ކުރިއަރައިދާން ބޭނުންނަމަ ފަތިސްނަމާދުކޮށް ޛިކުރުކުރުމަށްފަހު އަވަހަށް މަސައްކަތަށް ފަށަންޖެހޭ ސަބަބުތަކާ ލިބޭ ކުރިއެރުން މިހުރީ ފެންނަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
ކުރިއަރައިދާން ބޭނުންނަމަ ފަތިސްނަމާދުކޮށް ޛިކުރުކުރުމަށްފަހު އަވަހަށް މަސައްކަތަށް ފަށަންޖެހޭ ސަބަބުތަކާ ލިބޭ ކުރިއެރުން މިހުރީ ފެންނަން!

ވަރަށް ގިނައިން އަޑުއިވޭ ކަމެކެވެ. ފަތިސް ނަމާދުކޮށް ވީހާ އަވަހަކަށް ފިހާރަ ހުޅުވާށެވެ! އަޅުގަނޑުގެ ސުވާލަކީ އެގަޑީގައި ވިޔަފާރިކުރަން ދާނީ ވަރަށް މަދު މީހަކު ކަމަށްވާއިރު އެހާޢަވަހަށް ފިހާރަ ހުޅުވުމުގެ ބޭނުމަކީ ކޮބައިތޯ؟ އެއީ ވިޔަފާރި ކުރިއަރައިދާ ސަބަބެއްތޯ؟ އެއީ ތެދެއްނަމަ އެކަމުން ކުރިއަރައިދިއަ މީހަކު ނިކަން ދައްކަބަލަ!   

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދެއްކޭނެ މިޘާލުތައް ބައިވަރެވެ. ތިރީގައި އެވަނީ ހަމަ ތިއަފަދައިން ކިޔުންތެރިއަކު ކުރި ސުވާލަކަށް ދީފައިވާ ޖަވާބެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

އެއިގެ ކުރިން އެއްކަމެއް ފާހަގަކޮސްލާނަމެވެ. ފަތިސްވަޤުތުގައި ބަރަކާތް ލެއްވެވުން އެދިވަޑައިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދުޢާކުރައްވަވައިފައެވެ. ވީމާ އެއީ ބަރަކާތް ލެއްވެވިގެންވާ ވަޤުތެކެވެ.  

މިއަދު ސޮނީގެ ތަފާތު ވިޔަފާރިތައް ފެނުނު ނަމަވެސް ސޮނީގެ ނަމުގައި ޖަނަވަރީ މަގުގައި ހުޅުވައި ހިންގި ފިހާރައަކީ އެވިޔަފާރީގެ ފެށުމެވެ. ކުރިލައި ހެދި ބޮޑުވެ މުޅިރާއްޖެއަށް ގޮފިތައް ފެތުރިފައިއެވަނީ ހަމަ އެސޮނީންނެވެ. އެސޮނީއަކީވެސް ފަތިސްނަމާދަށްފަހު ހުޅުވައި ވިޔަފާރިކުރި ފިހާރައެކެވެ. މިގޮތަށް ފަތިސް ނަމާދުން ފެށިގެން މަސައްކަތް ފެށުމުން ކުރިއަރައި ދިއަ އެތައް ފިހާރަތަކެއް ދެއްކިދާނެއެވެ. 

ތިރީގައިވާ 2 ޙާދިސާވެސް ވިދާޅުވެލައްވާށެވެ!  

އަހަރެމެންގެ އަވަށުގައި ހުރި އެންމެ ތަނަވަސް މީހާއަށް ތަނަވަސްކަން ލިބުނު ގޮތް ކިޔައިދެމުން އޭނާ ބުނެފައިވެއެވެ.  

"އަހަރެން ލޯނުތަކެއް ނުނަގަމެވެ. އަހަރެން ދެންނެވީ މާތް ﷲ އަށެވެ. ކޮންމެ ރެއަކު ފަތިސް ނަމާދު ޖަމާޢަތުގައި ކުރަމެވެ. ނަމާދަށްފަހު ޛިކުރުކޮށްލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު އައިސް ގެންގުޅުނު ކުޑަ ފިހާރަ ހުޅުވަނީއެވެ. އެގަޑީގައި ވިޔަފާރިކުރަން އަންނަނީވެސް ވަރަށް މަދު މީހެކެވެ. އެވަގުތުގެ ބޭނުން ހިފަނީ ޤުރްއާން ކިޔެވުމަށާއި ދުޢާކުރުމަށެވެ."  

މިއަދު އޭނާއަކީ އަވަށުގައި ހުރި އެންމެ ތަނަވަސްމީހާއެވެ. އެތައް ބައިވަރު ވިޔަފާރިތަކެއް ހިންގާ މިލިއަނަރެކެވެ. މިހާރުވެސް އޭނާގެ ފިހާރަތައް ފަތިހު ހުޅުވައެވެ. ސޭޓުންނަށް އަންގާފައި އޮންނަނީ ހުހަށް ނުތިބެ ޤުރްއާން ކިޔަވައި ޛިކުރުކުރުމަށެވެ. އަދި އޭނާވެސް ކޮނަމެވެސް އެއް ފިހާރައަކަށް ގޮސް ހެނދުނުވަންދެން އިނދެއެވެ." 

މިވާހަކަކޮޅާއިއެކި މިހާމަކުރަނީ ހަމަ އެގޮތަށް އެކަން މެދުވެރިވި ދިވެއްސެއްގެ ވާހަކައެވެ. މިއީ " ފަތިސް ނަމާދުކޮށް ޤްރްއާން ކިޔަވަން ފެށުމުން "ބޮޑު ދަރަނި" އަދާކުރެވުނު ދިވެއްސެއްގެ ވާހަކަ-" މިސުރުޚީގެ ދަށުން ކުރިން މިއަދުނޫހުގައި ޝާއިޢުކޮށްފައިވާ ވާހަކައެކެވެ.   

އަޅުގަނޑަކީ 3 ފިހާރަ ހިންގާ ވިޔަފާރިވެރިއަކީމެވެ. ހަމަ އެއާއެކު ބޮޑެތި ދަރަނިތަކެއްވެސް ބޮލުގައި އެޅިފައި ހުރި ބޮޑު ދަރަނިވެރިއަކީމެވެ. ދަރަނިތައް ބޮލުގައި އެޅުނީ އަޅުގަނޑުގެ އާވާރާ ދިރިއުޅުމުގެ ސަބަބުން ކަމަށްވެސް ޤަބޫލުކުރަމެވެ.  

ވިޔަފާރީގެ ކަންކަމަށް ބޭންކުން ނެގި ލޯނުތަކުން ބޮޑުބައެއް ޚަރަދުކުރެވުނީ ހަމަ ބޭކާރު ކަންކަމަށެވެ. ތެދަށް ބުނާނަމަ އަންހެން ކުދިންނަށެވެ. އެކަމުގެ ސަބަބުން ލޯނުތައް އަދާ ނުކުރެވި އައީ އިންޓަރެސްޓް އަރަމުންނެވެ. 3 ފިހާރައިން ލިބޭ ހުރިހާ ފައިސާއެއް ބޭންކަށް ދެއްކި ނަމަވެސް ކިރިޔާ އަދާކުރެވެނީ އިންޓަރެސްޓެވެ. ލޯނު ކުޑަކުރެވޭނެ ވަރެއް ނުވެއެވެ.  

މިކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުއްޓައި މިއަދުނޫހުން ފެނުނު ލިޔުމަކާއި ގުޅިގެން ފަތިސް ނަމާދުކުރަން ފަށަން ޝައުޤުވެރިވިއެވެ. ފަތިސް ނަމާދަށް ފުރަތަމަ ރޭ ދިއައީ ޞަލާޙުއްދީން މިސްކިތަށެވެ. ގެއާއި އެންމެ ކައިރީގައި ހުންނާތީއެވެ. އެ މިސްކިތުން ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރިވެރިއަކު ފެނުނެވެ. ހަމަ ޔަޤީނުންވެސް އޭނާއަކީ އަހަރެން ފަދަ ދަރަނިވެރިއެއް ނޫނެވެ. ބޮޑު މަހުޖަނެކެވެ.  

ދެވަނަ ރޭ ވެސް ދިއައީ ހަމަ އެ މިސްކިތަށެވެ. ހަމަ އޭނާ ފެނުނެވެ. 3 ވަނަ ރޭ ވެސް ފެނުނެވެ. ކޮންމެ ރެއަކު ދެވޭއިރުވެސް އެނާ މިސްކިތުގައި އިނދެއެވެ. ހިތަށް އެރިއެވެ. "އޭނާއަށް އެހައި ބޮޑު މުއްސަނދިކަމެއް ލިބިފައި އެވަނީ އޭނާ ފަތިސް ނަމާދުކުރާތީ ކަމަށްވެސް ވެދާނެއެވެ. ތަންކޮޅެއް ކުރިން މިކަންކަން ވިސްނުނު ނަމައެވެ."  

އެހައިތަނަށް އަހަރެންނަކީ ނަމާދުކުރުމަށް އެހައި ބޮޑު ސަމާލުކަމެއް ދިން މީހެއް ނޫނެވެ. ނަމަވެސް ފަތިސް ނަމާދުކުރަން ފެށުނުކަން ވެގެން ދިއައީ އެހެން ނަމާދުތައް ކުރަން ވެސް ލިބުނު ހިއްވަރަކަށެވެ.  

އެގޮތަށް މަހެއްހައި ދުވަސް ފާއިތުވިތަނާ ބައްދަލުވި މީހަކު ބުނީ ޤަވާއިދުން ޤުރްއާން  ކިޔެވުމަކީވެސް އަތްމަތި ތަނަވަސްވެ ދަރަނިން ސަލާމަތްވުމަށް އެހީލިބޭ ކަމެއް ކަމަށެވެ. އޭނާގެ ބަސް ޤަބޫލުކޮށް އެކަންކަން ވެސް ކުރަން ފެށީމެވެ.

އެގޮތުގައި ހައަކަ މަސްވީތަނާ ރަނުގެ ފުރުޞަތެއް ލިބުނެވެ. އެއީ ބޭންކަށް ދަކަންޖެހޭ އިންޓަރެސްޓް ވަރަށް ބޮޑުތަން ކުޑަކުރުމަށް ލިބުނު ފުރުޞަތެކެވެ. ބޭންކަށް އެއިރު ދައްކަންޖެހޭ އިންޓަރެސްޓާއި ސަރވިސް ޗާޖަށް 16 ވަރަކަށް އިންސައްތަ އަރައެވެ. އެބައި ދެއްކުމަށްފަހު ލޯނަށް ދައްކާނެ ފައިސާ ނުލިބޭތީ ލޯނު ނުދެއްކެނީއެވެ. ލިބުނު ފުރުޞަތަކީ ދުބާއީގެ އެޖެންޓް މެދުވެރިވެގެން ލިބުނު ފުރުޞަތެކެވެ. އެފުރުޞަތުގައި 3 އިންސައްތަ އިންޓަރެސްތުގައި ބޭނުން އަދަދަކަށް ފައިސާ ލިބޭނެ ގޮތް މެދުވެރިވިއެވެ. 

އެފުރުޞަތުގެ ބޭނުން ހިފައި ލޯނެއް ނެގުމަށްފަހު ރާއްޖޭގެ ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަދާކުރީމެވެ. އެއަށްފަހު ދުބާއީން ނެގި ލޯނަށް ފައިސާ ދައްކަމުން ގެންދިއައީ ހަމަ ރާއްޖޭގެ ބޭންކްތަކަށް ދައްކަމުން އައި އަދަދެވެ. ނަތީޖާއަކަށްވީ 3 އަހަރު ތެރޭގައި އެލޯނު އަދާކުރުމުގެ ފުރުޞަތު ވެސް ލިބުމެވެ. މިދިއަ އޮގަސްޓް މަހުގެ ނިޔަލަށް ވާނީ ލޯނުގެ ހުރިހާ ފައިސާއެއް ދަކާ ނިންމައިފައެވެ.  

މިހާރު އަހަރެންނަކީ ދަރަނިވެރިއެއް ނޫނެވެ. ލިބުނު ގެއްލުން މިހާރު އެވަނީ އެކުގައި ފިލުވައިލެވިފައެވެ. އިރާދަކުރެއްވިއްޔާ ނަމާދުކުރުމާއި ކީރިތި ޤްރްއާން ކިޔެވުމުގައި ސާބިތުކަންމަތީގައި ދެމި ހުންނާނަމެވެ! މި މައުލޫމާތު ހިއްޞާ މިކުރީ އަހަރެންގެ ހަޔާތުން އެހެން މީހަކަށް ޙާޞިލުކުރެވިދާނެ ޢިބްރަތެއް އޮވެދާނެ ކަމުގެ އުންމީދުގައެވެ.

 

- ޢިބްރަތްތެރި ވާހަކަ 

 

މިއަދު އޮންލައިން