މިކަންކަމަށް ވިސްނައިފިނަމަ ފުރަތަމަ ދަރިފުޅަށް ބަލިވެއިނުމުން ހިތުގަ އުފެދޭ ބިރާ ނުތަނަވަސްކަން ވަރަށް ފަސޭހައިން ޙައްލުކޮށްލެވިދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
މިކަންކަމަށް ވިސްނައިފިނަމަ ފުރަތަމަ ދަރިފުޅަށް ބަލިވެއިނުމުން ހިތުގަ އުފެދޭ ބިރާ ނުތަނަވަސްކަން ވަރަށް ފަސޭހައިން ޙައްލުކޮށްލެވިދާނެ! އިން ޝާ ﷲ

އަޅުގަނޑުގެ އަނބިމީހާ އިނީ ބަލިވެއެވެ. ފުރަތަމަ ދަރިފުޅު ލިބެން އުޅޭތީ މިތިބީ ވަރަށް އުފަލުންނެވެ. އެކަމަކު އަނބިމީހާ އުޅެނީ ވަރަށް ބިރުންނެވެ. ވިސްނަނީ އެންމެ ދެރަ ގޮތްތައްވެސް މެދުވެރިވެދާނެ ކަމަށެވެ. މިފަދަ ޙާލަތުގައި އަނބިމީހާއަށް ހިތްވަރުދޭން ކުރެވޭނީ ކޮންކަމެއްތޯ؟

މިފަދަ ސުވާލުތައް ކުރެއެވެ. އެއީ ފޮތްތައް ކިޔައި ފިލްމްތައް ބެލުމުންވެސް އެކަށީގެންވާ ވަރަށް މަޢުލޫމާތު ނުލިބޭތީއެވެ. އެހެންވެ އަހުރެންގެ ވިސްނުމުން އެހީތެރިވެދޭން މަސައްކަތްކުރާނަމެވެ.

ބައެއް މައިން އެމީހުން އަލަށް ބަލިވެއިނދެ ބަނޑުބޮޑުވަންފެށުމުން ވަރަށް ބިރުން އުޅެއެވެ. އެއީ ވިހެއުމާއިމެދުގައެވެ. ވިހެއުމުގެ ތެރޭގައި ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދުގައެވެ. ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ބައެއް އަންހެނުން އެކަމާއިމެދު ވިސްނަމުންގޮސް ލޭމައްޗަށްދާންވެސް ފަށައެވެ.

ލޮބުވެތި ކަނބަލުންނޭވެ! ފުރަތަމަ ފަހަރު އަލަށް ވިހަން އުޅޭއިރު ކަންކަމަށް ވިސްނޭނެއެވެ. ނުވިސްނާށޭ ބުނުމުގެ އެއްވެސް ބޭނުމެއްނެތެވެ. ވިސްނޭނެތީއެވެ. އަހަރެން ބުނަން ބޭނުންވަނީ ފުރަތަމަވެސް ބަޤަރާ ސޫރަތުގެ އެންމެ ފަހު ޢާޔަތަށް ވިސްނައިލާށެވެ! "އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ނުއުފުލޭނެވަރުގެ ތަކްލީފެއް ނުޖައްސަވާނެ"ކަމަށް އޮތް ބަސްފުޅާއިމެދުގައެވެ.

މިއާޔަތުން އެނގިގެންދަނީ ތިމާއަށްވެސް ވިހެވޭނެކަމެވެ. ދުނިޔޭގެ އެހެން ހުރިހާ އަންހެނުންނަށްވެސް ކުރެވޭ ކަމެއް ތިމާއަށް ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ވީމާ ހާސްވެ ކަންބޮޑުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. މިޒަމާނުގައި ކަންކަން ކުރުން މިވަނީ ވަރަށް ފަސޭހަވެފައެވެ. ފުރާނައަށް ނުރައްކާވަންދެން ބަލަހައްޓައިގެން ޑޮކްޓަރުން ނުތިބޭނެއެވެ. ސިޒޭރިއަން ހަދައިގެން ނަމަވެސް ދަރިފުޅު ނަގާނެއެވެ.

ލޮބުވެތިކަނބަލުންނޭވެ! ތިމާގެ އަމިއްލަ ބާރުނުހިނގާ ކޮނަމެ ކަމެއްގައިވެސް އޮތީ ހަމަ ﷲ ތަޢާލާއަށް ވަކީލުކުރުމެވެ. ވަކީލުކޮށް ވާގިއެދިގެން ހުންނަ އެއްވެސް މީހަކު ނިކަމެތިވާން ދޫކޮށް ނުލައްވަވާނެތެވެ. ވީމާ ވިހެއުމުގެ ތެރޭގައި ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދު ވިސްނަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ކޮންމެވެސް ހެޔޮ އަމަލެއްކުރަން ވަގުތު ހޭދަކުރާށެވެ! ކީރިތި ޤުރްއާން ކިޔަވާށެވެ! ޛިކުރުތައް ކިޔަވާށެވެ! ގިނަގިނައިން ދުޢާކުރާށެވެ! އެކަންކަމުގެ ސަބަބުން ލިބޭ ދަރިފުޅަށްވެސް އެކަމުގެ ހެޔޮ އަސަރުކުރާނެއެވެ. އިން ޝާ ﷲ

ކައިވެންޏަށްފަހު ކޮންމެ ދެމަފިރިއަކުވެސް އެންމެ އުފާކުރާނެ ދުވަހަކީ ދެމަފިރިންނަށް ދަރިއަކު ލިބޭނެ ދުވަހެކެވެ. ބަލިވެއިންކަން އެނގުނީންސުރެ ދެމަފިރިންވެސް އެބައެއްގެ ފެންވަރުން އެދުވަހަށް ތައްޔާރީތައްވެއެވެ. ބުނެލަން އޮތީ އެހައި ލޯބިން ހޯދާދަރިން ބާކީކޮށް، ނިކަމެތިކޮށްނުލާށެވެ! އެދަރިންގެ ޙައްޤުގައިވެސް އަމިއްލަ ބައެއް އުފާތައް ދޫކޮށްލާށެވެ! އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން