ހަނދުމަކޮށްދިނުމެއް ނަމާދަށް ހުންނައިރު އާފުރުން ގިނަވާނަމަ ޙައްލުކުރަން ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ހަނދުމަކޮށްދިނުމެއް ނަމާދަށް ހުންނައިރު އާފުރުން ގިނަވާނަމަ ޙައްލުކުރަން ޢަމަލުކުރަން އޮތް ގޮތް-

ނަމާދަށް ހުންނައިރު އާފުރުން ގިނަވާނަމަ ޙައްލަކީ ކޮބައިތޯ؟ އެކަމުން ނަމާދަށް އުނިކަން އަންނާނެތޯ؟

އާފުރުމާއިމެދު ބައެއް މީހުން ބުނަނީ އެއީ ކަމެއްކުރމުން ގޮސް ފޫހިވުމުން މެދުވެރިވާ ކަމެއް ކަމަށާއި އަދި ނިދިއައުމުންވެސް އައުފުރޭކަމަށެވެ. މިދެކަންތަކަށް ބެލިނަމަވެސް ނަމާދުގައި އާފުރޭނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.

އެބަހަށް ބަލައިލި ނަމަވެސް ނަމާދަށް ހުންނައިރު ފޫހިވާނަމަ އެކަމުން އަނގައިދެނީ ނަމާދަށް ޣާފިލުވެވޭކަމެވެ. އެއީ ވަރަށް ނުރައްކާތެރިކަމެވެ. ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލައްވަވާ ކަމެކެވެ.

ކަމުގެ ޙަޤީޤަތް ވަރަށް ތަފާތެވެ. އާފުރުމަކީ ޝައިޠާނާގެ ކިބައިން އަންނަ ކަމެކެވެ. މީހާއަށް ވަރުބަލިކަން ލިބޭ ވަގުތު ދެމެދަށް ވަދެގަންނަން ކުރެވުނުހައި މަސައްކަތެއް ޝައިޠާނާ ކުރާނެއެވެ. ވީމާ އަހަރެމެންނަށް އޮތީ އެކަމުން ސަލާމަތްވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމެވެ. ނަމާދު ނަމާދަކަށް ހެދޭނީ ޝައިޠާނާގެ ކިބައިން ސަލާމްތްވެ ހުރެ ނަމާދުކޮށްގެންނެވެ.

ނަމާދަށް ހުންނައިރު ވަރަށް ގިނައިން އާފުރޭ ގޮތް ވާކަމަށް ބުނެ އެކަމުގެ ޙައްލަކީ ކޮބައިތޯ ބައެއް މީހުން ސުވާލުކުރާތީ ބުނެލަމެވެ.

އެންމެ ފުރަތަމަ ކަމަކީ ނިދިހަމަކުރުމެވެ. ނިދިހަމަކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ރަސޫލް (ﷺ( ޙަދީޘްފުޅުކުރައްވަވާފައިވާ ފަދައިން އަވަހަށް ނިދައި ނިދި ހަމަކުރުމެވެ. ނިދި ހަމަކުރަންޖެހޭ އެންމެ ބޮޑު ސަބަބަކީ ސިކުނޑި ތާޒާކުރުމެވެ. ސިކުނޑި ތާޒާނަމަ އާފުރުން މަދުވާނެއެވެ.

ޢާންމުގޮތެއްގައި ފަތިސް ނަމާދުގައި އާފުރުން ގިނަވާނެއެވެ. އެއީ ނިދި ހަމަނުވާތީއެވެ. ނަމަވެސް ސަމާލުކަމާއިއެކު އިހު ސުންނަތުގެ 2 ރަކްޢަތްކޮށްފިނަމަ ނަމާދުގައި އެފަދަ މައްސަލަތައް މަދުވާނެއެވެ.

ދެވަނަ ކަމަކީ ނަމާދަށް ދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފުރިހަމައަށް ވެގެން ނަމާދަށް ދިއުމެވެ. އެއިގެ ތެރޭގައި ރަނގަޅަށް ފާޚާނާކުރުންވެސް ހިމެނެއެވެ.

ތިންވަނަ ކަމަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ. ނަމާދުގައި ކިޔާ ޛިކްރްތަކާއި އެތަކެތީގެ މާނަ ހިތްމައްޗަށް ގެންނަމުން ނަމާދުކުރާނަމަ އާފުރުމުން ދުރުހެލިވާނެއެވެ. ބައެއް މީހުން އެންމެ ގިނައިން އާފުރޭތަން ފެންނަނީ އިމާމް މީހާ އަލްޙަމްދަށް ފަހު ސޫރަތް ކިޔަވާ ވަގުތުއެވެ. އެވާގޮތަކީ ސޫރަތުގައި ކިޔަވާ އެއްޗެއްގެ މާނަ ނުއެނގުމުން ޝައިޠާނާ އަވަސް އަވަހަށް އެމީހަކާއި ނަމާދާއި ދެމެދަށް ވަދެގަންނަނީއެވެ.

ތިމާ އެކަނި ހުރެ ނަމާދުކުރާއިރު ސޫރަތް ކިޔެވި ނަމަވެސް ޙާލަތާއި ގުޅުވައިގެން ސޫރަތް ދިގުކުރާށެވެ. ވަރުބަލިވެ ނިދި ގާތްވެފައި ހުންނަ ޙާލަތުގައި ދިގު ސޫރަތް ނުކިޔަވާށެވެ. ކުރު ސޫރަތް ކިޔަވާށެވެ. ވަރުބަލިވެފައި ހުރެގެން ނަމާދު ދިގުކލުރަން މަސައްކަތްކުރި ނަމަވެސް އެކަން އޮންނާނީ ކުރަންވާ ގޮތަށް ނުކުރެވިފައެވެ.

ވީމާ ވީހައި ގިނަ ސޫރަތްތަކުގެ މާނަ ހިތު ދަސްކުރާށެވެ! މާނަ ނުއެނގޭ ބައިތަކެއް އިމާމާ ކިޔަވާނަމަ އެ ކިޔަވާ ކިޔެވުމަށް ސަމާލުކަން ދޭށެވެ. އެ ކިޔަވާ އެއްޗަކާއި ނަމާދާއިމެދު ވިސްނުން ބަހައްޓާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން