މީސްތަކުންނަށް ހެޔޮ ނަޞީޙަތް ދިނުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމުން އަނެކާގެ ދިރިއުޅުމަށް ފައިދާކުރާނެއެވެ. އެހެންކަމާއިއެކުވެސް ވެވުނު ވަރަކުން މީހުންނަށް އެހީތެރިވެ ހެޔޮ ކަންކަން ކޮށްދޭން މަސައްކަތްކުރާށެވެ. ގިނަ މީހުންގެ ހަނދާނުގައި ގިނަ ދުވަހަށް ދެމިހުންނަނީ ކޮށްދޭ ހެޔޮ ކަންތަކެވެ. ހެޔޮ ބަސްބުނެ ހެޔޮނަޞީޙަތް ދިނުމަކީވެސް އަދި ހެޔޮކަންކަން ކޮށްދިނުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެވެ.
ކޮންމެ މީހަކީ އަނެކާއަށް ހެޔޮ ކަންކަން ކޮށް ނުދެވިދާނެ މީހެކެވެ. ނަމަވެސް ހެޔޮ ނަޞީޙަތް ދިނުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ. ހަމައެއާއިއެކު ހެޔޮ ބަސް ބުނުމާއި ހެޔޮނަޞީޙަތް ދިނުމަކީ ތަފާތު ދެކަމެކެވެ.
ހެޔޮބަސް ބުނުމުގެ މާނައިގައި ޝުކުރުވެރިވުމުގެ ބަސްތަކާއި ތަޢްރީފް ކުރުމުގެ ބަސްތަކާއި ހިތްވަރުދިނުމުގެ ބަސްތައްވެސް ހިމެނެއެވެ. ނަމަވެސް ނަޞީޙަތަކަށްވާނީ އަނެކާއަށް ފައިދާކުރާނެ ކަމެއް ނުވަތަ ގޮތެއް ބުނެދިނުމުންނެވެ.
ހެޔޮ ނަޞީޙަތްދޭންވީވެސް ހެޔޮ ކަންކަން ކޮށްދޭންވީވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. މަރުވުމަށްފަހުގައިވެސް މީސްތަކުންގެ ހެޔޮ ދުޢާ ލިބިލިބި ހުރުމަށެވެ. އެއަށްވުރެ ފައިދާހުރި ކަމެއް ނެތެވެ.
ދެން އޮތީ މީހުން އެކަންކަމުގެ އަގުވަޒަންކޮށް ހެޔޮދުޢާ ނުކުރުމެވެ. އެކަމަށްވެސް ކަންބޮޑުނުވާށެވެ. ތިބާ ބުނި ހެޔޮ ބަސްތަކާއި ދިން ނަޞީޙަތާއި ކޮށްދިން ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަންކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން