޮލަފާ ރަޙްމަތްތެރިން ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، އަމިއްލަ މަޤްޞަދު ހާސިލުކުރުމަށް އަމާޒު ހިފުމަކީވެސް މުހިންމެވެ.
ﷲ ތަޢާލާ ޙަދީދް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
يَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا ۖ وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿٤﴾
މާނައީ: "ބިމުގެތެރެޔަށް ވަންނަ ތަކެއްޗާއި، އެ ބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި، އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللَّه އީ، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (4)"
ކީރިތި ޤުރުއާނުން އަޅުގަނޑަށް އުނގަންނައިދެއްވާފައިވަނީ، އަޅުގަނޑުގެ އެކަނިވެރި ވަގުތުތަކުގައާއި ދަތުރުފަތުރުގައި އަޅުގަނޑުގެ އެކުވެރިއަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާކަމެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައި ވެއެވެ: "އަދި ތިޔަބައިމީހުންވީ ކޮންމެތަނެއްގައި، ތިޔަބައިމީހުންނާއެކު، އެކަލާނގެ ވޮޑިގެންވެތެވެ." ދަންނަވަމެވެ، ޙަޤީޤަތުގައި މި އާޔަތަކީ ހިތްހަމަޖެހުމާއި އަމާންކަން ގެނެސްދޭ އާޔަތެކެވެ.
އަހުރެންނަކީ ގިނަގުނަ ދަތުރުތައް ކޮށްފައިވާ މީހެކެވެ. މި އާޔަތުން އަޅުގަނޑަށް އިޙްސާސްކުރެވުނީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުގެ ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑާ އެކުގައިވާކަމެވެ. އެހެންކަމުން، ކޮންމެ ދަތުރުވެރިއަކަށްވެސް އަޅުގަނޑު ދޭ ނަސޭހަތަކީ: ކަންބޮޑުވުމާއި ބިރުވެރިކަމާއި ހިތާމައިން ދުރުހެލިވާށެވެ. ސަބަބަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންނާއެކު ވާހާ ހިނދަކު، އަދި އެކަލާނގެ ވަނީ ތިޔަބައިމީހުން ކޮންމެ ތަނެއްގައި ވީނަމަވެސް ތިޔަބައިމީހުންނާ އެކުގައި ކަމުގައިވާތީއެވެ.
- ފަހްދް އަލް ކުންދްރީގެ ދަރުސަކުން