ޤިޔާމަތް ދުވަހު ރަސޫލް (ޞޢޥ) އާއި އެންމެ ދުރުގަ ތިބެންޖެހިދާނެ މީހުން އަންނަނީ ގިނަވަމުން! ތިބާގެ ޙާލަކީ ކޮބާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ޤިޔާމަތް ދުވަހު ރަސޫލް (ޞޢޥ) އާއި އެންމެ ދުރުގަ ތިބެންޖެހިދާނެ މީހުން އަންނަނީ ގިނަވަމުން! ތިބާގެ ޙާލަކީ ކޮބާތަ؟

ތިމާގެ އަމިއްލަ ޢާއިލާގެ ކަންކަން ނުބެލޭ މީހާވެސް މައިންބަފައިންގެ ޙާލު ނުބެލޭމީހާވެސް އަދި ވަޒީފާގެ ގޮތުން ދުރުގައި ހުންނަން ޖެހޭތީ ނަމަވެސް އަނބިދަރިންގެ ޙާލު ނުބެލޭ މީހާވެސް ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން ބަލައި ފާޑުކިޔުން މިވަނީ ޢާންމު ކަމަކަށްވެފައެވެ.

މިޙާލަތުގައި ދަންނާށެވެ! ބައެއް މީހުން ނުހަނު ގިނައިން އަޅުކަންކުރެއެވެ. ހެޔޮ ޢަމަލުތައްވެސް ކުރެއެވެ. ޤިޔާމަތުގެ މައިދާނުގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމަށްވެސް އެދެއެވެ. ސުވަރުގޭގައިވެސް ހަމައެފަދައިންވުމަށް އެދެއެވެ. ނަމަވެސް އެކަންކަމަށް އެދެމުން ކުރެވޭ އެންމެ ޢަމަލެއްގެ ސަބަބުން ރަސޫލް ﷺ އާއި އެންމެ ދުރުގައި ހުންނަން ޖެހިދާނެކަން ޙަދީޘުން އެނގެން އެބައޮތެވެ.

ތިމާއަށް އެފަދަ މީހުންނަށް އޮތް ބިރަކީ އެންމެ ބޮޑު އެއް ބިރެވެ. އެހެނީ ތިމާއަކީ ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އާއި އެންމެ ދުރުގައި ތިބެންޖެހޭ މީހުންގެ ތެރެއިން މީހަކު ކަމުގައި ވެދާނެތީއެވެ. މިޙާލަތު މެދުވެރިވެދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އާއި އެންމެ ދުރުގައި ތިބެން ޖެހޭނެ 3 މީހަކު ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއިގެ ތެރެއިން ފުރަތަމަ މީހާއަކީ ހުރިހާ ކަންކަމާއި ބެހި ވާހަކަ ދައްކައި އުޅޭ މީހުންނެވެ. އެއީ ހަމަ ބަހެއް ބުނެލުމުގެ ފުރުޞަތުލިބޭއިރަށް ކޮންމެވެސް އެއްޗެއް ބުނާ މީހުންނެވެ. މިޒަމާނުގެ ގޮތަށް ބުނާނަމަ ފެންނަ ހުރިހާ ކަމަކަށް ބެހި ކޮމެންޓްކުރާ (އެކަމަކަށް ވާހަކަދައްކާ) މީހުންނެވެ. ހަމަ ހިތަށް އަރާއިރަށް ބަސްބުނުމަކީ ޝައިޠާނާގެ އަމަލެކެވެ.

މާލިކް ބިން ދިނާރު ހާމަކުރައްވާފައިވާ ޢުމަރުގެފާނުގެ ބަސްފުޅެއްގައިވަނީ މާގިނައިން ވާހަކަ ދައްކާނަމަ ފާފަވެރިވުން ގިނަވާނެ ކަމަށެވެ. ޢުމަރުގެފާނު މިތަނުގައި "ގިނައިން ވާހަކަ ދެއްކުން" ގެންނަވާފައި އެވަނީ މުވާސަލާތުކުރަން މިހާރު ހުރި ވަސީލަތްތައް އެއިރު ނެތުމުންނާއި އެއިރު ކުރާ ކަމަކީ ވާހަކަ ދެއްކުން ކަމަށްވުމުންނެވެ.

އިސްލާމް ދިނުގައި އޮތީ ބަސް މަދުކުރުމާއި އަމަލު ގިނަ ކުރުމެވެ. ނަމަވެސް މިކަން މިހާރަކަށް އައިސް ތަފާތު ގޮތްތަކަށް އެބަ މާނަ ކުރެއެވެ. އެމީހުން ވާހަކައެއް ނުދައްކައެވެ. ހިތަށް އެރިހައި އެއްޗެއް ލިޔެފައި މެސެޖްކުރަނީއެވެ. ކުރަހާފައި ޢާންމުކުރަނީއެވެ.

އެމީހުން ބުނަނީ ތިމަންމެން މިތިބީ އަނގަމަޑުކޮށްގެން ކަމަށާއި ގިނަ މިކުރަނީ ޢަމަލުކަމަށެވެ. މިއީ ރަސޫލް (ﷺ) އަރިއަހުގައި މުނާފިޤުން ދެއްކި ފަދަ ބަހަނާ ނޫން ހެއްޔެވެ؟ ކަންކަން ފަސާދަކުރުމަށްފަހު ތިމަންމެންނަކީ އިޞްލާޙްކުރާ ބައެއް ކަމަށް ދެންނެވި މީހުން އެބުނި ބަހާއި މި ފަދަ މީހުން މިދައްކާ ވާހަކަތަކާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ އަހަރެންގެ ނަޒަރުގައި އެއްވެސް ތަފާތެއް ނެތެވެ. އެހެނީ އަނގައިން ވާހަކަ ނުދެއްކި ނަމަވެސް ޢަމަލުން އެކުރަނީ ހަމައެއް ކަމަކަށްވާތީއެވެ.

ކުރިން މިބަޔާންކުރިމަގުން އަޅުކަންކުރާ ބައެއް މީހުންނަކީ އެމީހެއްގެ ވަށައިގެންހިނގާ ކަންކަމުގެ އިތުރުން ދުނިޔޭގައި ހިނގާ ހުރިހާ ކަންކަމުގެ ތެރެއަށް ވަދެ ބަސް ބުނަން ބޭނުންވާ މީހުންނެވެ. އެކަމަކާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ތިމާއަށް ލިބިފައި ނެތް ނަމަވެސް ކޮންމެވެސް ބަހެއް ބުނަން ބޭނުންވާ މީހުން ދަނީ އިތުރުވަމުންނެވެ. މިފަދަ މީހުންނަކީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ބައެކެވެ.

އަހަރެން މިދެއްކީ ޣީބަ ބުނުން ފަދަ ކަންކަމުގެ ވާހަކައެއް ވެސް ނޫނެވެ. މިދެއްކީ ހަމަ ފެންނަހާ ކަމަކާއިމެދު ޢާދައިގެ ޢާންމު ވާހަކަ ދައްކާ މީހުންގެ ވާހަކައެވެ. އެކަން އެހައި ނުބައިކަމަކަށްވެގެންދަނީ އެކަމުގެ ސަބަބުން މީސްތަކުންނަށް ކަންކަން އޮޅިގެންދާތީއެވެ. ޝައްކުތައް އުފެދޭތީއެވެ. އަދި ފިތުނަތައްވެސް އުފެދޭތީއެވެ.

މިކަމުން ލިބިދާނެ ބޮޑު ދެރައަށް ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތް ދުވަހު ރަސޫލް (ﷺ) އާއި ކައިރި ނުވެވި އެންމެ ދުރުގައި ހުންނަން ޖެހުމަށްވުރެ ބޮޑު ދެރަ، ނިކަމެތި ކަމަކީ ކޮބައިހެއްޔެވެ؟

--ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން