ޒަކަރިއްޔާގެފާނުގެ ވާހަކަ 5: ޒަކަރިއްޔާގެފާނުގެ މަސައްކަތްޕުޅު

ކިޔުމަށް ހޭދަވާނީ 3މ 27ސ
ޒަކަރިއްޔާގެފާނުގެ ވާހަކަ 5: ޒަކަރިއްޔާގެފާނުގެ މަސައްކަތްޕުޅު

ޢަލީ އިޙްޞާން ފިރާޤް

 

ޒަކަރިއްޔާގެފާނުގެ މަސައްކަތްޕުޅު: 

އަރަހުށި މާތްسبحانه وتعالى މީސްތަކުންނަށް ތެދުމަގުދެއްކެވުމަށްޓަކައި ފޮނުއްވި އެންމެހައި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަކީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވި ބޭކަލުންނެވެ. އެގޮތުން زكريّا عليه السّلام  ވެސް ދިރިއުޅުއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދެވީ އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެންނެވެ. އެކަލޭގެފާނު މައިގަނޑުގޮތެއްގައި ކުރެއްވި މަސައްކަތްޕުޅަކީ ވަޑާންކުރެއްވުމުގެ މަސައްކަތްޕުޅެވެ. 

އަބޫ ހުރައިރާ ރަޟިޔަޢަންހުގެ އަރިހުން އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ ޙަދީޘް ކުރައްވައިފައިވެއެވެ.

[‏ كَانَ زَكَرِيَّاءُ نَجَّارًا] {صحيح مسلم، كتاب الْفَضَائِلِ، بَابٌ فِي فَضَائِلِ زَكَرِيَّاءَ عَلَيْهِ السَّلَامُ، حديث رقم 4510}

މާނައީ: [زكريّا عليه السّلام އަކީ ވަޑާންކުރައްވާ އުޅުއްވި ބޭކަލެކެވެ.]

يحيى عليه السّلام އާއި އެކަލޭގެފާނުގެ ބައްޕާފުޅު زكريّا عليه السّلام އާއި މަންމާފުޅު اشياع އަކީ ނުހަނު ތަޤްވާވެރި ތިން ބޭފުޅުންނެވެ. އެބޭފުޅުންގެ ގިނަވަގުތުން ވަޤުފުކުރައްވައިފައިވަނީ މާތް ހަނދުމަކުރައްވަވައި ޒިކުރުކުރެއްވުމާއި އެކަލާނގެއަށް އަޅުކަން ކުރެއްވުމަށެވެ. ތަސްބީޙައާއި ތަޙްލީލު ވިދާޅުވުމަށެވެ. ކީރިތި ޤުރްއާނުގެ އަންބިޔާއު ސޫރަތުގެ 90 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَاسْتَجَبْنَا لَهُ وَوَهَبْنَا لَهُ يَحْيَىٰ وَأَصْلَحْنَا لَهُ زَوْجَهُ ۚ إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ﴿٩٠

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ].

މިއަދު އޮންލައިން