ފަށަމުން ފުރުތަމަ ކަމަކަށްވެސް ބުނެލަން އޮތީ އަހުރެން މިބުނަނީ ފިރިހެނުންގެ ތެރެއިން ރަނގަޅު މީހުންގެ ވާހަކައެވެ. ތިބާގެ ކިބައިން ނުބައިކަމަށް ނުއެދޭނެ މީހުންގެ ވާހަކައެވެ. އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ އިންތައް އެނގޭ އިންތަކަށް ޢަމަލުކުރާ މީހުންގެ ވާހަކައެވެ.
އަންހެނަކު އެކަނި ހުންނަނަމަ މިބާވަތުގެ ރަނގަޅު ފިރިހެން އެކުވެރިން ގިނަވުމުން ކުރާނީ ފައިދާއެވެ. އަދި މާބޮޑު ފައިދާއެއް ނުކުރިނަމަވެސް ލިބޭނެ ގެއްލުމެއް ނުއޮންނާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އިންތަކުގައި ހިފަހައްޓާނަމައެވެ.
އަންހެން އެކުވެރިން ގިނަކުރުމުން ލިބޭ އެންމެ ބޮޑު ގެއްލުމަކީ ޙަސަދަވެރިވާ މީހުން ގިނަވުމެވެ. އެސްފީނާ ޖެހުމެވެ. ޙަޔާތައް ރަނގަޅު ބައިވެރިއަކު ހޯދަންކުރާ މަސައްކަތްތަކަށް ހުރަސްއެޅުމެވެ. އަދި ބައެއް ފަހަރު ރަނގަޅު ވަޒީފާއެއް ހޯދަން ކުރާ މަސައްކަތަށްވެސް ހުރަސް އެޅެއެވެ.
ފިރިހެން އެކުވެރިންނާއިމެދު ސަމާލުކަންދޭންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި އެމީހުންނާއި ބައްދަލުކުރަން ނަމަވެސް އެމީހުންނާއިއެކު މަގުމައްޗަށް ގިނަނުވުން ހިމެނެއެވެ. މަގުމތި ކަމަށް މިބުނަނީ ރެސްޓޯރަންޓްތަކާއި ކޮފީބާތައްވެސް ހިމަނައިގެންނެވެ. ޚާއްޞަކޮށް އެކަހެރި ބައްދަލުވުންތަކަށް ފުރުޞަތުދީގެން ނުވާނެއެވެ.
ހަމައެއާއިއެކު ސަމާލުކަންދޭންޖެހޭ ކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ އެމީހުންގެ ކިބައިން މާލީ އެހީތެރިކަން ނުހޯދުމެވެ. ދޭއަގުބޮޑުހަދިޔާގައި ނުހިފުމެވެ. އެކަންކަމަކީ އޭނާއަށް އަޅުވެތިވާންޖެހުން ކައިރި ކަންކަމަށްވާތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން