ބޭވަފާތެރިވެފަ ދެއްކޭނެ ޢުޒުރެއް ނެތް! އެއީ ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމެއް! އަގާ އަގު އަދާކުރަންޖެހޭނެ ގޮތްވެސް މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބޭވަފާތެރިވެފަ ދެއްކޭނެ ޢުޒުރެއް ނެތް! އެއީ ވަރަށް ބޮޑު އަގެއް ދައްކަންޖެހޭ ކަމެއް! އަގާ އަގު އަދާކުރަންޖެހޭނެ ގޮތްވެސް މިއޮތީ!

ވަކިމީހަކަށް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު ނަމަވެސް ބޭވަފާތެރިވެފަ ދެއްކޭނެ އެއްވެސް ޢިޒުރެއް ނެތެވެ. ދައްކާ ކޮންމެ ކަމަކީ ބަހަނާއެކެވެ. އެކަން ދެމަފިރިންވެސް ޤަބޫލުކުރަންވާނެއެވެ. 

ބޭވަފާތެރިވުމަށްފަހު އެންމެ ގިނަ ބައަކު އެންމެ ގިނައިން ދައްކާނެ އެއް ޢުޒުރަކީ ތިމާއާއިމެދު ފަރުވާކުޑަކުރުމެވެ. އެއިގެ ތެރޭގައި ލޯތްބާއި އަޅައިލުން ނުދިނުމާއި ފަރުވާކުޑަކުރުންވެސް ހިމެނެއެވެ. އެހެންކަމާއިއެކުވެސް މިއިން އެއްވެސް ކަމަކީ ބޭވަފާތެރިވުމަށް އޮތް ސަބަބެއް ނޫނެވެ. 

ވަރަށް އާދައިގެ މިޘާލެއް ބުނެފާނަމެވެ. ޒިނޭކޮށްފައި އެކަން ކުރީ ކެތްނުކުރެވިގެން މަޖުބޫރުވެގެން ނުވަތަ ބައިވެރިޔާގެ އެއްބާރުލުން ނުލިބޭތީކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއްޔާ އެފާފައިން ސަލާމަތްވެވޭނެ ހެއްޔެވެ؟ ނުވެވޭނެކަން އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނަސް ތައުބާވެ ހެޔޮ ޢަމަލުތައް ކުރުމުގައި ދެމިހުރުމުން ﷲ ތަޢާލާ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެތެވެ. 

ބޭވަފާތެރިވުމުގައިވެސް އޮތީ ހަމަ މިގޮތެވެ. އިޚްލާޞްތެރިކަމާއިއެކު މާފަށް އެދޭށެވެ! ކުށް ތަކުރާރުނުކުރާށެވެ! އަދި ކުރިއަށްވުރެވެސް ބޮޑަށް ބައިވެރިޔާއަށް ހެޔޮކޮށް ހިތައި ލޯބިދޭށެވެ. 

ބޭވަފާތެރިވެއްޖެ ނަމަ ދައްކަންޖެހޭނެ އަގު ވަރަށް ބޮޑުވާނެ ކަމަށް މިބުނަނީ އެހެންވެގެންނެވެ. އެއީ ފައިށާއިން ދެއްކޭނެ އަގެއް ނޫނެވެ. އެއަގު އަދާކުރަންޖެހޭނީ ކުރިން މިބުނިފަދައިން ކުރިއަށްވުރެ މާބޮޑަށް އަޅާލައި ލޯބިދީ އަދި އެހީތެރިވެސްވެގެންނެވެ. އެންމެ މުހިންމު ކަމަކީ އެކަން ތަކުރާރުނުކުރުމެވެ. 

ބޭވަފާތެރިވީ މީހާގެ އަގުން މިއަގުއަތުލަންވާނެއެވެ. އަގުއަދާނުކުރާނަމަ އަދަބުދޭށެވެ. ދޭނެ އަދަބު ކަނޑައަޅަންވާނީ ދިރިއުޅުމާއިމެދު ވަރަށް ބޮޑަށް ވިސްނާފައި ތިމާއަށް އެންމެ ފައިޑާކުރާނެ ގޮތަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން