ނަމާދު ފުރިހަމަ ގޮތުގަ ކުރަން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 17ސ
ނަމާދު ފުރިހަމަ ގޮތުގަ ކުރަން އެނގުން މުހިންމު ބައެއް ކަންކަން-

ކިތަންމެ އަވަދިނެތި އުޅުނަސް ދީނުގެ ކަންކަން ދަސްކުރަން ވަޤުތުދޭންވާނެއެވެ. އެކަމަށް ވަޤުދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ނަމާދާއިމެދު އެނގެންޖެހޭ ކަންކަން ދަސްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ނަމާދު ފުރިހަމަގޮތުގައި ކުރެވޭނީ އެއިރުންނެވެ.   

1.ނަމާދުގައި ކިޔާ ތަކެތި ޝައްކުވެގެން ތަކުރާރު ކުރުމަކުން ކުށު ސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ނަމަވެސް، ސޫރަތުލް ފާތިޙާ ތަކްރާރު ކޮށްފިނަމަ ނަމާދު ބާޠިލް ވާނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. ސަބަބަކީ ސޫރަތުލް ފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. ނަމާދުގެ ރުކުނެއް ތަކްރާރުކޮށްފިނަމަ ނަމާދު ބާޠިލް ވާނެއެވެ. 

2 ނަމާދުގެ ރުކުންތަކުގެތެރެއިން ހަށަންބަން ތަކްބީރު ދޫވެއްޖެ މީހެއްގެ ނަމާދެއް ނުވެއެވެ. އެއީ ޤަސްތުގައި ދޫކުރިކަމުގައިވިޔަސް އަދި ހަނދާން ނެތި ދޫކުރެވުނު ކަމުގައިވިޔަސް މެއެވެ. އެހެނީ ހަށަންބަން ތަކުބީރާ ނުލާ ނަމާދު ނުފެށޭނެތީއެވެ. 

3- ނަމާދުގެ ރުކުންތަކުގެތެރެއިން ހަރަމްބަން ތަކުބީރުނޫން ރުކުނެއް ކަމުގައިވިޔަސް، ގަސްތުގައި ދޫކޮށްފިނަމަ އެމީހެއްގެ ނަމާދު ބާޠިލު ވާނެއެވެ.  

4- ނަމާދުގެ ރުކުންތަކުގެތެރެއިން ހަރަމްބަން ތަކުބީރުފިޔަވައި އެހެން ރުކުނެއް ހަނދާންނެތި ދޫވެއްޖެނަމަ އަންނަނިވި ޙާލަތްތައްވެއެވެ. 

ހ- އެދޫވި ރުކުނެއް ހަނދާންވީ އަނެއް ރަކުޢަތުގެ އެރުކުނަކާހަމަޔަށް ދެވުމުންނަމަ ނުވަތަ އެރަކުޢަތުގެ ކިޔެވުން ފެށުމުން ކަމުގައިވަނީނަމަ ފާއިތުވި ރަކުޢަތް އެއީ ނުކުރާ ރަކުޢަތެއްކަމަށްބަލައި އެވަގުތު ކުރަމުން ދާރަކުޢަތް ކުރީގެ ރަކުޢަތުގެ މަޤާމަށް އިޢާދަވާނެއެވެ. އަދި ނަމާދުފުރިހަމަކޮށް ކުށުސަޖިދަޖަހާ ސަލާންދޭނީއެވެ. 

އޭގެ މިސާލަކީ: މީހަކު ހަނދާންނެތި ރުކޫޢު ނުކޮށް ދެވަނަ ރަކުޢަތުގެ ކިޔެވުން ފެށީއެވެ، ނުވަތަ ރުކޫޢަށް ދިޔައީއެވެ. އެހިސާބުން ހަނދާން ވެއްޖެނަމަ ކުރީގެ ރަކުޢަތް އެއީ ނުކުރާ ރަކުޢަތެއްފަދައެވެ. އަދި އެގޮތަށް ބަލައިގެން ނަމާދު ފުރިހަމަކޮށް ކުށުސަޖިދަޖަހާ ސަލާންދޭނީއެވެ. 

ށ- ހަނދާންނެތި ދޫވި ރުކުން ދެވަނަ ރަކުޢަތުގެ އެރުކުނާހަމަޔަށް ދިއުމުގެ ކުރިން، ނުވަތަ ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން ހަނދާންވެއްޖެނަމަ އެރުކުނެއް އަނބުރާ ގެނެސް ގަންނާނީއެވެ. އަދި އޭގެ ފަހުގައި ވާ ބައިތައް ފުރިހަމަ ކޮށް ކުށުސަޖިދަ ޖަހާ ސަލާން ދޭނީއެވެ. 

އޭގެ މިސާލަކީ: މީހަކު ހަނދާންނެތި ރުކޫޢު ނުކޮށް ފުރަތަމަ ސަޖިދަ ކުރިފަހުން ހަނދާން ވުމެވެ. އެޙާލަތުގައި ތެދުވެ ރުކޫޢުކޮށް އަލުން ފުރަތަމަ ސަޖިދަކޮށް އަދި ދެވަނަ ސަޖިދަކޮށް ނަމާދު ފުރިހަމަ ކުރާނީއެވެ. އޭގެފަހުގައި ކުށުސަޖިދަ ޖަހާ ސަލާން ދޭނީއެވެ. 

ނ- ދެންފަހެ ހަނދާންނެތި ރުކުނެއް ދޫކުރެވި، މިސާލަކަށް ރުކޫޢު ނުވަތަ ސަޖިދަ އަދި އެރުކުނުގެ މަތިން ހަނދާންވީ ނަމާދު ނިމުނު ފަހުން ކަމުގައިވަނީ ނަމަ ، އަދި އެދެމެދުގައި މާބޮޑު ދުރުމިނެއް ނުވާނަމަ އަލުން އެރަކުޢަތް ގެނެސްގަނެ އައްތަހިއްޔާތުކިޔާ ކުށުސަޖިދަ ޖަހާ ސަލާން ދޭނީއެވެ. 

އޭގެ މިސާލަކީ: މީހަކު ހަނދާން ނެތި ރުކޫޢުއެއް ދޫކުރެވުނީއެވެ. އަދިއެކަން އެނގުނީ ސަލާން ދިނުމަށްފަހު މައުމޫމުން ބުނުމުންނެވެ. އެޙާލަތުގައި ތަކުބީރު ކިޔުމެއްނެތި ތެދުވެ އިތުރު ރަކުޢަތެއްކޮށް ފަހު އައްތަޙިއްޔާތު ކިޔާ ކުށުސަޖިދަޖަހާ ސަލާން ދޭނީއެވެ. 

ދެންފަހެ ދޫކުރެވުނީ ފަހު އައްތަޙިޔާތު ނަމަ ، މާބޮޑު ދުރުމިނެއްނެތި ހަނދާންވެއްޖެނަމަ ހަމަ އެކަނި އައްތަޙިއްޔާތުކިޔާ ކުށުސަޖިދަ ޖަހާ ސަލާން ދޭނީއެވެ. އަދި ހަނދާންނެތި ސަލާން ނުދެވި، ވަގުތުން ހަނދާން ވެއްޖެނަމަ ހަމަ އެކަނި ސަލާން ދިނުމުން ފުދޭނެއެވެ. ދޭތެރޭގެ ދުރުމިން ނިންމާނީ އެބައެއްގެ އާދަކާދައިގައި އެކަން ދެކޭ ގޮތަކަށެވެ. ނަމާދުނިމުމާ ހަނދާންވުމާ ދޭތެރޭގެ ވަގުތު މާދިގުވެއްޖެނަމަ ނަމާދު ބާޠިލްވާނެއެވެ. އަލުން ކުރުމުން ނޫނީ ނުފުދޭނެއެވެ. 

-  ހަމަ އެހެންމެ ނަމާދު ނިމުނުތާ ގިނަ އިރުތަކެއް ނުވެ ރުކުނެއް ދޫކުރެވުނުކަން ހަނދާންވެ ދޫކުރެވުނީ ކޮން ހިސާބަކުންކަން ނޭގޭނަމަ ބޮޑަށް ރައްކާތެރި ގޮތަށް ނިން މާނީއެވެ. 

އޭގެ މިސާލަކީ: މީހަކު ހަނދާންނެތި ދެވަނަ ސަޖިދަ ދޫކުރެވުނީއެވެ. ނަމަވެސް އެއީ ތިންވަނަ ރަކުޢަތުގައި ކަމެއް ނުވަތަ ހަތަރުވަނަ ރަކުޢަތުގައި ކަމެއް ނޭގެއެވެ. އެޙާލަތުގައި އެއީ ތިން ވަނަ ރަކުޢަތުގައިކަމަށްބަލާ، އަލުން ރަކުޢަތެއްކޮށް ކުށުސަޖިދަޖަހާ ސަލާން ދޭނީއެވެ. އެހެނީ މީހަކު ފަހުރަކުޢަތް ނޫން ރަކުއަތެއްގެ ރުކުނެއް ދޫކޮށް ސަލާން ދިނުމަށްފަހު ހަނދާންވެއްޖެނަމަ އެމީހަކު މުޅިރަކުޢަތެއް ދޫކުރި ފަދައެވެ. 

ދެންފަހެ އޭނާ އެއީ ހަތަރުވަނަ ރަކުޢަތް ނުވަތަ ފަހުރަކުޢަތް ކަމަށް ބަލައިފިނަމަ އޭނާ ހަމަ އެކަނި އެސަޖިދަކޮށް ފަހު އައްތަހިއްޔާތުކިޔާ ކުށުސަޖިދަޖަހާ ސަލާން ދިނުމުން ފުދޭނެއެވެ. 

-  އެފަދައިން މީހަކު ނަމާދު ތެރޭގައި ރުކުނެއް ދޫކުރެވުނުކަމަށް ހަނދާންވެއްޖެނަމަ އަދި އެއީ ކޮން ރުކުނެއް ކަމަށް ޔަގީން ނުވާނަނަމަ، މިސާލަކަށް އެއީ ރުކޫޢުކަމެއް ނުވަތަ ސަޖިދަކަން ނޭގޭނަމަ އެއީ ރުކޫޢެއް ކަމަށްބަލާ ބާކީބައި ގެނެސް ގަތުން އެއީ ރައްކާތެރިގޮތެވެ. 

ރ- ދެންފަހެ ރުކުނެއް ދޫކުރެވުނުކަން ނަމާދު ނިމުނުތާ ގިނަ އިރުތަކެއް ފަހުން ހަނދާންވެއްޖެނަމަ އެނަމާދު އެއީ ޞައްޙަ ނަމާދަކަށް ނުބެލެވޭނެއެވެ. އަލުން ކުރުން ނޫން ގޮތެއް ނޯންނާނެއެވެ. އެހެނީ ނަމާދުގެ ރުކުނެއް ދޫކުރެވިއްޖެނަމަ އެޔާ ނުލާ ނަމާދު ޞައްޙަ ނުވާނެތީއެވެ. 

އޭގެ މިސާލަކީ: މީހަކު ކޮންމެވެސް ރަކުޢަތެއްގެ ދެވަނަ ސަޖިދަ ހަނދާން ނެތި ނަމާދުނިމި މީސްތަކުން މިސްކިތުން ނިކުމެ ގިނަ ވާހަކަތަށް ދައްކާ ހެދިފަހުން ، ނުވަތަ ބައިބައިވެ މަގުމަތީ ހިނގަން ފެށިފަހުން ހަނދާން ވުމެވެ. އެހިސާބަށް ދިޔުމުން މުއާލާތު ކެނޑި ކުރީގެ ނަމާދު ބާޠިލް ވާނެއެވެ. އަދި ބާކީ ތިބި މީހުން އަލުން ނަމާދުކުރާނީއެވެ. އަދި ޢާއްމު ޖަމާޢަތް އޮންނަ މިސްކިތެއްނަމަ ޖެހިގެން އަންނަ ނަމާދު ގަޑިއެއްގައި އެވާހަކަ ބުނެލުން ރަގަޅެވެ. އެއީ އެކަން ނޭގި މިސްކިތުން ދިޔަ މީހަކު ހުރެދާނެތީއެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ މިސްކިތަށް ނާދެވި، ނުވަތަ ފުރައިގެން ރަށުން ބޭރަށް ދާމީހާޔަށް އެކަން ނޭގޭނަމަ އޭނާޔަކީ އެކަމުގައި އުޛުރު ވެރިއެކެވެ. 

*ނޯޓް: ހ- ކުށު ސަޖިދަ ޖަހަންވީ ވަގުތާމެދު ޢިލްމުވެރިންގެ ޚިޔާލުފުޅުތަފާތުވެފައި ވެއެވެ. ބައެއް ބޭފުޅުންގެ އަރިހުގައި ސަލާން ދިނުމުގެ ކުރިންނެވެ. އަދި އަނެއްބައި ބޭފުޅުންގެ އަރިހުގައި ސަލާން ދިނުމަށް ފަހުއެވެ. ނަމަވެސް މިދެގޮތް އެއްކުރައްވާ އެންމެ ފުރިހަމަ ގޮތް ކަމަށް ވިދާޅުވާ ބޭފުޅުންގެ ބަސްފުޅަކީ، ނަމާދަށް ބައެއް އިތުރު ކުރެވިއްޖެނަމަ ސަލާން ދިނުމަށް ފަހު ކުށުސަޖިދަ ޖެހުމެވެ. މިސާލަކަށް ރަކުޢަތެއް އިތުރުވުމެވެ. އަދި ނަމާދުން ބައެއް އުނިވެއްޖެނަމަ ސަލާން ދިނުމުގެ ކުރިން ކުށުސަޖިދަ ޖެހުމެވެ. މިސާލަކަށް ފުރަތަމަ އައްތަހިޔާތު ހަނދާންނެތި ދޫކުރެވުމެވެ. މީން ކޮންމެ ގޮތަކީވެސް ހަމަ ރަނގަޅު ގޮތެވެ. 

ށ- ނަމާދުގެ ރުކުން ތަކުގެތެރޭގައި ހަރަމްބަން ތަކްބީރް (الله أكبر) ކުޅަދާނަވެގެންވާމީހާ ކޮޅަށްހުރުން ސޫރަތުލް ފާތިޙާ ކިޔެވުން ރުކޫއު ކުރުން ސަޖިދަކުރުން ދެސަޖިދަ ދެމެދުގައި ހުރުން ފަހުއްތަހިޔާތު ކިޔުން ފަދަ ކަންތައް ހިމެނިގެން ވެއެވެ.  والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން