ކުރެވުނު ފާފައަކަށްވެސް ތިބާއާއި ކައިރިވެސް ނުވެވޭނެ ގޮތަށް އުޅެން ބޭނުންވާ މީހަކަށް އެފުރުޞަތުވެސް އެބައޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކުރެވުނު ފާފައަކަށްވެސް ތިބާއާއި ކައިރިވެސް ނުވެވޭނެ ގޮތަށް އުޅެން ބޭނުންވާ މީހަކަށް އެފުރުޞަތުވެސް އެބައޮތް!

ފުރަތަމަކަމަކަސް ވިސްނާށެވެ! ފާފައަކީ ބިރެއް ނޫނެވެ! ބިރަކަށް ވަނީ ތައުބާނުވެވުނީމައެވެ. އެކަން ހިތުގައި ބާއްވައިގެން އުޅޭ މީހަކާއި ފާފަތައް އަމިއްލައަސްވެށް ދުރުހެލިވާނެއެވެ. އެފަދަ މީހަކަށްވުމަށް ކުރަން އޮތްކަމަކީ ފާފައެއް ކުރެވޭއިރަށް ތައުބާވެ ހެޔޮ ޢަމަލެއް ކުރަން އަވަސްވެގަތުމެވެ. ވީމާ ބިރުގަންނަންވީ ފާފަ ދެކެއެއް ނޫނެވެ. ތައުބާ ނުވެވޭތީއެވެ.

ރަނގަޅަށް އަޑުއަހާށެވެ! ކޮންމެ މީހަކަށްވެސް ހުންނާނީ ފާފަތަކެއް ކުރެވިފައެވެ. އެފާފަތަކަށް އެމީހާގެ ފަހަތުން ދެވޭނީ ގެންދިއައިމައެވެ. ނުގެންދިއައިމަ ނުދެވޭނެއެވެ! ރަނގަޅަށް އަޑުއަހާށެވެ! ކުރެވޭ ފާފަތަކަށް ތައުބާވުމުން އެފާފަތައް ނެތިނިމިގެން ދިއައީއެވެ.

ފަހަތަކުން ނާދެވޭނެއެވެ. ﷲ ތައާލާ ފުއްސަވައި ދެއްވަވާފައިވާ ފާފައަކަށް އެއްވެސް މީހަކަށް ދެވޭނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ވީމާ ފާފަތައް ތިމާ އާއިއެކު ތިމާގެ ފަހަތުން ގެނުވަން ބޭނުންނުވާނަމަ ގިނަގިނައިން ތައުބާވެ ފާފަތައް ފުހެލަން މަސައްކަތްކުރާށެވެ!

ކުރެވިފައިވާ ފާފަތައް ހިތް މައްޗަށް ގެނެސް ހިތާމަ ކުރުމަކީ އެފަދަ ފާފައެއް ދެން ނުކުރުމަށް ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަމެކެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ތައުބާ މަތީގައި ދެމިހުރުމަށް ހިތްވަރުލިބި، ބާރު ވެސް ލިބޭ ކަމެކެވެ. ވީމާ ކުރެވިފައިވާ ފާފަތަކާއިމެދުގައި ވިސްނައި އަބަދުވެސް ހިތާމަކުރަންވާނެއެވެ! އަދި އެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި އަބަދުވެސް ދުޢާކުރަންވާނެއެވެ! އަހަރެމެންގެ ދުޢާ ﷲ އިޖާބަ ކުރައްވަވާނެ ދުވަހެއް، ވަގުތެއް އަދި ކިތައް ފަހަރު ކުރުމުންކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ!

ފިނި މޫސުމެއްގައި މާލިކް ބިން ދީނާރު (ރަޙިމަހުﷲ) މަގެއް މަތިން ވަޑައިގަންނަވަނިކޮށް ވަރަށް ބައު އާދައިގެ ފޭރާމުގައި ހުރި ޒުވާނަކު މަގު އެއްކައިރީގައި ހުރެ ރޯތަން ފެނިވަޑައިގަތެވެވެ. އެހިނދު މިހައި ފިނި މޫސުމެއްގައި މަގުމަތީގައި ހުއްޓި ހުރެ ރޮނީ ކީއްވެތޯ ޒުވާނާ އާއި ސުވާލު ކުރެއްވެވިއެވެ.

ޒުވާނާ ދެންނެވިއެވެ. "މިތަނުގައި ހުރެ އަޅުގަނޑަށް ވަނީ ވަރަށް ކުރިން ފާފައެއް ކުރެވިފައެވެ. ވީމާ މިތަން ފެންނަ ކޮންމެ ފަހަރަކު އެ ހަނދާންތައް އައުވެ އެކަމާއި ދެރަވެ ރޮވެނީއެވެ."

އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ އެނާއަށް ކުރިން ކުރެވުނު ފާފަ މިއަދުވެސް އޭނާއާއިއެކު އުފުލާތީއެވެ. ވަކިވެ އަލްވިދާޢު ނުކިޔޭތީއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރެވިފައިވާ ފާތަކާއިމެދު އަބަދުވެސް ހިތާމަކުރަންވާނެއެވެ! އެކަމަކު އެއީ މަގުމަތީގަި ހުރެ ރުއިމެއް ނޫނެވެ. މިޒަމާނުގައި މަގުމަތީގައި ހުއްޓިހުރެ ރޯން ވެއްޖެނަމަ ޓްރެފިކާއި ހިނގާ މީހުން އެމީހަކު ޗިސްޗިސްވެސް ކޮށްލައިފާނެއެވެ!

މުހިންމީ ކޮންމެހެން ވަކިތަނެއްގައި ހުރެ ރުއިމެއް ވެސް ނޫނެވެ! ކޮންމެ ތަނެއްގައި ހުރެގެންވެސް ހިތާމަކުރެވިދާނެއެވެ! ގޭގައިވެސް އެކަން ކުރެވިދާނެއެވެ. އެންމެ ފައިދާހުރި ގޮތަކީ ތައުބާވުމަށްފަހު މާޒީ ނައްތައިލުމެވެ. ދުވަހަކުވެސް ރޯން ނުޖެހޭނެގޮތަށެވެ. އެގޮތަކީ އަލުން އެފަދަ ފާފައަކަށް ދުވަހަކުވެސް އަރައިނުގަތުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން