ﷲ އާ ފުރިހަމަ ގުޅުމުން ގުޅިފައިވާނަމަ ދުޢާކުރަން ފެށުމާ ދުޢާކޮށް ނިމުމާއިދެމެދު ބާރުގަދަ ބޮޑު ބޮމެއް ގޮވިޔަސް ﷲ އާއި ދެމެދަށް އެއްވެސް ހުރަހެއް ނޭޅޭނެ! ހުންނާނީ ސީދާ ގުޅިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ﷲ އާ ފުރިހަމަ ގުޅުމުން ގުޅިފައިވާނަމަ ދުޢާކުރަން ފެށުމާ ދުޢާކޮށް ނިމުމާއިދެމެދު ބާރުގަދަ ބޮޑު ބޮމެއް ގޮވިޔަސް ﷲ އާއި ދެމެދަށް އެއްވެސް ހުރަހެއް ނޭޅޭނެ! ހުންނާނީ ސީދާ ގުޅިފަ!

ދުޢާ ކުރާއިރު ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް ވެއެވެ. އެހެނީ އެވަޤުތަކީ އެމީހަކާއި ﷲ ތަޢާލާއި ސީދާ ގުޅިފައިވާ ވަޤުތެކެވެ. އެހެން ދީންތަކުގައި މެދުވެރިން މެދުވެރިކޮށްގެން ދުޢާކުރިނަމަވެސް މުސްލިމުން ދުޢާކުރަނީ މެދުވެރިއަކާއި ނުލައެވެ. ކޮންމެ މުސްލިމަކަށް ވެސް އެންމެ މުހިންމީ ސީދާ އެމީހަކާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތްކުރުމެވެ. 

ދުޢާކުރުމުގައި ވިސްނާލަންވީ ބައެއް ކަންކަން: 

ދުޢާ ކުރުމުގައިވެސް ޝަރުޠުތަކެއް ވެއެވެ. ދުޢާ ކުރަން އަތް އުފުލައިލާ ވަގުތުން ފެށިގެން ތިމާގެ ހިތާއި ވިސްނުން ގުޅިފައި ހުންނަންވާނީ ސީދާ ﷲ ތަޢާލާ އާއިއެވެ. ދުޢާކުރަން ފެށީންސުރެ ނިމެންދެން އެދެމެދަށް އެހެން އެއްވެސް ކަމެއް ވައްދައިގެން ނުވާނެއެވެ. 

ތިމާ ހެއްދެވިފަރާތާއި ފުރިހަމަ ގުޅުމުން ގުޅިފައިވާނަމަ ދުޢާކުރަން އަތް އުފުލައިލުމާއި ދުޢާކޮށް ނިމުމާއިދެމެދު ބާރުގަދަ ބޮޑު ބޮމެއް ގޮވުން ފަދަ ކިތަންމެ ކަމެއް ހިނގިނަމަވެސް އޭނާ އާއި ﷲ ތަޢާލާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއެޅޭނެއެވެ. ހުންނާނީ ސީދާ ގުޅިފައެވެ. 

ކޮންމެ ނަމާދެއްގެ ފަހުގައިވެސް ދުޢާ ކުރުމަކީ ހުރިހާ އިލްމްވެރިންވެސް އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ. ރަސޫލް () ދުޢާ ކުރެއްވެވީ އަތްޕުޅު އުފުއްލަވައިގެންތޯ ނުވަތަ ނޫންތޯ ބެލުމަކީ ދުޢާ ކުރުން ހުއްޓާލަން ޖެހޭ ކަމެއް ނޫނެވެ. ރަސޫލް () ނުކުރައްވަވާ ކޮންމެ ކަމަކީ ބިދުޢައެއް ކަމަށް ކަނޑައަޅަން ވެއްޖެ ނަމަ ދުނިޔޭގައި އުޅެންވެސް ދަތިވާނެއެވެ. 

ކޮންމެ ފަރުޟު ނަމާދަކަށް ފަހު ކުރާދުޢާ އަކީ މުސްތަޖާބް ދުޢާއެއްކަމަށް ބައެއް ޢިލްމްވެރިން ބަޔާން ކުރައްވަވައެވެ. ބަންގި އާއި ޤަމަތާއި ދެމެދުގައި ކުރެވޭ ދުޢާއަކީ މުސްތަޖާބް ދުޢާއެކެވެ. ދަންވަރުގެ ވަގުތުގައި ކުރާ ދުޢާއަކީ މުސްތަޖާބް ދުޢާއެކެވެ. ފަރުޟު ނަމާދުތަކަށްފަހު ކުރާ ދުޢާ ފިޔަވައި ދުޢާ ކުރުމަށްޓަކައި ދެ އަތް އުފުލުމަކީ މުސަތަޙައްބު ސުންނަތެކެވެ. 

ދެއަތް އުފުލައިގެންވެސް ދުޢާ ކުރެވޭނެއެވެ. އަދި އަތް ނުއުފުލައިވެސް ދުޢާ ކުރެވޭނެއެވެ. ﷲ ތަޢާލާ އީ ދެއަތް އުފުލައި ދުޢާކުރުމުން ޢިޖާބަ ނުކުރައްވަވައި ޢިޖާބަނުކުރައްވަވައި ދޫކޮށްލައްވަން ލަދުވެތިވެވޮޑިގެންވާ އިލާހް އެވެ. ﷲ ތަޢާލާއީ ދުޢާ ޢިޖާބް ކުރެއްވެވުމުގައި ދީލަތިވެވޮޑިގެންވާ އިލާހް އެވެ. ދެއަތް އުފުލައިގެން ދުޢާ ކުރުމުން އިޖާބަ ނުކުރައްވަވައި ހުސްއަތާ ފޮނުއްވަވައި ލެއްވެވެމަކީ ލަދުވެތިވަންތަ، ދީލަތިވަންތަ އިލާހުގެ ދީލަތިވަންތަކަމާއި ޚިލާފް ކަމެކެވެ. ދެއަތް އުފުލައިގެން ދުޢާކުރުން މަނާވެގެންވާ އެއްވެސް ޙާލަތެއް ނެތެވެ. 

ދުޢާކުރަން ވާނީ ދުޢާ އިޖާބަ ކުރައްވަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައެވެ. ހަމަ އެފަދައިން ދުޢާ ކުރާމީހާ ކައި ބޮއި ހަދަން ޖެހޭނީ ޙަލާލުތަކެއްޗެވެ. ޙަރާމް ތަކެތި ކައި ބޮއި ހަދަމުން ކުރާ ދުޢާ އިޖާބައެއް ނުކުރައްވަވާނެއެވެ. 

ވީމާ އަޅުގަނޑުމެން އެންމެންނަކީވެސް ވީހައި ގިނައިން ﷲ ތަޢާލާއަށް ދުޢާ ކުރާ ބައަކަށް ވާންވާނެއެވެ. ދުޢާ ކުރާނަމަ ޢާއިލާގެ މައްސަލަތައްވެސް ދާނީ ޙައްލުކުރެވެމުންނެވެ.

 

- ޝައިޚް އިލްޔާސް ޙުސައިންގެ ދަރުސަކުން

 

މިއަދު އޮންލައިން