ޢަލީ އިޙްޞާން ފިރާޤް
ކުރިންވެސް ދެންނެވިފައިވަނާނެ ފަދައިން ވަރަށް ގިނަ ތާރީޚީ ރިވާޔަތްތަކުގައިވަނީ ބަނީ އިސްރާއީލުންގެ މީސްތަކުން ޒަކަރިއްޔާގެފާނު ޝަހީދުކޮށްލީކަމުގައެވެ. ނަމަވެސް ޤުރްއާނުގެ އެއްވެސް އާޔަތެއްގައި ޒަކަރިއްޔާގެފާނު ޝަހީދުކޮށްލިކަމުގެ އެއްވެސް ވާހަކައެއް ބަޔާންވެފައެއްނެތެވެ. ނަމަވެސް ބަނީއިސްރާއީލުންގެ މީސްތަކުން ނަބީބޭކަލުން ޤަތުލުކުރިކަމުގެ ވާހަކަ ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި ބަޔާންކޮށްފައި ހުރެއެވެ.
ޒަކަރިއްޔާގެފާނު ޝަހީދުކޮށްލި ވާހަކަ ބަޔާންކުރާ ޙަދީޘެއް އިބްނު ކަޘީރު ބަޔާން ކުރައްވައިފައިވެއެވެ. އެ ހަދީޘް ބަޔާން ކުރެއްވުމަށްފަހު އިބްނު ކަޘީރު ވިދާޅުވަނީ އެއީ ޟަޢީފު ޙަދީޘެއްކަމުގައެވެ. ރަސޫލާއަށް ނިސްބަތްކުރުން ރަނގަޅު ހަދީޘެއް ނޫން ކަމުގައެވެ.
ޤުރްއާނުގެ އެތައް ތަނެއްގައި ބަނީއިސްރާއީލުންގެ މީސްތަކުން ބިމުގައި ފަސާދަ އުފައްދައި ނަބީބޭކަލުން ޤަތުލުކުރި ވާހަކަ ބަޔާން ކުރައްވައިފައިވެއެވެ. އެގޮތުން އިސްރާ ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَقَضَيْنَا إِلَىٰ بَنِي إِسْرَائِيلَ فِي الْكِتَابِ لَتُفْسِدُنَّ فِي الْأَرْضِ مَرَّتَيْنِ وَلَتَعْلُنَّ عُلُوًّا كَبِيرًا ﴿٤﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ، إسرآءيل ގެދަރިންނަށް، ފޮތުގައި (އެބަހީ: توراة ގައި) ކަނޑައަޅުއްވައި އެންގެވީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ދެފަހަރެއްގެމަތިން ބިމުގައި ފަސާދަކުރާނޫއެވެ. އަދި ހަމަކަށަވަރުން، ބޮޑުވެގެންވާ ބޮޑާވުމަކުން ތިޔަބައިމީހުން ބޮޑާވާނޫއެވެ.]
މިދެންނެވި އާޔަތް ތަފްސީރު ކުރައްވަމުން އިމާމު އާލޫސީ ލިޔުއްވައިފައިވެއެވެ. އައްސުއްދީ ވިދާޅުވެފައިވެއެވެ. ބަނީއިސްރާއީލުން ކުރި ފުރަތަމަ ފަސާދައަކީ زكريّا عليه السّلام ޝަހީދުކޮށްލުމެވެ. އިބްނުޢައްބާސްގެފާނާއި އިބްނުމަސްޢޫދުގެފާނުވެސް ވިދާޅުވަނީ މިފަދައިންނެވެ.
އަދިވެސް އިމާމު އާލޫސީ ލިޔުއްވައިފައިވެއެވެ. ބަނީ އިސްރާއީލުންގެ ތެރޭގައި ހުރި ހެޔޮލަފާ ރަސްކަލަކު ނިޔާވުމަށްފަހު އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ރަސްކަމަށް އަންނާންވެގެން ގަދަ ދައްކައި ބިމުގައި ފަސާދަކޮށް އެއްބަޔަކު އަނެއްބަޔަކު މަރަންފެށުމުން الله, زكريّا عليه السّلام އަށް ވަޙީ ކުރެއްވިއެވެ. [އެބައިމީހުންގެ ގާތަށް ވަޑައިގެން ތިމަން الله ގެ ވަޙީ ބަސްފުޅު އިއްވާށެވެ.] ދެން އެކަލޭގެފާނު އެބައިމީހުންގެ ގާތަށް ވަޑައިގެން ނަސޭޙަތް ދެއްވުމުން އެބައިމީހުން އެކަލޭގެފާނު ޤަތުލު ކުރުމަށް ނިންމިއެވެ. އެކަލޭގެފާނަށް މިކަން އެނގިވަޑައިގެން ދުވެވަޑައިގެންފައި ވަޑައިގަންނަވަނިކޮށް ގަހެއް ދެފަޅިވެ އެކަލޭގެފާނަށްޓަކައި ހުޅުވައިލެވުނެވެ. ދެން އެކަލޭގެފާނު އެގަހުގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. ޝައިތާނާއަށް މިތަންފެނިގެން އައިސް އެކަލޭގެފާނުގެ ހެދުންކޮޅުގެ ބައެއް އެގަހުގެ ބޭރަށް އެބައިމީހުންނަށް ފެންނާނެހެން ނެރުނެވެ. އެބައިމީހުން ބޮޑު ކީހެއް ހިފައިގެން އައިސް އެގަހާއެކު އެކަލޭގެފާނު ކީހާލިއެވެ.
އަދިވެސް ބުނެވިފައިވެއެވެ. އެބައިމީހުން زكريّا عليه السّلام ޤަތުލުކުރީ މަރްޔަމްގެފާނު އާލާސްވެއިންނެވުމުން އެކަލޭގެފާނަށް އެކަމުގެ ދޮގު ތުހުމަތު ކުރުމަށްފަހުގައެވެ. އެބައިމީހުން ދެވަނައަށް ކުރި ފަސާދައަކީ يحيى عليه السّلام ޤަތުލުކުރުމާއި ޢީސާގެފާނު ޤަތުލުކޮށް ޞަލީބަށް އަރުވަން އުޅުމެވެ.
އިބްނު އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި ކީސްއަޅައި ކީހާލެވުނު ނަބީބޭކަލަކީ شعيا عليه السلام އެވެ. އެކަލޭގެފާނު ނަބީކަމާގެން ފޮނުއްވުނީ މޫސާގެފާނުގެ ފަހުންނެވެ. ޒަކަރިއްޔާގެފާނު އަވަހާރަވީ ތަބީއީ އަވަހާރަވުމަކުންނެވެ. ޝަހީދު މަރަކުންނެއް ނޫނެވެ.
ކޮންމެއަކަސް މި ޚިލާފުތައް އުފެދިފައިވަނީ ޤުރްއާނާއި ޞައްޙަ ޙަދީޘުން މިކަން ހިނގައި ދިޔަ ގޮތުގެ ތަފްސީލެއް އައިސްފައި ނެތުމުގެ ސަބަބުންނެވެ. މިފަދަ ތާރީޚީ ރިވާޔަތްތައް އެއް ރިވާޔަތާއި އަނެއް ރިވާޔަތް ފުށުއެރުންވެސް އެހާ ބޮޑެވެ.
ބަނީއިސްރާއީލުންގެ މީސްތަކުން ބިމުގައި ފަސާދަކޮށް الله ގެ އާޔަތްތައް ދޮގުކޮށް އުރެދުމުގައި ހައްދުފަހަނަ އަޅައިގޮސް ނަބީބޭކަލުން ޤަތުލުކޮށް އުޅުމުގެ ނަތީޖާއެއްގެ ގޮތުން الله އެބައިމީހުންގެ މައްޗަށް ދެރަނިކަމެތިކަން ޖެއްސެވިއެވެ. ބަޤަރާ ސޫރަތުގެ 61 ވަނަ އާޔަތުގައި الله ވަޙީ ކުރައްވައިފައިވެއެވެ.
وَضُرِبَتْ عَلَيْهِمُ الذِّلَّةُ وَالْمَسْكَنَةُ وَبَاءُوا بِغَضَبٍ مِّنَ اللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ النَّبِيِّينَ بِغَيْرِ الْحَقِّ ۗ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ ﴿٦١﴾
ދެރަކަމާއި ނިކަމެތިކަން އެއުރެންނަށް ޖެހުނެވެ. އަދި اللَّه ގެ ކޯފާ އެއުރެންގެމައްޗަށް حق ވެ، އެ ކޯފާއާއިގެން އެއުރެން އެނބުރިއައޫއެވެ. އެއީ، ހަމަކަށަވަރުން އެއުރެން اللَّه ގެ آية ތަކަށް كافر ވެ، حق އަކާ ނުލައި ނަބީބޭކަލުން قتل ކުރާ ބަޔަކު ކަމުގައިވީތީއެވެ. އެއީ، އެއުރެން އުރެދިގަނެ، އެކަމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވިކަމަށްޓަކައެވެ.
ތާރީޚުގައި މަޝްހޫރުވެގެންވަނީ ޔަޙްޔާގެފާނާއި ޒަކަރިއްޔާގެފާނަކީ ބަނީއިސްރާއީލުން ޝަހީދުކުރި ދެ ނަބީބޭކަލުންކަމުގައެވެ. ނަމަވެސް މިކަމަށް ދަލީލު ލިބޭ ޞައްޙަ ޙަދީޘެއް ޤުރްއާނުގެ އާޔަތެއް ނެތެވެ.
އަރަހުށި الله ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނަށް ސަލާމްލައްވާށި. އާމީން