ރޮވިއްޖެނަމަ ކަރުނަ ފުހެލާށެވެ! ލައްވަވާނެ ބޮޑު ރަޙްމަތަށް ޔަޤީންކުރާ މީހަކު މާޔޫސް ނުކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރޮވިއްޖެނަމަ ކަރުނަ ފުހެލާށެވެ! ލައްވަވާނެ ބޮޑު ރަޙްމަތަށް ޔަޤީންކުރާ މީހަކު މާޔޫސް ނުކުރައްވަވާނެ! އިން ޝާ ﷲ

ރަނގަޅަށް ވިސްނާށެވެ! ﷲ ތަޢާލާގެ މަގުގައި ޝަހީދަކަށް ވެވޭނީ ޖިހާދުގެ މައިދާނަށް ނުކުމެގެން ފަދައިން ހަނގުރާމައަކުން ނަޞްރުލިބޭނީ ހަނގުރާމަކުރުމުންނެވެ. އެހެންކަމަށްވާއިރު ކެތްތެރިކަމުން ހޯދެން އޮތް ޘަވާބާއި ދަރުމަ ލިބުން އޮތީ ކެތްތެރިވާންޖެހޭ ކަންކަން ކުރިމަތިވެގެންކަން އަބދުވެސް ޤަބޫލުކުރަންވާނެއެވެ. ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސްމެއެވެ.

ވީމާ އެއްވެސް ހިތްދަތިކަމަކީ، މުޞީބާތަކީ ދަތި އުނދަގޫކަމެއްކަމަށް ނުދެކޭށެވެ! ރަހްމަތެއްކަމުގައި ދެކޭށެވެ!

އަހަރެމެންނަށް ޤަބޫލުކުރެވިފައި އޮންނަނީ މުޞީބާތާއި ހިތްދަތިކަން ކުރިމަތިވުމަކީ ލިބޭ އެންމެ ބޮޑު ގެއްލުން ކަމަށެވެ. ނަމަވެސް އެކަމުގެ އަޞްލަކީ އެއީ ލިބޭނެ އެންމެ ބޮޑު ފައިދާކަމެވެ.

ﷲ ތަޢާލާ އެންމެ ބޮޑު ނިޢްމަތް މިންވަރުކުރައްވަވަނީ މީހާ ކެތްތެރިވުމުންނެވެ. މުޞީބާތާއި ހިތްދަތިކަން ކުރިމަތިނުކުރައްވަވާނަމަ ކެތްތެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ. ކެތްތެރިވުމުގެ ފުރުޞަތު ނުލިބި ކެތްތެރިކަން ދައްކައިދޭނީ ކިހިނަކުން ހެއްހެވެ؟ އެކަމެއް ނުކުރެވޭނެއެވެ.

ވީމާ މުޞީބާތާއި ހިތްދަތިކަން މިންވަރުކުރައްވަވަނީ ކެތްތެރިވުމުގެ ފުރުޞަތު ދެއްވެވުމަށެވެ. ކެތްތެރިވީވަރަކަށް އެމީހަކަށް ނިޢްމަތްތައް ދެއްވަވަތެވެ. ރަޙްމަތް ލައްވަވަތެވެ. ފާފަތައް ފުއްސަވައި ދެއްވަވަތެވެ.

މިއީ ﷲ ތަޢާލާގެ ސުންނަތެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ "ފަހެ، ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ!" (.) "ހަމަކަށަވަރުން، އުނދަގޫކަމަކާއިއެކު ފަސޭހަކަންވެއެވެ." (.) ( 94:5،6)

ޔަޤީންކުރާށެވެ! ﷲ ތަޢާލާ ތިމާ ނިކަމެތި ނުކުރައްވަވާނެކަން ޔަޤީންކުރުމާއިއެކު ލައްވަވާނެ ބޮޑު ރަޙްމަތަށް ޔަޤީންކުރާ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން