ދަރިން އެންމެ ކުޑައިރުންސުރެ މައިންބަފައިން މިމަގުން ޢަމަލުކުރާނަމަ ޝައިޠޯނާއަށް ދަރިންނާ ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ދަރިން އެންމެ ކުޑައިރުންސުރެ މައިންބަފައިން މިމަގުން ޢަމަލުކުރާނަމަ ޝައިޠޯނާއަށް ދަރިންނާ ވައިވެސް ނޭޅެވޭނެ! އިން ޝާ ﷲ

އަބަދުވެސް ފަށާ ގޮތަށް މިވާހަކަ ފަށަމުންވެސް ހަނދާންކޮށްލައިދޭނަމެވެ. ގިނަ ބައަކަށް ކަންކަމަށް ކަންބޮޑުވެވެނީ ގަޔަށް ހޫނުވާން ފެށުމުންނެވެ. ހިތަށް އަނިޔާ ލިބެން ފެށުމުންނެވެ. އަހުރެމެން ޢަމަލުކުރަން އޮތީ އެގޮތަކަށް ނޫނެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ރައްކައުތެރިކަން އެންމެ ކުރިއަށް ނެރެންވާނެއެވެ. ރައްކައުތެރިކަން ލިބެން އޮތް ގޮތްގޮތުން ހޯދަން ފެށުނީންސުރެ އަދި އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. 

މިގޮތުން ދަރިންނާއިމެދު ވިސްނައިލަމާ ހިނގާށެވެ! ދަރިން ދުނިޔެއަށް އުފަންވީންސުރެ ޝައިޠޯނާ ހުންނަނީ ކަޅިއަޅައިގެންނެވެ. ކުޑައިރުންސުރެ ޝައިޠޯނާ އަންނާނީ އެކުއްޖާގެ ސިކުނޑިއާއިކުޅެން މަސައްކަތްކުރަމުންނެވެ. ވީމާ ދަރިން ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން ފަށަންވީ ބާލިޣްވެ ތަކްލީފް ލިބިގެންވާ ކުއްޖަކަށްވުމުގެ ކުރިންނެވެ. އެންމެ ތުއްތު އިރުންސުރެ ފެށިގެންނެވެ. 

އެގޮތުން މައިންބަފައިން ޛިކުރުތައް ކިޔަންވާނެއެވެ. ކުދިންނަށް ކިޔޭވަރުވުމުން ކުދިން ލައްވައިވެސް ކިޔުއްވަންވާނެއެވެ. ކުދިންގެ ޢުމުރާއި ގުޅޭ ގޮތުން ޝައިޠޯނާ އާއި އަދި ﷲ ތަޢާލާ އާއިމެދު ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަންވާނެއެވެ.

ހަމައެއާއިއެކު ގިނަ ބައަކަށް ވަނީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައް ހަނދާންނެތިފައެވެ. އެއީ ދެމަފިރިން އެއްދާންކުރުމުގެ ކުރިން ކިޔަންޖެހޭ ދުޢާކިޔުމެވެ. 

ޖިމާޢުވުމުގެ ކުރިން ކިޔަން ޖެހޭ ދުޢާ އަކީ:

(اَللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا)

މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންގެ ކިބައިން ޝައިޠާނާ ދުރުކުރައްވަފާންދޭވެ، އަދި އަޅަމެންގެ ދަރިފަސްކޮޅުގެ ކިބައިންވެސް ޝައިޠާނާ ދުރުކުރައްވަފާންދޭވެ". 

މިދުޢާ ކޮންމެ ފަހަރަކު ޖިމާއުވުމުގެ ކުރިން އެއްފަހަރު ކިޔަން ވާނެއެވެ. އެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. 

ހަމަ އެއާއިއެކު ދަރިފުޅަށް ބަލިވެއިނީންސުރެ ދަރިފުޅަކީ ހެޔޮލަފާ ޞާލިޙް ދަރިއަކު ކަމުގައި ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ. ދަރިފުޅު ލިބުމުންވެސް ހަމައެފަދައިން ދުޢާކުރަންވާނެއެވެ. ދަރިންނަކީ ހެޔޮލަފާ ތަޤްވާވެރި ދަރިން ކަމުގައި ލެއްވެވުން އެދިގެންނާއި ޝައިޠޯނާގެ ވަސްވާސްތަކުން ދަރިން ސަލާމަތްކުރެއްވެވުން އެދި ދުޢާކުރުމަކީ ކިތަންމެ ބޮޑުވިނަމަވެސް ހުއްޓާލައިގެންވާން އޮތް ކަމެއްނޫނެވެ. 

ހަމައެއާއިއެކު ދަރިފުޅުގެ ޢުމުރާއި ގުޅޭ ގޮތުން ދަރިފުޅަށް ދީނުގެ ކަންކަން ދަސްކޮށްދީ އަހުލުވެރިކުރުވަންވެސް މަސައްކަތްކުރަންވާނެއެވެ. 

މިމަގުން މަސައްކަތްކުރެވިއްޖެނަމަ ކާމިޔާބުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން