ތިމާއަށް ދެރައެއް ލިބުމުން ރުޅިއާދެވިފަ ނަމާދުނުކުރެވުމުން ރުޅިނާދެވޭނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ތިމާއަށް ދެރައެއް ލިބުމުން ރުޅިއާދެވިފަ ނަމާދުނުކުރެވުމުން ރުޅިނާދެވޭނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

ގިނަ މީހުންގެ ޢަމަލުތަކަށްބަލާއިރު އެމީހަކަށް ކިތަންމެ ކުޑަ ނަމަވެސް ދެރައެއް ލިބޭނެ ކަމެއް މެދުވެރިވެއްޖެނަމަ ރުޅިގަދަވެއެވެ. އަދި އެކަން މެދުވެރިވީ ތިމާގެ ސަބަބުން ނަމަ އަމިއްލަ ނަފްސް ދެކެވެސް ރުޅި އާދެއެވެ. ކަންބޮޑުވެ ޝަކުވާވެސް ކުރެވެއެވެ. 

ނަމަވެސް ނަމާދު ނުކުރެވި ދިއުމަކުން ކަންބޮޑެއް ނުވެއެވެ. ރުޅިއެއްވެސް ނައުދެއެވެ. އެކަން ވެފައި އޮންނަނީ ހަމަ އެންމެ ރަނގަޅު ކަމަކަށެވެ. އެކަމަކު ކަމުގެ އަޞްލަށް ބަލައިފިނަމަ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައަކީ ނަމާދުނުކުރެވުމުން ލިބޭނެ ދެރައެވެ. 

ސަބަބުވެސް މުސްލިމުންނަށް އެނގޭނެއެވެ. ޤިޔާމަތް ދުވަހު ފުރަތަމަވެސް ޙިސާބު ބައްލަވާނީ ނަމާދާއިމެދުގައިކަމަށްވާތީއެވެ. ނަމާދުން ފޭލްވެއްޖެނަމަ ހުރިހާ ކަމެއް ފޭލްވެގެންދާނެތީއެވެ. ނަރަކައަށް ވަންނަން ޖެހޭނެތީއެވެ. 

އެހެންކަމަށްވާއިރު ނަމާދުނުކުރެވުމަށްވުރެ ބޮޑު ދެރައެއް ނެތެވެ. ތިމާއަށް ލިބޭނެ އެންމެ ބޮޑު ދެރަ ލިބުމުން އެކަމަށް ކަންބޮޑުނުވެވޭނަމަ އޭނާއަކީ މުސްލިމެއްގެ ނަމުގައި ހުރިނަމަވެސް އޮތީ ކޮން އީމާންކަމެއް ހެއްޔެވެ؟ 

އަހުރެން ބުނާނީ ތިމާއަށް ދެރައެއް ލިބުމުން ރުޅިއާދެވިފައި ނަމާދުނުކުރެވުމުން ރުޅިނާދެވޭނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތެއްކަމަށެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

 

މިއަދު އޮންލައިން