ޒަކަރިއްޔާގެފާނު ވާހަކަ 7: ބަނީ އިސްރާއީލުން ޔަޙްޔާގެފާނު ޝަހީދުކޮށްލުން-

ކިޔުމަށް ހޭދަވާނީ 6މ 15ސ
ޒަކަރިއްޔާގެފާނު ވާހަކަ 7: ބަނީ އިސްރާއީލުން ޔަޙްޔާގެފާނު ޝަހީދުކޮށްލުން-

ޢަލީ އިޙްޞާން ފިރާޤް

 

އަލްބިދާޔަތު ވައްނިހާޔަތުގައިވާގޮތުން، ބަނީއިސްރާއީލުބާގައިގެ މީހުންވަނީ زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ޤަތުލު ކޮށްފައެވެ. ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ބަނީއިސްރާއީލުބާގައިގެ މީސްތަކުން ނަބީބޭކަލުން ޤަތުލު ކުރިކަމަށް އައިސްފައިހުރެއެވެ. އެގޮތުން ސޫރަތުލް މާއިދާ 70 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

لَقَدْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ وَأَرْسَلْنَا إِلَيْهِمْ رُسُلًا ۖ كُلَّمَا جَاءَهُمْ رَسُولٌ بِمَا لَا تَهْوَىٰ أَنفُسُهُمْ فَرِيقًا كَذَّبُوا وَفَرِيقًا يَقْتُلُونَ ﴿٧٠﴾

މާނައީ: [ހަމަކަށަވަރުން، އިސްރާއީލު ގެދަރިންގެ ކަށަވަރުވެގެންވާ عهد ތިމަންރަސްކަލާނގެ ހިއްޕެވީމެވެ. އަދި އެއުރެންގެ ގާތަށް رسول ންތަކެއް ފޮނުއްވީމެވެ. އެއުރެންގެ ހިތް ނޭދޭގޮތަކާއިގެން، އެއުރެންގެ ގާތަށް رسول އަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އޭގެތެރެއިން ބައެއް رسول ންގެ ބަސްފުޅު ދޮގުކުރެތެވެ. އަދި އެއުރެން އަނެއްބައި رسول ން قتل ކުރެތެވެ.] 

މިދެންނެވި އާޔަތުގެ ތަފްސީރުގައި އިމާމު ޤުރުޠަބީ ލިޔުއްވައިފައިވެއެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުން ޤަތުލުކުރި ނަބީބޭކަލުންގެ ތެރޭގައި زكريّا عليه السّلام އާއި އެކަލޭގެފާނުގެ ދަރިކަލުން يحيى عليه السّلام  ހިމެނެއެވެ. އަދި މިނޫންވެސް އެތައް ނަބީބޭކަލުންނެއް އެބައިމީހުން ޤަތުލުކޮށްފައިވެއެވެ. އެބައިމީހުން ދޮގުކުރި ރަސޫލުބޭކަލުންގެ ތެރޭގައި عيسى عليه السّلام  ހިމެނެއެވެ.

{އިމާމު ޤުރްޠުބީ، ތަފްސީރުލް ޤުރްޠުބީ، މާއިދާ ސޫރަތުގެ 70 ވަނަ އާޔަތުގެ ތަފްސީރު} 

يحيى عليه السّلام ޝަހީދުކޮށްލެވުނު ޙާދިޘާއާމެދު ތަފާތު ރިވާޔަތްތައް ބަޔާންވެގެންވެއެވެ. އެގޮތުން އެންމެ މަޝްހޫރު ރިވާޔަތެއްކަމުގައި އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވަނީ މިދަންނަވާ ރިވާޔަތެވެ. އޭރު ދިމިޝްޤުގެ ވެރިއަކަށް ހުރި ރަސްގެފާނު އޭނާ ކާވެނި ކުރުން ޙަރާމް އަންހެނަކާ ކާވެނި ކުރަން ޤަޞްދުކުރިއެވެ. އެކަން އެނގިވަޑައިގެންނެވުމުން يحيى عليه السّلام  އެކަން ވަރަށް ވަރުގަދަޔަށް މަނާކުރެއްވިއެވެ. އެކަމާ ރުޅިއައިސްގެން އެ އަންހެނާގެ ބަހަށް އެކަލޭގެފާނު ޤަތުލުކުރެވުނެވެ. 

އަނެއް ރިވާޔަތެއްގައިވަނީ އެ ރަސްގެފާނުގެ އަނބިކަނބަލުން يحيى عليه السّلام  ދެކެފައި އެކަލޭގެފާނު ދެކެލޯބިފުޅުވިއެވެ. އެކަން يحيى عليه السّلام  ދެންނެވުމުން އެކަލޭގެފާނު އެކަމަނާގެ އަރިހަށް ދިއުމަށް އިންކާރުކުރެއްވިއެވެ. އެކަމާ އޭނާ ރުޅިއައިސްގެން ރަސްގެފާނުގެ އަރިހުގައި ތަފާތު ބަހަނާދައްކައިގެން އެކަލޭގެފާނު ޤަތުލުކޮށްލިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 411} 

އަދިވެސް އަލްބިދާޔަތު ވައްނިހާޔަތު މި ފޮތުގައިވެއެވެ.  شمر بن عطية ވިދާޅުވެފައިވެއެވެ. [يحيى عليه السّلام  ޝަހީދުކުރެވުނީ ބައިތުލްމަޤުދިސުގެ صخرة ގެ ކައިރީގައެވެ. އެތަނުގައި ހަތްދިހަ ނަބީބޭކަލުން ޤަތުލުކުރެވިފައިވެއެވެ.] އަދި އެކަލޭގެފާނު ޝަހީދުކުރެވުނީ ދިމިޝްޤުގައި ކަމަށްވެސް ރިވާވެގެން އައިސްފައިވެއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414-413} 

އަދިވެސް ރިވާވެގެންވާ ތާރީޚީ ރިވާޔަތެއްގައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު، ވަލީދު ބުނު މުސްލިމުގެ  އަރިހުން ރިވާކުރައްވާފައިވެއެވެ. ޒައިދު ބުނު ވާޤިދީ ވިދާޅުވެފައިވެއެވެ. ދިމިޝްޤުގެ މިސްކިތް ބިނާ ކުރަމުން ގެންދަނިކޮށް يحيى عليه السّلام ގެ އިސްތަށިފުޅުފެނުނެވެ. ޚުދު އަހަރެންވެސް އެކަލޭގެފާނު ގެ އިސްތަށިފުޅު ދުށީމެވެ. އެ އިސްތަށިފުޅު ވަޅުލެވިފައިވަނީ މިސްކިތުގެ މިޙުރާބުގެއާ ދާދި ކައިރީގައެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގެ ހަންކޮޅަކަށްވެސް އިސްތަށްޓަކަށްވެސް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ހީވަނީ ހަމަދެންމެ ގަތުލުކޮށްފައިވާ ހެންނެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 414}

އިބްނު ޝިހާބުއް ޒުހުރީ ވިދާޅުވެފައިވާކަމަށް އަލްޙާފިޡު އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާ އެއްދުވަހަކު އެކަލޭގެފާނުގެ ޞަޙާބީބޭކަލުންގެ އަރިހަށް ނުކުމެވަޑައިގެންނެވިއެވެ. އެވަގުތު ޞަޙާބީބޭކަލުން އެކިއެކި ނަބީބޭކަލުންގެ މާތްކަމުގެ ވާހަކަ ދައްކަވަމުން ގެންދެވިއެވެ. އެތަނުން އެއްބޭކަލަކު ވިދާޅުވިއެވެ. [މޫސާގެފާނަކީ كليم الله އެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. ޢީސާގެފާނަކީ روح الله އެވެ.] އަނެއް ބޭކަލަކު ވިދާޅުވިއެވެ. [އިބްރާހީމުގެފާނަކީ، خليل الله އެވެ.] މިބޭކަލުންގެ މިވާހަކަތައް އަޑު އައްސަވައި މާތް ރަސޫލާ ޙަދީޘު ކުރެއްވިއެވެ. [ޝަހީދުގެ ދަރިކަލުން ޝަހީދު ވާހަކަ ބަޔާން ނުކުރީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ފާފައެއް ކުރެވިދާނެތީ ތުރުކުރެއްވީ ކެހެރީގެ ފޭރާމެވެ. ފަރީއްކުޅުއްވީ، ގަސްގަހުގެ ފަތެވެ.] އިބްނު ވަހަބު ވިދާޅުވަނީ މާތް ރަސޫލާ އެ އިޝާރާތް ކުރެއްވީ يحيى عليه السّلام އަށް ކަމަށެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު، ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 403-404} 

މިދެންނެވި ރިވާޔަތަކީ މުރުސަލު ރިވާޔަތެކެވެ. މުރުސަލު ރިވާޔަތަކީ ޙަދީޘްގެ ސަނަދުގައި ޞަޙާބީބޭކަލުންގެ ނަންފުޅު ނެތް ޙަދީޘެވެ. ތާބިޢީ ބޭކަލަކު ސީދާ ރަސޫލާގެ އަރިހުން ރިވާ ކުރާ ޙަދީޘެވެ. މުރުސަލު ޙަދީޘަކީ އޭގެ ޒާތުގައި ޟަޢީފު ޙަދީޘެވެ.

 

މިއަދު އޮންލައިން