ދުޢާކުރުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ދުޢާކުރުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އިންސާނާ ދުނިޔޭގައި ހޭދަކުރަންޖެހޭ ދުވަސްތަކަށްބަލާއިރު އެންމެ ބޮޑަށް ފާހަގަކުރަންޖެހޭނެ އެއްކަމަކީ ބޭނުންވާ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަންޖެހޭނެ ގޮތަށް ކަންކަން ލައްވަވާފައިވާކަމެވެ.

އަހަރެންނަށް ވިސްނޭގޮތުން އެކަމުގެ އެންމެ ބޮޑު ޙިކުމަތަކީ ﷲ ތަޢާލާގެ ބޭނުން ކޮންމެ ކަމެއްގައިވެސް އެބައޮތްކަން މީސްތަކުންނަށް އަނގަވައިދެއްވެވުމެވެ. ﷲ ތަޢާލާ އާއި ކުއްތަންވުމަށް އަބަދުވެސް މަސައްކަތްކުރަންޖެހޭނެކަމާއި އެންމެހައި ބާރުތައް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށްކަން އަންގަވައި ދެއްވެވުމެވެ.

ވީމާ އިންސާނާ ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި އެންމެ މުހިންމުކަމަކީ އަބަދުވެސް ތިމާއަކީ ﷲ ތަޢާލާއަށް ދުޢާކުރެވޭނެ ޙާލަތުގައި ހުންނަ މީހަކަށްވުމެވެ. ގިނަގިނައިން ދުޢާކުރަމުން ގެންދިއުމެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އަންނަ ލައިލަތުލްޤަދްރްވިލޭރެއަކީ ކުރިއަށް އޮންނަ އަހަރު ހިނގާނެ ހުރިހާ ކަންކަން ﷲ ތަޢާލާ ކަނޑައަޅުއްވަވައި ލިޔުއްވަވާރެއެވެ. އެއިގެތެރޭގައި ކޮންމެ މީހެއްގެ ކަންކަންވެސް ހިމެނެއެވެ. ﷲ ތަޢާލާ އެމީހަކާއިމެދު ލިޔުއްވެވި ކަންކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އަހަރެމެންނަށް އޮތީ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރަން މަސައްކަތްކުރުމާއި ދުޢާކުރުމެވެ.

ދުޢާކުރުމުން ހިންމަވައި ނުދެއްވަވާނެ ކަމެއްނެތެވެ. އަދި ބަދަލުގެންނަވައި ނުދެއްވަވާނެ ކަމެއްވެސް ނެތެވެ. އެކަން ޔަޤިންވާ އެންމެ ބޮޑު އެއް ސަބަބަކީ އިންސާނުން ުނިޔެއަށް ފޮނުއްވަވަނީ ދުނިޔޭގައި އެމީހަކު ހުންނާނެ މުއްދަތު ކަނޑައަޅުއްވަވާފައިނަމަވެސް ދުޢާކުރުމުން ޢުމުރު ދިގުކުރައްވަވައި ދެއްވަވާކަމެކެވެ.

ވީމާ ދުޢާކުރުމުން ހިންމަވައި ނުދެއްވަވާނެ އެއްވެސްކަމެއް ނެތެވެ. ކުރަން އޮތް ހަމައެކަނި ކަމަކީ ދުޢާ ޢިޖާބަކުރައްވަވާނެގޮތަށް މީހާގެ ޢަމަލުތައް ބަހައްޓައިގެން ވީހައި ގިނައިން ދުޢާކުރަމުން ގެންދިއުމެވެ!

އެއްވެސް އިންސާނަކު ދުނިޔެއަށް އަންނަނީ އެމީހާގެ އަމިއްލަބާރަކު ނޫނެވެ. އަދި ދުނިޔެއިން ނުކުމެގެންދަނީވެސް އަމިއްލަ ބާރަކު ނޫނެވެ. އެކަންކަން ހިނގަނީ ﷲ ތަޢާލާ އެކަމަށްޓަކައި ލައްވަވާފައިވާ ނިޒާމެއްގެތެރެއިންނެވެ. އެ ނިޒާމަށް އެއްވެސް ބަދަލެއް ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން