މަންމަ ދޭ ހަދިޔާގެ އަގުވަޒަންކުރަންޖެހޭނީ ފައިސާއަކުން ނޫން! މައިވަންތަކަމުގެ ލޯތްބަށްވުރެ އަގުބޮޑު އެއްޗެއް ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަންމަ ދޭ ހަދިޔާގެ އަގުވަޒަންކުރަންޖެހޭނީ ފައިސާއަކުން ނޫން! މައިވަންތަކަމުގެ ލޯތްބަށްވުރެ އަގުބޮޑު އެއްޗެއް ނުހުންނާނެ!

އެއީ ގިނަ ބައަކު ކުރާ ކަމެއްކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އެކަން އެގޮތަށް ކުރަނީ މަދުބައަކު ކަމަށްވެސް ބުނާކަށް ނެތީމެވެ. މިބުނަނީ ބޮޑުވެ އަމިއްލަ ދިރިއުޅުމެއް އުޅެންފަށާފަހުން މަންމަ ގެނެސްދޭ ހަދިޔާގެ އަގު ވަޒަންނުކުރާ މީހުންގެ ވާހަކައެވެ.  

މަންމަގެ ޙާލަތު ހުންނަ ގޮތުން ކިތަންމެ އާދައިގެ އެއްޗެއްވެސް ގެންގޮސްދީފާނެއެވެ. މަންމަގެ އަތުން ކެއްކި ކޮންމެވެސް އެއްޗެއްވެސް ދީފާނެއެވެ. އެޙާލަތުގައި ވިސްނަންވާނީ އެދިން އެއްޗަކާއިމެދަކު ނޫނެވެ. މައިވަންތަކަމުގެ ލޯތްބާއިމެދުގައެވެ. އެއީ މަންމަކަމާއިމެދުގައެވެ.  

މިވާހަކަ ބުނެލަން މިޖެހެނީ މައިން ހަދިޔާއެއް ދިނުމުން އެއިގެ އަގުދަށްކަމުން ކުނިމޫނުދައްކައި އެއިގެ ބޭނުމެއް ނެތަކަން ދޭހަވާގޮތަށް ބައެއް ދަރިން ކަންތައް ކުރާތީއެވެ. އެޙާލަތުގައި ވިސްނައިލަންވީ ތިމާއަށް މިހިސާބަށް އައުދެވިފައި މިހިރަ ގޮތާއިމެދުގައެވެ. މަންމަ އުފުލި ބުރައާއި ކުރި ހޭދައަށެވެ. ޚާއްޞަކޮށް އެކަނިވެރި މައެއްގެ ގޮތުގައި އިނދެ ގެންގުޅެ ބޮޑުކުރާ ދަރިން މިކަމަށް ބޮޑަށް ވިސްނަންވާނެއެވެ.  

ކުރިމަތިވާ އެއްވެސް ކަމެއް ކުރިމަތިވީ މިވެނިކަމަކާއިހުރެ ކަމަށް ބުނާކަށް އެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް މައިންގެ އަގު ވަޒަންނުކުރުމަކީ ދަރިން ނިކަމެތިވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ބުނަންކެރިދާނެއެވެ. ސަބަބަކީ މައިން ނިކަމެތިކުރާ ދަރިއަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނެތީއެވެ. އެއީ ކުރެވޭ ބޮޑު ފާފައަކަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން