ޚުޠުބާ: ފޯނުން ކުޅުނަސް އެހެން ގޮތަކަށް ކުޅުނަސް ޖުވާ ވާނީ ހަމަ ޖުވާއަށް! ޖުވާ ކުޅުމަކީ އެންމެ ބޮޑު ފާފައެއްގެ އިތުރުން މީހާ ބަނގުރޫޓުވެ ނިކަމެތިވެގެންދާ ކަމެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 7ސ
ޚުޠުބާ: ފޯނުން ކުޅުނަސް އެހެން ގޮތަކަށް ކުޅުނަސް ޖުވާ ވާނީ ހަމަ ޖުވާއަށް! ޖުވާ ކުޅުމަކީ އެންމެ ބޮޑު ފާފައެއްގެ އިތުރުން މީހާ ބަނގުރޫޓުވެ ނިކަމެތިވެގެންދާ ކަމެއް!

މުސްލިމް އަޚުންނޭވެ! ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ޙަރާމްކަމެކެވެ. މާތް الله އެ ކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވައެވެ. އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތަކެވެ.  

މުސްލިމް އަޚުންނޭވެ! އިސްލާމް ދީނުގައި ޖުވާ ޙަރާމްކުރެއްވީ، އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު ޢަމަލަކަށް ވާތީއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --    މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށް ޓަކައެވެ. ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި الله ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެ ކަންތައްތައް ހުއްޓައިލާންހެއްޔެވެ؟ (އެބަހީ: ހުއްޓައިލާށެވެ!)"

މުސްލިމް އަޚުންނޭވެ! ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެހެނީ އެ ފަދަ އެއްޗެއް ކައިގެން ހަށިގަނޑުގައި އުފެދޭ މަހާއި ލެއަށް ޙައްޤުކަން ބޮޑީ ނަރަކައެވެ. ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّهُ لَا يَدْخُلُ الْـجَنَّةَ لَـحْمٌ نَبَتَ مِنْ سُحْتٍ، اَلنَّارُ أَوْلَى بِهِ)[1] މާނައީ: "ހަމަކަށަވަރުން ޙަރާމް އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާ ސުވަރުގެ ނުވަންނަހުށްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ."  

މުސްލިމް އަޚުންނޭވެ! ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވާށެވެ! އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން އިސްވެދިޔަ ޙަދީޘުން ޞަރީޙަކޮށް އެނގެއެވެ.  

މުސްލިމް އަޚުންނޭވެ! ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.  

މުސްލިމް އަޚުންނޭވެ! ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދުކިއުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެކެވެ. ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށެވެ. ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީއެވެ. ފައިދާވާ މީހާއަށް އެ ލިބެނީ ޙަރާމް މުދަލެއްކަމުގައި ވާތީއެވެ. އޭނާއާއި އޭނާގެ އަނބިދަރީންނަށް އެ ކާންދެވެނީ ޙަރާމްތަކެތިކަމުގައި ވާތީއެވެ. ގެއްލުންވާ މީހުން ބަނގުރޫޓުވާތީއެވެ. ޖުވާކުޅޭ މީހުންގެ މެދުގައި އުފެދޭ ޢަދާވާތްތެރިކަމުގެ ސަބަބުން ހިނގާ މާރާމާރީތަކުގައި، މުދަލާއި، ގެދޮރާއި، ފުރާނައަށް، ގެއްލުން ލިބޭތީއެވެ. މުޅި މުޖުތަމަޢު ފަސާދަވެ، އޭގެ ގެއްލުން ޢާންމުވާތީއެވެ. ފާފަވެރިވެ، ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭތީއެވެ. މިއީ މުޅީން ވެސް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަންކަމެވެ. އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށެވެ. ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލެއެވެ.  

މުސްލިމް އަޚުންނޭވެ! އިސްލާމް ދީން އަމުރުކުރަނީ، ރަނގަޅު ހެއު ތަކެތި ކެއުމަށާއި، ހެއު ޢަމަލުކުރުމަށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ.  -- މާނައީ: "އޭ މީސްތަކުންނޭވެ! تَعَالَىއީ ހުރިހައި ރަނގަޅުކަމެއް މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ. ރަނގަޅުކަމެއް މެނުވީ އެކަލާނގެ ޤަބޫލެއް ނުކުރައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ ރަސޫލުންނަށް އަމުރުކުރެއްވި ކަންތައް މުއުމިނުންނަށް ވެސް އަމުރުކުރެއްވިއެވެ." އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތީން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙު ޢަމަލު ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."  

އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ! އެއަށް ފަހު ޙަދީޘްކުރެއްވިއެވެ. "މީހާ ދިގު ދަތުރު ކޮށް، އިސްތަށިގަނޑު ހޭވި ހިރަފުސްބުރައިފައިވާ ޙާލު، ދެ އަތް އުފުލައި މާތްރަސްކަލާކޯއެވެ! މާތްރަސްކަލާކޯއެވެ! ކިޔައި ދުޢާކުރެއެވެ. އޭރު އޭނާގެ ކެއުމަކީ ޙަރާމް ތަކެއްޗެވެ. އޭނާގެ ބުއިމަކީ ޙަރާމް ތަކެއްޗެވެ. އޭނާ ލައިއުޅެނީ ޙަރާމް ފޭރާމެވެ. އޭނާއަށް ލިބެނީ ޙަރާމް ޣިޛާއެވެ. ފަހެ އެ ފަދަ މީހާގެ ދުޢާ އިޖާބަކުރައްވާނީ ކޮންފަދައަކުންހެއްޔެވެ!" މި ޙަދީޘުން ދޭހަވާ ގޮތުގައި، ކެއިންބުއިމާއި، ފޭރާންލުމާއި، ހަށިގަނޑަށް ލިބޭ ހަކަތައާއި ޣިޛާއަކީ ޙަލާލު އާމްދަނީކަމުގައި ވުމީ، ދުޢާ އިޖާބަކުރެއްވުން އަވަސްވާނޭކަމެއްކަން އެނގެއެވެ. 

އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނީ ކެއުމާއި، އުނުފޭރާން ލުމާއި، ތަޢުލީމާއި، ޞިއްޙަތާއި، ހިތްއުފާކުރުމާއި، ހިޔާވަހިކަން ހޯދުމުގައި، ޙަލާލު ފައިސާ ބޭނުންކުރާބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން! 

މުސްލިމް އަޚުންނޭވެ! ޖުވާކުޅުމަކީ މިއަދު މުޅި ދުނިޔޭގައި ވަރަށް ބޮޑަށް ފެތުރިފައިވާ ވަބާއެކެވެ. މީގެ ސަބަބުން ބައެއް މީހުންގެ އެކައުންޓު ހުސްވެ، ނުއަގުގައި އޮޑިދޯނިފަހަރާއި ގެދޮރު ވިއްކައިލާން ޖެހިފައި ވެއެވެ.  އަނބިދަރީންނަށް ހޭދަކުރާނެ ފައިސާ ނެތި، ގޮތް ހުސްވެ، ދަރަނިވެރިވެފައި ތިބި މީހުން އެބަތިއްބެވެ. މި ކަން ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެކެވެ. މި ކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމެވެ. ޖުވާގެ ބާޒާރަށް ވަދެ، ޙަރާމް ގޮތުގައި ފައިސާ ހޯދުމަށް ފަހު، މި ކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުމެވެ. އަލްމައުސޫޢަތުލްފިޤްހިއްޔާގައި ބުނެފައިވާ ގޮތުގައި، ޖުވާ ކުޅޭ މީހާ އެ ހޯދަނީ ޙަރާމް ފައިސާއެވެ. އޭނާ އެ ކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުޙައްޤުން އެ ފައިސާ ލިބުނީ ކޮން ބަޔެއްގެ އަތުންކަން އެނގޭ ނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުމެވެ. އެ ގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެ މީހުންގެ ނަމުގައި ފަޤީރުންނަށް އެ ފައިސާ ދިނުމެވެ.  

އަޅަމެންގެ ވެރި ރަސްކަލާކޮ! ޖުވާއާއި އިސްލާމީ ޝަރީޢަތް ޙަރާމްކުރައްވައިފައިވާ ވަސީލަތްތަކާއި ގޮތްތައް ދޫކޮށް، ޝަރުޢީ ހަމަތަކާ އެއް ގޮތަށް، ޙަލާލު އާމްދަނީ ހޯދާ ބަޔަކުކަމުގައި އަޅަމެން ލައްވާނދޭވެ! ޙަރާމް ތަކެއްޗާއި، ޙަރާމް ގޮތުގައި ހޯދާ ތަކެތީން އަޅަމެންގެ ނަފުސުތަކާއި، އަނބިދަރީން ސަލާމަތްކުރައްވާނދޭވެ!

މިއަދު އޮންލައިން