ﷲ ތަޢާލާ ތިބާގެ ގާތަށް ފޮނުއްވަވާ މީހުންނަށް ފުރަގަސްދޭން ހެޔޮވެދާނެތަ! ޢިޖާބަދީފިނަމަ ކުރާނެ ފައިދާ މިހާގިނަވެފަ ބޮޑުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ﷲ ތަޢާލާ ތިބާގެ ގާތަށް ފޮނުއްވަވާ މީހުންނަށް ފުރަގަސްދޭން ހެޔޮވެދާނެތަ! ޢިޖާބަދީފިނަމަ ކުރާނެ ފައިދާ މިހާގިނަވެފަ ބޮޑުކަން އެނގޭތަ؟

މިއަދުގެ ޙާލަތަށް ބަލައިފިނަމަ އެހީތެރިކަމަކަށް ބޭނުންވުމުން ކޮންމެ މީހަކު ގެއަކަށް ނުދާނެއެވެ. އެއީ ކޮންމެހެން ބޮޑާކަމަކުންވެސް ނޫނެވެ. ގެއަށް ދިއުމުން އަނެކާއަށް އުނދަގޫވެދާނެ ކަމަށްޓަކައެވެ. ވީމާ މިއަދު ގިނަ މީހުން ފޯނުކުރާނީއެވެ. ނުވަތަ މެސެޖެއް ކުރާނީއެވެ. 

މީހަކު ކަމަކަށް އެދިގެން މެސެޖެއް ކޮށްފިނަމަ ނުވަތަ ގުޅައިފިނަމަ އެއީ ބުރައެއް ކަމަށް ނުދެކޭށެވެ. އެކަން އެވީގޮތަކީ އޭނާ ﷲ ތަޢާލާއަށް ދުޢާކުރީއެވެ. އެހިނދު އޭނާގެ ބޭނުން ތިބާގެ ކިބައިން ފުދިދާނެ ކަމުގެ ވިސްނުން ﷲ ތަޢާލާ ދެއްވެވީއެވެ. 

އެކަމުގެ ފައިދާ ބޮޑަށް ކުރާނީވެސް ތިބާއަށެވެ. އެހެނީ އެއީ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވުމަށް ﷲ ތަޢާލާ ދެއްވަވާ ފުރުޞަތަކަށްވާތީއެވެ. ވީމާ އެފުރުޞަތުގެ ބޭނުން ހިފައި ވެވެން އޮތް މިންވަރަކުން އޭނާއަށް އެހީތެރިވާށެވެ! 

އެކަމުގެ ނަތީޖާއަކަށްވާނީ ތިބާއަށް ﷲ ތަޢާލާގެ ރަޙްމަތް އިތުރުވުމެވެ. ތަނަވަސްކަންވެސް އިތުރުވުމެވެ، ތިމާއަށް ޙައްލުނުކުރެވިގެން އުޅޭ މައްސަލަތައް ޙައްލުކުރަންވެސް ފަސޭހަވެގެން ދިއުމެވެ. އެއިގެ އިތުރުން ތިބާގެ އާޚިރަތަށްވެސް އެކަމުން ފައިދާކުރާނެއެވެ. އިން ޝާ ﷲ. 

ދެނަ ބުނެލަން އޮތީ މިދެއްކީ އަތުންފައިން މަސައްކަތްނުކޮށް ތިބެ އެމީހާގެ ހުރިހާ ބޭނުންތަކެއް ފުއްދަން މީހުންނަށް އުނދަގޫކުރާ މީހުންގެ ވާހަކައެއް ނޫނެވެ. ދެން އެހެން ގޮތެއް ނެތިގެން ނޫނީ ކަންކަމު ނުއެދޭ މީހުންނަށް އެހީތެރިވެދިނުމުގެ ވާހަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން