ތިމާއަށް ފައިދާނުކުރާނެ ކަންކަމުގައި ވަޤުތުހޭދަކުރަން ހަދައިގެން ﷲ ތަޢާލާގެ ޙަޟްަރތަށް އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރެވޭ އަދި ޢާއިލީ ޒިންމާތައްވެސް އަދާނުކުރެވޭ ބައަކު ވެއެވެ.
މިޙާލަތުގައި ވިސްނާލައި ފުރަތަމަވެސް ބަލައިލަންވީ އެވަޤުތު އެއީ ހަމަ ހުސްވަޤުތެއްތޯއެވެ؟ އެދުވަހު ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވިއްޖެތޯއެވެ؟ ނަމާދުކޮށް ކުރަންޖެހޭ ޛިކުރުތައް ކުރެވުނުތޯއެވެ؟ ޢާއިލީ ޒިންމާ އަދާކުރެވިއްޖެތޯއެވެ؟ ހުސްވަޤުތުގެ ގޮތުގައި ބަލަންޖެހޭނެ ވަޤުތު އޮންނާނީ އެއިގެ ފަހުން ކަމަށްވާތީއެވެ.
ތިރީގައިވާ ލިޔުމުގައި އެވާ ވާހަކަވިދާޅުވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
މިއަދުގެ ޒުވާން ޖީލަށްބަލައިފިނަމަ ﷲ ތަޢާލާ ދެއްވެވި އެންމެ އަގުބޮޑު ނިޢްމަތްކަމުގައިވާ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަނީ ވަރަށް މަދު ޒުވާނުންނެވެ. ގިނަ ޒުވާނުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކުރުމަށްފަހު ދެން އޮންނަ ވަގުތަކީ މުނިފޫހިފިލުވުމާއި ގޭމްކުޅުމާއި އެކުވެރިންނާއިއެކު ވަޤުތުހޭދަކުރުމާއި އެފަދަ ކަންކަން ކުރަން އޮތް ވަގުތު ކަމަށެވެ.
މިކިޔައިދެނީ އެފަދަ ޒުވާނަކަށް ކުރިމަތިވި ކަމެއްގެ ވާހަކައެވެ. ޙާޞިލުކުރެވުނު ޢިބްރަތުގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު ރަނގަޅަށް އަޑުއަހާށެވެ.
އޭނާ އުޅުނީ މަގުމަތީގައެވެ. މަގުމަތީގައި ގިނަ ބައަކު އުޅެއެވެ. ފެންނަނީ ކުއްލިއަކަށް އަލިފާނުގެ ރާޅެއް އަރައިގެން އަންނަތަނެވެ. އެރާޅުން ސަލާމަތް ވުމަށް އެންމެން ދުވަނީއެވެ. ނަމަވެސް އޭނާއަށް ދުވެވޭނެ ގޮތެއް ނުވެއެވެ. ދުއްވައިގަންނައިރަށް ވެށްޓެނީއެވެ.
ދުވެފައިދާ މީހުންނަށް ވަކި ހިސާބަކަށް ދެވުމުން މަތިން ތިރިވާ އަތެއް އެމީހުން ނަގައެވެ. ނަމަވެސް އެ އަތުން މީހުން ނަގަނީ އެ އަތާއި ހަމައަށް ދެވުމުންނެވެ. އޭނާއަށް އެ ހިސާބަށް ދެވޭނެ ހަމަ އެއްވެސް ގޮތެއް ނުފެނުނެވެ. ދުއްވައިގަންނައިރަށް ވެއްޓޭތީއެވެ. މިހާލުގައި އުޅެނިކޮށް ރާޅު އައިސް އޭނާ އާއި ދާދި ގާތްވެ އަލިފާނުގެ ހޫނުކަން އިޙްޞާޞްވާން ފެށިއެވެ. ދެން ސަލާމްތަ ނުވެވޭނެކަން ޤަބޫލުކުރެވި ވަރަށް ބާރަށް ރޯން ފެށުނެވެ.
އެހިސާބުން އޭނާއަށް ހޭލެވުނެވެ. ހޭލެވުނުއިރުވެސް ރޮވެނީއެވެ. ގިސްލެވެނީއެވެ. ބިރުން ތުރުތުރު އަޅަނީއެވެ. ހަމަޖެހިލެވުމާއިއެކު އޭނާ ތެދުވެ ވުޟޫކޮށް ނަމާދުކުރިއެވެ. އަދި އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރިއެވެ. އޭނާއަށް ކުރެވޭ ފާފައަކީ ކޮބައިކަން އޭނާއަށް އެނގުނު ކަމަކަށް ނުވެއެވެ.
ފަތިސްވުމުން ފަތިސް ނަމާދަށް ދިއައެވެ. ނަމާދު ނިމިގެން އިމާމް އާއި ބައްދަލުކޮށް އޭނާއަށް ފެނުނު ހުވަފެން ކިޔައިދިނެވެ. އަޑުއެހުމަށްފަހު އިމާމް މީހާ، އޭނާއަށް ވިސްނޭ ގޮތް ބުނެދިނެވެ.
"އަޚާއެވެ! ނިކަން ވިސްނައިބަލާށެވެ! އިންސާނުން ދެވި ހިފަން ޖެހޭނީ ހެޔޮ އަމަލުތައް ކުރުމަށެވެ. އަޅުކަން ކުރުމަށެވެ. އެކަކު އަނެކަކަށް ވާދަކުރަން ޖެހޭނީ ކުޅޭ ގޭމުން އެންމެ މަތީ ސްކޯރހޯދާކަށް ނޫނެވެ! ކިތަންމެ ބައިވަރު ސްކޯރއެއް ލިބި ދުނިޔޭގެ 1 ވަނަ ހޯދި ނަމަވެސް އެކަމުން ކުރާނެ އެއްވެސް ޙަޤީޤީ ފައިދާއެއް ނެތެވެ. މިބުނަނީ ޤިޔާމަތް ދުވަހު ލިބޭނެ އެއްވެސް ފައިދާއެއް ނެތް ވާހަކައެވެ. އަހަރެމެން އެންމެން އެންމެ ބޭނުންވެ އެކަމަށް ވާދަކުރަމުންދާ ސުވަރުގެ ލިބުމަށް އެކަމުން އެޅޭނީ ހުރަސްތަކެވެ. މަގުފަހިވާނީ ނަރަކައަށް ދިއުމަށެވެ.
އަހަރެންނަށް ވިސްނޭ ގޮތުން ހުވަފެނުގައި ފެނުނު އަލިފާނުގެ ރާޅަކީ ތިބާ ﷲ ތަޢާލާއަށާއި އަމިއްލަ ޢާއިލާއަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާ ނުކުރާތީ ތިބާއަށް ތިއަ ދެވެނީ ނަރަކަ އާއި ކައިރިވެވެމުން ކަމުގެ އިންޒާރެވެ. ތިބާ ދުއްވައިގަންނައިރަށް ވެއްޓުނުކަން އެއީ ތިއަ ގޮތަށް އުޅެގެން ނަރަކައިން ސަލާމަތް ނުވެވޭނެ ކަމުގެ އިންޒާރެވެ. އެހެން މީހުން ސަލާމަތްވިތަން ފެނުން އެއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ މީހުން ނަރަކައިން ސަލާމަތް ކުރައްވަވާނެކަން އަނގަވައިދެއްވެވުމެކެވެ. ވީމާ ތިބާގެ ދިރިއުޅުން އިޞްލާޙްކުރާށެވެ. ތިއަ ކުޅޭ ގޭމަތައް ކުޅުން ހުއްޓައިލާށެވެ. ހުސްވަގުތެއް ލިބިއްޖެނަމަ ފޯނާއި އެހެނިހެން ވަސީލަތަކުން ވެސް ދުނިޔެއާއި އާޚިރަތުގައި ފައިދާ ކުރާނެ މައުލޫމާތު ލިބިގަންނާށެވެ.
ފޯނާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ގޭމް ކުޅުމަކީ ގިނަ ބައަކު މިހާރު ދެވި ހިފާފައިވާ ކަމެކެވެ. ދެވިހިފާފައިވާވަރުން ރޭގަނޑުގެ ނިދި ދޫކޮށްލައި ގޭމްކުޅެން ހޭލައި ތިބޭ މީހުން ވެސް މަދެއް ނޫނެވެ. ގޭގައި އުޅޭ މަދު ވަގުތުކޮޅު އަނބިދަރިންނާއިއެކު ވަގުތު ހޭދަކުރުމުގެ ބަދަލުގައި ގޭމް ކުޅެން ވަގުތު ހޭދަކުރާމީހުންގެ އަދަދުވެސް މިދަނީ އިތުރުވަމުންނެވެ. އަމިއްލަ ދިރިއުޅުމުގެ ކަންކަން މިހާލަތަށް ގޮސްފައިވާއިރު ނަމާދު ކުރުމާއި ދެންވެސް ކުރަން ޖެހޭ އަޅުކަން ކުރުން ހުންނާނެ ހާލަތަށް އަމިއްލައަށް ވިސްނައިލާށެވެ!
މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ގޭމް ކުޅުމަކީ އިސްލާމް ދީން މަނާ ކުރާ ކަމަކަށް ނުވާތީ ހަމަ ކުޅެންވީ ކަމަށެވެ. ވިސްނައިލަންވީ އިސްލާމް ދީނުގައި ކޮންމެ ކަމަކަށްވެސް އިންތަކެއް އެބަހުރިކަމެވެ. ކޮންމެ ކަމެއްވެސް ކުރަންވާނީ އެ އިންތަކުގައެވެ. ތިމާ އަދާކުރަންޖެހޭ ވާޖިބުތައް އަދާނުކުރެވި ކުރަންޖެހޭ އަޅުކަން ފުރިހަމައަށް ނުކުރެވޭނަމަ އެކަން ވުމަށް މެދުވެރިވާ ސަބަބުތަކާއި ދުރުހެލިވާން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން