ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރުމުގަ ފަރުވާ ބަހައްޓަން ޖެހޭނެ ބައެއް ކަންތައްތައް-

ކިޔުމަށް ހޭދަވާނީ 2މ 43ސ
ކޮންމެ ކަމަކަށް އެދިގެން ނަމަވެސް ދުޢާކުރުމުގަ ފަރުވާ ބަހައްޓަން ޖެހޭނެ ބައެއް ކަންތައްތައް-

ފާޠިމަތު ނައީޝާ

ﷲ ތަޢާލާއަށް ކުރާދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. ސަލާމަތުގެ އައްޑަނައެވެ. ބޭނުންތައް ފުއްދައިދޭ ވަސީލަތެވެ. އަދިވެސް ކީއްހެއްޔެވެ؟ ޙަޔާތަށް ރަނގަޅު ބައިވެރިއަކު ހޯދަން މަގުދައްކާނެ ސަމުގާއެވެ.

އިމާމް އިބުނު އަލް ޣައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ.

" ދުޢާއަކީ ހަތިޔާރެކެވެ. ހަތިޔާރެއްގެ މޮޅުކަން ބިނާވެގެންދާނީ އެހަތިޔާރު މޮޅަށް ބޭނުންކުރަން އިނގޭނަމައެވެ. އެހަތިޔާރުގެ ތޫނުކަމުގެ މައްޗަކަށްނޫނެވެ. އެހަތިޔާރަކީ ފުރިހަމަ އެއްޗަކަށްވެފައި އެބޭނުންކުރާ މީހާއަކީ ވަރުގަދަ މީހެއްކަމުގައި ވެއްޖެނަމަ އެމީހަކު ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ހުރިހާ ދުޝްމަނުންނެއް ބަލިކުރާނެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ސިފައެއް އުނިވެއްޖެކަމުގައިވާނަމަ އެހަތިޔާރުންކުރާ އަސަރުވެސް ކުޑަވާނެތެވެ. " ( އަލް ދާ ވަލް ދައުވާ ޞ.35 )

އެހެންކަމުން އަހަރެމެން ދުޢާކުރުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއިމެދު ވިސްނާލާށެވެ.

• އިޙްލާޞްތެރިކަމާއިއެކު ދުޢާކުރުން

" ފަހެ ތިޔަބައިމީހުން ﷲއަށް ދުޢާކޮށް އަޅުކަންކުރާށެވެ! އެކަލާނގެއަށް އަޅުކަންކުރާ ހާލުގައެވެ. ކާފިރުތަކުން ނުރުހުނުކަމުގައިވިޔަސްމެއެވެ. " ( سورة غافر : 14 ) މިޢީ ދުޢާކުރުމުގައި ސަމާލުކަންދޭންވީ އެންމެ މުހިއްމުކަމެވެ. ދުޢާކުރުމުގައި އިޚްލާޞްތެރިވުމަކީ، ތިބާގެ ބޭނުންތައް ފުއްދައިދެވޭނެ ހަމައެކަނި ފަރާތަކީ މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށް ދުއާކުރުމެވެ. އެއްވެސް ބޮޑާކަމަކާއިނުލައެވެ.

• ގިނަގިނައިން ތައުބާވުން

ތިބާއަށް ކުރެވިފައިހުރި ފާފަތަކުގެ ސަބަބުން ތިބާކުރާ ދުއާ އެކަލާނގެ އިޖާބަނުކުރައްވަފާނެއެވެ. އެހެންކަމުން، ތިބާ ﷲ ގެ ޙަޟްރަތުގައި ކަމަކަށް އެދި ދަންނަވާއިރު ފާފަތައް ފުއްސެވުމަށްއެދި ދެންނެވުމަށް ފަސްނުޖެހޭށެވެ.

" ފަހެ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމިީހުންގެ ވެރިރަސސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި ދަރިންގެގޮތުން އެކަލާނގެ ތިޔަބައިމީހުންނަށް މަދަދުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. " ( سورة نوح : 10- 12 )

• ސޫރަތުލް އަޢްރާފްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " މަޑުމޮޅިކަމާއި ވަންހަނާގޮތުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ހަމަކަށަވަރުން ހައްދުފަހަނައަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއްނުވެތެވެ." ( 55 )

• އެއްވެސް ފޫހިކަމެއްނެތި ކެތްތެރިކަމާއިއެކު ދުޢާކުރުމުގައި ދެމިހުރުން

• ސޫރަތުލް އަޢްރާފްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ ﷲއަށެވެ. ފަހެ، އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާއިމެދު ޙައްޤުމަގުން އެއްކިބާވެ އުޅޭ މީހުން ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތައްތަކަށް އެއުރެންނަށް ޖަޒާދެއްވާހުއްޓެވެ. " ( 180 )

ތިބާކުރާ ދުޢާތައް އިޖާބަނުކުރައްވާނަމަ، ތިބާއަށް ކުރެވޭ ޢަމަލުތަކާއިމެދު ވިސްނާލާށެވެ. ތިޞާގެ އީމާންތެރިކަންހުރީ ކިހާ މިންވަރެއްގަތޯ ބަލާ، ދުޢާކުރުމުގައި ތިބާ ގެންގުޅޭ ބަސްމަގާމެދު ވިސްނާލާށެވެ. އަދި ކެތްތެރިކަން ކުޑަ ހާލު އަވަސްއަރުވާލައިގެން ދުޢާނުކުރާށެވެ. ދުޢާކުރަން އެންމެ ރަނގަޅު ގަޑިތަކުގެ ތެރޭގައި ފަތިސްވަގުތާއި، ރޭގަނޑުގެ ފަހު ދަންފަޅިއާއި، ހުކުރުދުވަހުގެ އެންމެ ފަހު ގަޑިއިރާއި، ބަންގިއާއި ޤަމަތާއި ދެމެދުވާ ވަގުތާއި ވާރޭވެހޭ ވަގުތު ހިމެނެއެވެ. ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ.

https://islamqa.info/en/answers/5113/why-doesnt-allaah-answer-our-duaas

މިއަދު އޮންލައިން