ޢާންމު ގޮތެއްގައި ޑިޕްރެޝަންގެ އުނދަގޫތައް ކުރިމަތިވަނީ ލިބިފައިވާ ނިޢުމަތެއް ގެއްލި ދިއުމުންނެވެ. ނުވަތަ ޙާޞިލްކުރަން އުޅޭ ކަމެއް ޙާޞިލްނުކުރެވުމުންނެވެ. އެޙާލަތުގައި ރަނގަޅަށް ވިސްނައިލާށެވެ!
ފުރަތަމަކަމަކީ ލިބިފައިވާ ނިޢުމަތެއް ގެއްލި ދިއުމެވެ. ބަލަ އެނިޢުމަތް ދެއްވެވުމުގެ ކުރިންވެސް ތިބާ އުޅުނީމު ނޫން ހެއްޔެވެ؟ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ތިބާގެ ކުށެއް ނެތި އަނބުރައި ގެންދަވާނީވެސް ރަޙްމަތަކަށެވެ. ޔަޤީންކުރާށެވެ! މާބޮޑަށް އިތުރުކުރައްވަވާފައި ދެއްވަވާނެ ކަމެވެ. ދުނިޔޭގައި ނުދެއްވަވައިފިނަމަ އަދިވެސް މާބޮޑުތަނުން އިތުރުކުރައްވަވާފައި ޤިޔާމަތް ދުވަހު ދެއްވަވާނެ ކަމެވެ.
ދެން އޮތީ ޙާޞިލްކުރަން މަސައްކަތްކުރާ ކަމެއް ޙާޞިލުނުކުރެވުމެވެ. ބަލަ އެކަން ޙާޞިލުނުކުރެވުނަސް މިހާރުވެސް ތިއަ އުޅެވެނީ ނޫން ހެއްޔެވެ؟ ދެންވެސް ނުއުޅެވެންވީ ކީއްވެގެން ހެއްޔެވެ؟
މިދެޙާލަތުގައި މިމޭރުމުން ވިސްނާ މީހަކަށް ޑިޕްރެސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
އަހުރެމެންނަށް އޮތީ އަހުރެމެންނާއި ޙަވާލުކުރައްވަވާފައިވާ ޒިންމާތައް އުފުލުމެވެ. ފުރަތަމަ ކަމަކީ ﷲ ތަޢާލާއަށްޓަކައި އުފުލަންޖެހޭ ޒިންމާތަކެވެ. ދެން އޮތީ އެމީހެއްގެ ޢާއިލާއަށްޓަކައި އުފުލަންޖެހޭ ޒިންމާތަކެވެ. އެމީހަކަށް ކެރިކުޅަދާނަވީވަރަކުން މި ކަންތަކުގައި އިޚްލާޞްތެރިވެއްޖެ މީހަކަށް ޑިޕްރެޝަނުން ސަލާމަތްވެވޭނެ މަގު ﷲ ތަޢާލާ ދައްކަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން