ޤިޔާމަތް ދުވަސް ކާމިޔާބުކުރެވޭ މީހަކަށްވުމަށާ ޙަޤީޤީ އުފާވެރިކަން ލިބުން އެދިގެން އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤިޔާމަތް ދުވަސް ކާމިޔާބުކުރެވޭ މީހަކަށްވުމަށާ ޙަޤީޤީ އުފާވެރިކަން ލިބުން އެދިގެން އެންމެ ފަސޭހައިން ކުރެވެން އޮތް ޢަމަލު-

އުފާވެރިކަމުގެ ވާހަކަ ދެކެވޭއިރަށް ގިނަބއަކަށް އެންމެ ފަސޭހައިން ވިސްނައިލެވެނީ ދުނިޔޭގެ ޙަޔާތާއިމެދުގައެވެ. ދުނިޔޭގެ ޙަޔާތް އުފާވެރިވުމާއިމެދުގައެވެ. ނަމަވެސް އެއީ ނިޞްބަތުން ޛައްރެއްގެ މިންވަރަށްވުރެވެސް ކުޑަ ކަމެކެވެ. ސަބަބަކީ ކޮންމެ މީހެއްގެވެސް އަޞްލު މަންޒިލަކީ މަރުވުމުން ފެށޭ ޙަޔާތް ކަމަސްވެފައި ނިމުމެއް ނެތް ޙަޔާތަކީ އެއީ ކަމަށްވާތީއެވެ. 

ދުނިޔޭގައި އުޅެލަން މިލިބޭ މަދު ވަޤުތުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާ މީހުންނަށް އުފާވެރިކަން ލިބޭނީ ހަމައެކަނި މިއަދަކު ނޫނެވެ. މާދަމާ ނުވަތަ އާޚިރަތް ދުވަހުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

އެޢަމަލެއް ކުރުމުން ދުނިޔެއާއި އާޚިރަތް ޙާޞިލުކުރެވެން އޮތް އެންމެ ފަސޭހަ ޢަމަލު އޮތީ އެނގޭށެވެ. އަދި އެއީ ކުރަން އެންމެ ފަސޭހަ އެއް ޢަމަލެވެ. އަދި އެހައިމެ ކުޑަ ވަގުތުކޮޅަކުން ކުރެވެން ވެސް އޮތް ޢަމަލެކެވެ. 

ޙަދީޘްފުޅުން އެނގެން އޮތީ ދުޢާ ނުކުރާ އަޅުންނާއިމެދު ﷲ ތަޢާލާ ކަންބޮޑުވެވޮޑިގަންނަވާކަމެވެ. އަދި ކޮންމެ ކަމެއް ޖެހުނުނަމަވެސް ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރުމަށް ލޯބިވެވޮޑިގަންނަވާ ކަމެވެ. 

އެހެން އެއްވެސް ބޭނުމެއް ނުޖެހުނު ނަމަވެސް އަބަދުވެސް އެންމެ ބޮޑު ބޭނުން އޮތީ ހުރިހާ އެންމެންނަށްވެސް ޖެހިފައެވެ. އެއީ ފާފަތައް ފުއްސަވައިދެއްވެވުމެވެ. ﷲ ތަޢާލާ ހުރިހާފާފަތަކެއް ފުއްސަވައިދެއްވެވުމުންވެސް ރަސޫލް ކޮންމެ ދުވަހަކު 70 – 100 ފަހަރު   ފާފަތައް ފުއްސަވައިދެއްވެވުން އެދިވަޑައިގެން ދުޢާކުރެއްވެވީ އެކަމަކީ ކޮންމެ މީހަކު ކޮންމެ ދުވަހަކުވެސް ގިނަގިނައިން ކުރަންޖެހޭނެ ކަމެއްކަން އުންމަތަށް އުނގަންނަވައިދެއްވެވުމަށެވެ. އިތުރު އެކަލޭގެފާނަށް އެކަން ބޭނުންފުޅުވާތީއެއް ނޫނެވެ. 

أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ 

ވީމާ ކޮންމެ ދުވަހަކުވެސް ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި މިފަދަ ދުޢާއެއް މަދުވެގެން 100 ފަހަރު ޛިކުރުންމަތީގައި ދެމިތިބޭށެވެ. 

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އިސްތިޣްފާރުކުރުމުން ހަމައެކަނި ފާފަތައް ފުއްސަވައި ދެއްވަވާނީ ކަމަށެވެ. ނަމަވެސް ކަމުގެ ޙަޤީޤަތް މުޅިން ތަފާތެވެ. އިސްތިޣްފާރުކުރުމަކީ އެމީހާގެ ފާފަތައް ފުއްސަވައި ދެއްވެވުމުގެ އިތުރުން އެމީހާއަށް ބޭނުންވާ ރައްކައުތެރިކަމާއި އެމީހާގެ ޙާޖަތްތައްވެސް ފުއްދަވައި ދެއްވަވާ ކަމެކެވެ. އެމީހާ ކުރާދުޢާ ޢިޖާބަކުރައްވަވާ ކަމެކެވެ. ވީމާ އިސްތިޣްފާރުކުރުމުން ޙާޞިލުނުކުރެވޭނެ ބޭނުމެއް ނެތެވެ. 

سبحان الله وبحمده أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ  

ޢާއިޝަތުގެ ފާނުގެ އަރިއަހުން ރިވާވެގެންވަނީ ރަސޫލް ސުވަރުގެވަދައިގަތުން ގާތްވަމުން އައިހިދު ގިނަގިނައިން މިފަދައިން ޛިކުރުކުރެއްވެވިކަމަށެވެ.

 

 -މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން