ހިތްދަތިކަން ކުރިމަތިވެ ދެން އުފާވެރިކަން ލިބިދާނެ ކަމުގެ އުންމީދު ނެތްޙާލަތުގައިވެސް ނިކަން މިމަގުން ޢަމަލުކޮށްބަލަ! އުފަލުން ފުރިގެންދާވަރުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތްދަތިކަން ކުރިމަތިވެ ދެން އުފާވެރިކަން ލިބިދާނެ ކަމުގެ އުންމީދު ނެތްޙާލަތުގައިވެސް ނިކަން މިމަގުން ޢަމަލުކޮށްބަލަ! އުފަލުން ފުރިގެންދާވަރުވާނެ! އިން ޝާ ﷲ

އެއްބައަކަށް އުފާވެރިކަން ދެއްވެވުމުން ޤަބޫލްކުރަނީ އެއީ ތިމާގެ މަސައްކަތުން ނުވަތަ ތިމާގެ މޮޅުކަމުން ނުވަތަ ކޮންމެވެސް މީހަކު އެހީތެރިވެދިނުމުން ލިބުނު ކަމެއް ކަމަށެވެ. އެފަދައިން ވިސްނާ މީހުންނަށް ހިތްދަތިކަމެއް މެދުވެރިވުމުން އެއީ މިވެނިމީހަކުގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށްބަލައި އެމީހަކު ކުށްވެރިކުރެއެވެ.

އެހެނަސް ޙަޤީޤަތަކީ އުފާވެރިކަން ދެއްވަވަނީވެސް ﷲ ތައާލާ ކަމާއި އަދި ހިތްދަތިކަން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާކަމެވެ. މިކަން އެބަ ދެގޮތަކަށް މާނަކުރެއެވެ.

ކުރިން ބުނިފަދައިން އުފާވެރިކަމަކީވެސް ހިތަދަތިކަމަކީވެސް ﷲ ތަޢާލާ މިންވަރުކުރައްވަވާ ރަހްމަތެކެވެ. ހިތްދަތިކަން މިންވަރުކުރައްވަވަނީވެސް ހަމަ އުފާވެރިކަން މިންވަރުކުރެއްވެވި ﷲ ތަޢާލާއެވެ. އަދި އުފާވެރިކަން މިންވަރުކުރައްވަވަނީވެސް ހަމަ ހިތްދަތިކަން މިންވަރުކުރައްވަވާ ﷲ ތައާލާއެވެ.

ވީމާ ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ އެއްވެސް މީހަކު ކުށްވެރިކުރަން ނުހަދައި އަވަހަށް އެޒަޚަމްވެފައިވާ ހިތް ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހަޅާށެވެ. އެހިތް ހުޅުވައިލާށެވެ!

ﷲ ތަޢާލާގެ ރަހްމަތަށް އެދިގެން ލޮލުން ކަރުނައަޅައި އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ! އެއިން ކޮންމެ ކަރުނަތިއްކަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ބާރުގަދަ ދުޢާއަކަށްވެގެންދާނެއެވެ. އިން ޝާ ﷲ

އެހެނީ ކަރުނައަކީ އެންމެ މަތިވެރި ދުޢާއެވެ. ހިތްދަތިވެ ވާހަކަ ނުދެއްކޭ ވަގުތު، އެޙާލަތުގައި ތިބާގެފަރާތުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ޙާލަތު ބަޔާންކުރާނީ ތިބާގެ ދުޢާއެވެ.

ވީމާ އެއްވެސް ކަމެއް ކުރިމަތިވުމުން އެއްވެސް މީހަކާއި ނުވަތަ ބައަކާއި ޝަކުވާ ނުކުރާށެވެ! ހިތް ދެއްވެވި، ތިމާއަށް އެހާލަތުކުރިމަތިކުރެއްވެވި ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާގެ ނިކަމެތިކަން ބަޔާންކޮށް ކަރުނައަޅާށެވެ! އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

ހިތަކީވެސް ޙިމާޔަތްކުރަން މަސައްކަތްކުރަން ޖެހޭ އެއްޗެކެވެ. ިތް ޙިމާޔަތްކޮށް ރައްކައުތެރިކުރަންޖެހެނީ ކޮން ކަމަކުން ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި ޝައިޠޯނާގެ ވަސްވާސްތަކުންނެވެ.

އުފާވެރިކަން ލިބޭވަގުތު އެނިޢްމަތް ދެއްވެވި ﷲ ތަޢާލާއަށް ޝުކުރުވެރިވާ ހިތަކަށް ހެދޭނީ ހިތް ހިމާޔަތްކޮށްގެންނެވެ. އަދި ހިތާމައެއް ލިބޭ ވަގުތު ﷲ ތަޢާލާއަށް ވަކީލުކުރެވޭނީ ހިތް ޙިމާޔަތްކުރާ މީހުންނަށެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން