އަހުރެންގެ ވާހަކަ މިފަށަނީ ޢިބްރަތްތެރި ޙާދިސާއަކުންނެވެ. ފުރަތަމަ ޙާދިސާގައި އޭނާއަކީ ހުވަފަތް އަންހެނެކެވެ. ފިރިމީހާ ނިޔާވިއިރު އަތުގައި ހުރީ ވަރަށް މަދު ފައިސާކޮޅެކެވެ. އެހެންވެ ބޭނުންކުރަމުން އައީ ވަރަށް ވިސްނައިގެންނެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނޫނީ ނުކުރެއެވެ. އެކަމަކު އެއްވެސް މީހެއްގެ ގާތަކުން ކަމަށް ނުއެދެއެވެ. ޔަޤީންކޮށްގެން ހުރީ އޭނާ އާއި ދެދަރިން ﷲ ތަޢާލާ ނިކަމެތި ނުކުރައްވަވާނެ ކަމަށެވެ.
މީސްމީހުންގެ ގާތުގައި އޭނާގެ ޙާލު ބަޔާންކޮށްދޭން ވަޤުތު ހޭދަކުރުމުގެ ބަދަލުގައި އޭނާ ކުރަމުން އައި ކަމަކީ އަޅުކަންކުރުމުގައި ހޭދަކުރާ ވަޤުތު ގިނަކުރުމެވެ. ރޭއަޅުކަމުގައި ގިނަ ވަޤުތު ހޭދަކުރުމެވެ.
ދެން މިބުނަނީ އެކަމުގެ ނަތީޖާއެވެ. ހުވަފަތްވުމުގެ ޢިއްދަ ހަމަވިތާ ހަފްތާއެއްވެސް ނުވަނީސް ޒުވާން އިރުގެ އެކުވެރިއަކު ބައްދަލުކުރަން އައެވެ. އައީ ހުވަފަތްވިކަން ނުވެސް އެނގިހުރެ ދެމަފިރިންނާއި ބައްދަލުކުރާށެވެ. ޙާލަތު އެނގުމުން ފުރަތަމަވެސް ހުށަހެޅީ ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކުރުމަށެވެ. އެކަން ޤަބޫލުކޮށް ކައިވެނިކުރުމުން މިހާރު އުޅެމުން އަންނަނީ ކުރިއަސްވުރެވެސް މާއުފަލުގައެވެ.
ސުވާލަކީ އޭނާ އެގެއަށް ހަމަ ދިއައީ ހެއްޔެވެ؟ އަހުރެން ބުނާނީ އެއަންހެން މީހާއަށް އެމީހާ މެދުވެރިކުރައްވަވައި ރަހްމަތް ލެއްވެވީ ކަމަށެވެ. އަންހެން މީހާގެ ތަޤްވާވެރިކަން ބޮޑުވީމާ މާއުފާވެރި ޙަޔާތެއް ދެއްވެވީ ކަމަށެވެ.
އިމްތިޙާނު ކުރެއްވެވުމުގެ ކުރިމަތިކުރައްވަވާ ކަންކަމެއް ނުއެނގޭނެއެވެ. ފަހަރެއްގައި ތިމާއަށް މިހުރެވެނީ ގޮތްހުސްވެފައި ކަމަށް އިޙްޞާޞްކުރެވިދާނެއެވެ. ތިމާއަށް އެހީތެރިވެދޭނެ ހަމައެކަކު ނެތްކަމަށްވެސް ނެތްކަމަށް އިޙްޞާޞްކުރެވިދާނެއެވެ. މިޙާލަތު ބޮޑަށް ކުރިމަތިވަނީ ހުވަފަތްވާ އަންހެނުންނަށާއި އެކަނިވެރިވާންޖެހޭ މައިންނަށެވެ.
މިފަދަ ޙާލަތްތައް ކުރިމަތިވުމުން ކުރިން މިބުނިމަގުން ވިސްނެނީ، ތިމާއަށް މިހުރެވެނީ ގޮތްހުސްވެފައި ކަމަށާއި ތިމާއަށް އެހީތެރިވެދޭނެ ހަމައެކަކު ނެތްކަމަށްވެސް ނެތްކަމަށް އިޙްޞާޞްކުރެވޭ މީހުންނަށް ބަލާއިރު ގިނައީ ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުންތައް ކުޑަ މީހުންނެވެ. އެއީ އެފަދަ މީހުންގެ ޝައިޠޯނާ ބާރު ހިންގައި އޭނާގެ ނިކަމެތިކަން އޭނާއަށް ވިސްނަިދޭތީއެވެ.
ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ބާއްވަންޖެހޭ ގުޅުންތައް ބާއްވައިގެން އުޅޭނަމަ ޚާއްޞަކޮށް ރޭއަޅުކަންކޮށް ޤުރްޢާން ކިޔަވާނަމަ އެމީހަކަށް ހިތްވަރުލިބޭނެއެވެ. އިން ޝާ ﷲ. މިހުރީ ގޮތްހުސްވެފައި ކަމަށް ޤަބޫލެއް ނުކުރެވޭނެއެވެ. ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޔަޤީންކުރެވޭނެއެވެ. އެއީ އެމީހުންނާއިއެކު ﷲ ތަޢާލާ ލައްވަވާފައިވާ ރަޙްމަތުގެ މަލާއިކަތުންގެ ސަބަބުންނެވެ.
ހިތާމައަކީ މިކަންކަން ގިނަ ބައަކަށް ވިސްނައިގަންނަންވެސް ނުއެނގޭ ކަމެވެ. ކަމެއް ކުރިމަތިވާއިރަށް ހާސްވެ ކަންބޮޑުވެވެނީ އެހެންވެގެންނެވެ. ކުރިއަށް ދާން އޮތް މަގުން ނުދެވި ގޯޅިތައް އަޅައިގެން ދެވެނީ މިބުނި ކަންކަމަށް ނުވިސްނާތީއެވެ. ވިސްނާ މީހަކަށް ރަޙްމަތުގެ ދޮރުކޮޅުތައް ﷲ ތަޢާލާ ހުޅުއްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން