ނަމާދު ވަޤުތުތައް ދެނެގަނެވޭނެ ގޮތް އެނގިފަ އޮތުމަކީ މުހިންމު ކަމެއް! މިޙަދީޘްފުޅުތައް އެނގުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 32ސ
ނަމާދު ވަޤުތުތައް ދެނެގަނެވޭނެ ގޮތް އެނގިފަ އޮތުމަކީ މުހިންމު ކަމެއް! މިޙަދީޘްފުޅުތައް އެނގުން މުހިންމު!

މީހަކަށް ކަމެއް ދިމާވާ ގޮތަކުން ކަލަންޑަރެއް، ފޯނެއް ފަދަ އެއްޗެއް ނެތި ހުސްއަތާވެސް ތަނެއްގައި ހުންނަންޖެހިދާނެއެވެ. އެހެންކަމަށްވާނަމަ ނަމާދު ވަޤުތުތައް ދެނެގަނެވޭނެ ގޮތެއް އެނގިފައި އޮތުމަކީ މުހިންމު ކަމަކަށްވާތީ ފުރަތަމަ މިބަޔާން ކުރަނީ އެކަމަށް އޮތް ދެ ޙަދީޘްފުޅެވެ.  

ނަމާދު ވަގުތު:

ނަމާދު ވަގުތަކީ ކޮބައިކަން ކުރު ގޮތަކަށް ބަލަންޏާ ތިރީގައި މިވާ ދެ ޙަދީޘަށް ބަލާލުން ފުދޭނެއެވެ. މި ޙަދީޘްގައި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މި ވަނީ، ނަމާދު ވަގުތުތައް ބަޔާންކޮށްދެއްވާފައެވެ. 

ފުރަތަމަ ޙަދީޘް:

عَنْ ‏عَبْدِ اللَّهِ بْنِ عَمْرٍو أَنَّ رَسُولَ اللَّهِ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏قَالَ ‏وَقْتُ الظُّهْرِ إِذَا ‏زَالَتْ ‏الشَّمْسُ وَكَانَ ظِلُّ الرَّجُلِ كَطُولِهِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ صَلَاةِ الْمَغْرِبِ مَا لَمْ يَغِبْ الشَّفَقُ وَوَقْتُ صَلَاةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ الْأَوْسَطِ وَوَقْتُ صَلَاةِ الصُّبْحِ مِنْ طُلُوعِ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ فَإِذَا طَلَعَتْ الشَّمْسُ فَأَمْسِكْ عَنْ الصَّلَاةِ فَإِنَّهَا تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ)

މާނައަކީ: ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އޭނާއާ އެއްވަރު ވަންދެނެވެ. ޢަޞްރު ވަގުތު ނުޖެހޭހާ ހިނދަކު މި ވަގުތު ދެމި އޮވެއެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނު ފިލާހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ. އެހެނީ އިރު އަރަނީ ޝައިޠާނާގެ ދެ ދަޅު މެދަށެވެ.'' (ޞަޙީޙް މުސްލިމް: ނަމާދު ވަގުތު ބާބު، ނަމްބަރ: 612)

ނޯޓް: ޝައިޠާނާގެ ދެ ދަޅު މެދަށް އިރު އެރުމުގެ މާނައަކީ، އިރަށް އަޅުކަން ކުރާ މަޖޫސީން ފަދަ މީހުން އެ ވަގުތު އިރަށް އަޅުކަން ކުރަން ތިބޭ ވާހަކައެވެ. ވީމާ އެފަދަ ބަޔަކު އަޅުކަން ކުރާ ވަގުތާއި މުސްލިމުން އަޅުކަން ކުރާ ވަގުތުތަކާ ދިމާ ވިޔަ ނުދިނުމަށް ، އެ ވަގުތުތަކުގައި ނަމާދު ކުރުން ނަހީ ކުރެވުނީއެވެ.

ދެވަނަ ޙަދީޘް:

عَنْ ‏عَبْدِ اللَّهِ بْنِ عَمْرٍو عَنْ النَّبِيِّ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏قَالَ ‏وَقْتُ الظُّهْرِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ الْمَغْرِبِ مَا لَمْ يَسْقُطْ ‏ثَوْرُ ‏الشَّفَقِ وَوَقْتُ الْعِشَاءِ إِلَى نِصْفِ اللَّيْلِ وَوَقْتُ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ)

މާނައަކީ: ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދު ވަގުތަކީ، ޢަޞްރު ވަގުތު ނުޖެހޭހާ ހިނދެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ފެތުރިފައިވާ ރަތްވިލާ ފޭދި ނުގެއްލޭހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، އިރު ނާރާހާ ހިނދެވެ.''

(ޞަޙީޙް މުސްލިމް:  ނަމާދު ވަގުތު ބާބު، ނަމްބަރ: 612(

 

- ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ގެ ލިޔުއްވުމަކުން

މިއަދު އޮންލައިން