ޢާއިޝަތު ރަފާޙް ޢަލީ
ގިނަ މީހުން ރިބާ ހިމެނޭ ބޭންކުތަކާއެކު މުޢާމަލާތް ކުރެއެވެ. އަދި ޤާނޫނުން ވެސް މިފަދަ ބޭންކުތަކާއެކު މުޢާމަލާތް ކުރުމަށް ހުއްދަ ދެއެވެ. މި ހުރިހާ މީހުން ޙަރާމް ކަމަކާ މުޢާމަލާތް ކުރަނީ ކަމަށް ބެލެވިދާނެ ހެއްޔެވެ؟ އަހަރެންގެ ވަށައިގެން ތިބި ގިނަ މީހުން އަހަރެންނަށް ބުނަނީ އެންމެންގެ ވެސް މި ބޭންކުތަކުގައި އެކައުންޓް އޮންނަ ކަމަށެވެ. އެހެންވީމާ، އަހަރެން މިކަމުގައި ޢަމަލްކުރަންވީ ކޮން ގޮތަކަށްތޯ؟
ޖަވާބު:
ﷲ ތަޢާލާ ބަޤަރާ ސޫރަތުގައި 275 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا ۚ
މާނައީ: (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ."
ނަމަވެސް، ތިބާއަށް އޮޅުމެއްނެތި އެނގެންވާނެ ކަމެއް ވެއެވެ. އެއީ ގިނަ މީހުން ޤަބޫލުކުރާ ކަންކަމަކީ އެކަމެއްގެ ހުއްދަވެރިކަމަށް ހެކިވާ ކަމެއް ނޫނެވެ. ޙަޤީޤަތުގައި، ގިނަ މީހުން ވުމަކީ ޙައްޤުގެ މިންގަނޑު ކަމުގައިވާނަމަ، ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ކާމިޔާބު ލިބުނީހެވެ. އެހެނީ އެބައިމީހުންގެ އަދަދު ގިނަވީމައެވެ.
މީގެ އިތުރުން، ތާރީޚަށް ބަލާއިރު، ގިނަ ނަބިއްޔުންނަށް ތަބާވީ މަދު ބަޔެކެވެ. އަދި ހަމައެހެންމެ، އިސްލާމްދީނުގެ ފެށުމުގައި، އަބޫ ޖަހުލާއި އަބޫ ލަހަބަށް ތަބާވި މީހުންގެ އަދަދު، ނަބިއްޔާ ﷺ އަށް ތަބާވި މީހުންގެ އަދަދަށްވުރެ ގިނައެވެ.
އެހެންކަމުން، ތިބާ އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ޙަޤީޤަތަކީ، ގިނަ މީހުން ވުމަކީ އެކަމެއްގެ ޙައްޤުވެރިކަން ސާބިތުކޮށްދޭ ކަމެއް ނޫނެވެ. ޙައްޤާއި ބާޠިލު ވަކިކުރެވެނީ ޝަރުޢީ ހެކިތަކާއި ދަލީލުތަކުންނެވެ.
ﷲ ތަޢާލާ އަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَإِن تُطِعْ أَكْثَرَ مَن فِي الْأَرْضِ يُضِلُّوكَ عَن سَبِيلِ اللَّهِ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴿١١٦﴾
މާނައީ: އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެއުރެން اللَّه ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ. އެއުރެން ހީއަކަށް ނޫނީ تبع އެއް ނުވެތެވެ. އަދި ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ، އެއުރެން ނުވެތެވެ. (116)"
"ތިބާއަށް ޤުރްއާން އުނގަންނައިދިނީ ބިމުގައިވާ ގިނަމީހުންނަށް ތިބާ ކިޔަމަންވެއްޖެނަމަ، ތިބާ ﷲގެ މަގުން މަގުފުރައްދައިލާނެއެވެ
ﷲ ތަޢާލާ ސަބައަ ސޫރަތުގެ 13 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَقَلِيلٌ مِّنْ عِبَادِيَ الشَّكُورُ ﴿١٣﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ. (13)"
ތިބާ އެދެންވާނީ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވާ މަދު އަޅުތަކުންގެ ތެރެއިން ވުމަށެވެ. އަދި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އަމަލުކުރުމަށެވެ. ގިނަ މީހުންނަށް ތަބާވުމުގެ ބަދަލުގައި، ނަބިއްޔާއަށް ކިޔަމަންތެރިވުމަކީ ހިދާޔަތް ލިބުމުގެ މަގެވެ.
މި މައުޟޫޢާ ގުޅޭގޮތުން، ފުޟައިލް އިބްނު ޢިޔާޟް ރަޙިމަހުﷲގެ ޙިކުމަތްތެރި ބަސްފުޅެއް ފާހަގަކޮށްލާނަމެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ: "ހިދާޔަތުގެ މަގުގައި ދެމިހުންނާށެވެ. އެ މަގުގައި ދަތުރުކުރާ މީހުން މަދުވިޔަސް، އެކަމުން ތިބާއަށް ގެއްލުމެއް ނުވާނެއެވެ. އަދި ހަލާކުވެގެންދާ މީހުން ގިނަވުމުން މަގުފުރެދި ނުދާށެވެ."