ނިދީންހޭލެވޭއިރު ފުނިފުންޏަށް ޘަވާބުއިތުރުވެފައި ހުންނާނެ މަގުން ނިދަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ނިދީންހޭލެވޭއިރު ފުނިފުންޏަށް ޘަވާބުއިތުރުވެފައި ހުންނާނެ މަގުން ނިދަން ބޭނުންތަ؟

ޓެކްނޮލޮޖީގެ ކުރިއެރުން ﷲ ތަޢާލާ ދެއްވަވަނީ އެއިގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެމީހަކަށް ގިނަގުން ޘަވާބު ދެއްވަވާނެ ގޮތަށެވެ. އަދި އެމީހަކު ބޭނުންނަމަ ފާފަވެރިވެ ޢަޛާބުވެސް ހޯދިދާނެ ގޮތަށެވެ. އެގޮތުން ސޯޝަލް މީޑިއާއަކީވެސް ހަމައެފަދަ ވަސީލަތެކެވެ.  

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ސިފައެއްގައި ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާ މީހެކެވެ. ސުވާލަކީ ޙަރަކާތްތެރިވަނީ ޘަވާބު ދެއްވަވާނެ ގޮތަށް ހެއްޔެވެ؟ ނޫނީ ޢަޛާބު ދެއްވަވާނެ ގޮތަށް ހެއްޔެވެ؟  

ޢަޛާބު ދެއްވަވާނެ ގޮތް އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ އެވާހަކަ މިވަޤުތު ދައްކާކަށް ނެތީމެވެ. މިވަޤުތު މިތަނުގައި ހުރެ ދައްކަން ބޭނުންވަނީ ޘަވާބު ދެއްވަވާނެ ގޮތުގެ ވާހަކައެވެ. ބުނެދޭން މިއުޅެނީ ނިދާފައި ހޭލާއިރު ފުނިފުންޏަށް ނުވަތަ އެއަށްވުރެވެސް ގިނައިން އެމީހަކަށް ޘަވާބު ހޯދެން އޮތް މަގެކެވެ. 

އެހާގިނައިން ކަމަށް ބުނުމުން ޙައިރާންވަނީ ކީއްވެގެން ހެއްޔެވެ؟ ކުރާ ކޮންމެ ހެޔޮކަމެއްވެސް ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ 700 ގުނައަށް ނުވަތަ އެއަށްވުރެވެސް ގިނައިން ޘަވާބު ދެއްވަވާކަން އެބަ އެނގޭ ނޫން ހެއްޔެވެ؟  

އެހެންކަމަށްވާއިރު ހެނދުނުން ފެށިގެން ސޯޝަލް މީޑިއާއިން ފެންނަ، އެއީ ޞައްޙަ ޕޯސްޓެއްކަމާއި އެހެން މީހުންނަށާއި ތިމާއަށްވެސް ފައިދާކުރާނެކަން ޔަޤީންކުރެވޭ ޕޯސްޓްތައް ކިޔުމަކީ ވެސް އަޅުކަމެކެވެ. އެޕޯސްޓް ޝެއާކޮށް އެހެން މީހުންނަށް ބުނެދޭން މަސައްކަތްކުރުމަކީވެސް އަޅުކަމެކެވެ. އަދި ތިމާކުރާ ޕޯސްޓެއްގެ ސަބަބުން އެންމެ މީހަކަށް ނަމަވެސް ހޭލުންތެރިކަން ލިބިއްޖެނަމަ އެއޮތީ އިމެއްނެތި ޘަވާބު އިތުރުވަމުންދާނެ ޢަމަލެއް ކުރެވިފައެވެ. 

ވީމާ ދުވާލުގެ ވަޤުތުތަކާއި ރޭގަނޑުގެ ވަޤުތުތަކުގައި ހުސްވަޤުތު ލިބޭވަރަކުންނާއި ވަޤުތު ހޯދައިގެންވެސް މިބުނި ފަދައިން މަސައްކަތްކޮށްފިނަމަ އެމީހަކު ނިދީންހޭލެވޭއިރު އެމީހަކަށް މިލިއަނުން ޘަވާބު އިތުރުކޮށް ނުދެއްވަވައެއް ނުދާނެއެވެ. އެހެނީ ޝެއާކުރުމަކީވެސް ޘަވާބު ދެއްވަވާނެ ކަމެކެވެ. އަދި ޝެއާކުރެވޭ ކޮންމެ މީހެއްގެ ސަބަބުން (އެމީހަކަށް ޝެއާކުރީތީ) ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ބަލަންވީ އަދި ޔަޤީންކުރަންވީ އެންމެ ކަމެކެވެ. އެއީ މިފެތުރެނީ ރަނގަޅު ޕޯސްޓެއް ކަމެވެ. ޞައްޙަ، ތެދު މަޢުލޫމާތުކަމެވެ. ތިމާއަށާއި އެހެން މީހުންނަށްވެސް ފައިދާކުރާނެ ކަންކަން ކަމެވެ. އެކަން ނުކުރެވިއްޖެނަމަ ޘަވާބު ލިބުމުގެ ބަދަލުގައި ދާނީ ފާފަ އިތުރުވަމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން