ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ މިފަދައިންނެވެ.
29﴾ مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَٰلِكَ مَثَلُهُمْ فِي التَّوْرَاةِ ۚ وَمَثَلُهُمْ فِي الْإِنجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَىٰ عَلَىٰ سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمُ الْكُفَّارَ ۗ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُم مَّغْفِرَةً وَأَجْرًا عَظِيمًا
"މުޙައްމަދުގެފާނީ، ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބަޔެކެވެ. ﷲގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢު ކޮށް ސަޖިދަ ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމަތް އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ، އެއުރެންގެ މިޘާލެވެ. އަދި އިންޖީލުގައިވާ، އެއުރެންގެ މިޘާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެ ގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެ ގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބު ކޮށް ޙާއިރާން ކުރުވަމުންނެވެ. އެއުރެންދެކެ، ކާފިރުން ރުޅިއެރުވުމަށްޓަކައެވެ. އެއުރެންގެ ތެރެއިން އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުންނަށް ފާފަފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއް ދެއްވުމަށް ﷲ ވަޢުދު ކުރައްވާފައިވެއެވެ."
(އަލް ފަތްޙް: 29)
މިއާޔަތުން މިނަގަނީ ކުޑަކުޑަ ތަންކޮޅެކެވެ. –" ސަޖިދައިގެ އަޘަރުން، އެއުރެންގެ ޢަލާމަތް އެއުރެންގެ މޫނުތަކުގައިވެއެވެ."
މިބަސްފުޅު ބައެއް މީހުން މާނަކުރަނީ ނިތްކުރީގައިލާ ކުރައަށެވެ. ނަމަވެސް ޢިލްމް ވެރިން ޝަރަޙަކުރައްވަވާ ގޮތުގައި އެޢަލާމާތްތަކަކީ އޭނާގެ ހަށިގަނޑުގައި ލައްވަވާ ޢަލާމާތްތަކެކެވެ. ހަށިގަނޑުގެ އެތެރޭގައި ލައްވަވާ ރިވެތި ސިފަތަކެވެ. އެސިފަތަކުގެ ސަބަބުން މޫނުގައި ނޫރުލެވި އެމީހާގެ މޫނު އުޖާލާކުރުވާނެއެވެ. އޭނާގެ މޫނުން އެކަންކަމަށް ހެކިދޭނެއެވެ.
ބައެއް މީހުން މިސިފަ ލިބިގަތުމަށް ނިތްކުރި ބާރަށް މުސައްލައިގައި ޖައްސައެވެ. ނަމަވެސް ކުރިން މިބުނި ފަދައިން ސަޖިދަކުރުމުން ނިތްކުރީގައިލާ ކުރަޢާއި މިބަސްފުޅާއި ގުޅުމެއް ނެތެވެ. ގުޅުން އޮތީ ސަޖިދަކުރުމުން އޭނާއަށް ދެއްވަވާ ރޫޙާނީ ދިރުމުގައެވެ.
މިބަޔާންކުރި ދިރުން ދެއްވަވާނީ ސަޖިދައިގެ ރުކުންތައް ފުރިހަމަކޮށް ޚުޝޫޢަތްތެރިކަމާއިއެކު ސަޖިދަކުރާ އަޅުންނަށެވެ. ސަޖިދައިގެ 7 ގުނަވަންމަތީގައި ސަޖިދަކުރުމުންނެވެ. ސަޖިދައި އޮންނަން ޖެހޭނެ ގޮތަށް އޮވެގެން ސަޖިދަކުރުމުންނެވެ. ސަޖިދަކުރަންވީ ގޮތުގެ ތަފްޞީލް ވާނީ ކުރިންވެސް ބުނެދެވިފައެވެ. އަދިވެސް ބަޔާންކޮށްދޭނަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން