މީހެއްގެ ގާތުން އެހީތެރިކަން ހޯދުމާ ވާގިއެދުމާ އެއީ މުޅިން ތަފާތު ދެކަމެއް! އޮޅުވާލައިފިނަމަ އެކުރެވެނީ އެންމެ ނުރައްކާ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މީހެއްގެ ގާތުން އެހީތެރިކަން ހޯދުމާ ވާގިއެދުމާ އެއީ މުޅިން ތަފާތު ދެކަމެއް! އޮޅުވާލައިފިނަމަ އެކުރެވެނީ އެންމެ ނުރައްކާ ކަންތައް!

ނުއެނގި ހުރެ ކުރެވޭ ކަންކަމަށް ﷲ ތަޢާލާ ޢަފޫކުރައްވަވާނެތެވެ. ނަމަވެސް ދީނުގައި އޮތީ ކަންކަން ދަސްކުރަން މަސައްކަތްކުރުމަށެވެ. މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައަކީ ޝިރުކުކުރުމެވެ. ޝިރުކުރުމުގައިވެސް ދަރަޖަތަކެއް ވެއެވެ. ވީމާ ކެރިކުޅަދާނަވީ މިންވަރަކުން އުނގެނި ދަސްކުރަން އެބްޖެހެއެވެ.

މީހެއްގެ ގާތުން އެހީތެރިކަން ހޯދުމާއި ވާގިއެދުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ! އޮޅުވާލައިފިނަމަ ޝިރުކުރެވިދާނެއެވެ! އެހެނީ ތިމާއަށް ކަމެއް ޖެހުމުން މީހެއްގެ އެހީތެރިކަން ހޯދުމަކީ ދީނުގައި ހުއްދަކަމެކެވެ. ވާގިއެދުމަކީ ޝިރުކުގެ ޢަމަލެކެވެ.

ބައެއް މީހުންނަށް ވާގިއެދުމުގެ މާނަ އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ވާގިއެދުންކަމަށް މާނަކުރެވެނީ އެމީހަކަށް ލިބިގެން ނުވާބާރެއް އެމީހެއްގެ ކިބައިން އެދުމަށެވެ. މިސާލަކަށް މަރުވެފައިވާ މީހެއްގެ ކިބައިން އެއްވެސް ކަމަކު އެދުމަކީ ވާގިއެދުމެވެ.

މުސްލިމުންނަށް ކޮންމެ ކަމެއްގައިވެސް ވާގި އެދެވޭނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ކޮންމެ ނަމާދެއްގައި މިދަންނަވަނީ އެފަދައިންނެވެ. "އަޅަމެން އަޅުކަންކުރަނީ އިނބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ އިނބަރަސްކަލާގެ ޙަޟްރަތުންނެވެ." (ސޫރަތުލް ފާތީޙާ: 5)

އެއްވެސް މީހެއްގެ ކިބައިން އެހީތެރިކަމަށް އެދެންޖެހޭނީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އިންސާނުންނަށް ކޮށްދެވިދާނެ ކަންކަމުގައެވެ. މަރުވުމަށްފަހު އެއްވެސް މީހަކަށް އެއްވެސް ކަމެއްކޮށްދިނުމުގެ ބާރު އެއްވެސް ފުރާނައަކަށް ލިބިގެނެއް ނުވެއެވެ.

ތިމާ ބޭނުންވާ ކަމެއް މަރުވެފައިވާ މީހަކަށް ކޮށްދެވިދާނެކަމަށް ޤަބޫލުކުރުމަކީ ޝިރުކުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި މަރުވެފައިވާ މީހަކަށް ތިމާއަށް އެއްވެސް ގެއްލުމެއް ދެވިދާނެކަމަށް ޤަބޫލުކުރުމަކީވެސް ހަމަ އެފަދަ ކަމެކެވެ.

ވީމާ އެމީހަކީ ދުނިޔޭގައި ކިތަންމެ ތަޤްވާވެރި ގޮތުގައި އުޅުނު މީހެއް ނަމަވެސް މަރުވުމަށްފަހު އެއްވެސް މީހަކަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެއެވެ. އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން