ޒަވާޖީ ހަޔާތުގެ ފޮނިމީރުކަން ލިބޭނީ ކައިވެންޏަށްފަހު ތިމާ މިހުރީ ބައިވެރިޔާއަށް ރުހި ފުދިގެންކަމަށް ފަސްނުޖެހި ބުނަންކެރޭ މީހުންނަށް! ނުބުނެވެނީ އެހެން މީހުންގެ ފަހަތުން ދުވަން ބޭނުންވާތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ޒަވާޖީ ހަޔާތުގެ ފޮނިމީރުކަން ލިބޭނީ ކައިވެންޏަށްފަހު ތިމާ މިހުރީ ބައިވެރިޔާއަށް ރުހި ފުދިގެންކަމަށް ފަސްނުޖެހި ބުނަންކެރޭ މީހުންނަށް! ނުބުނެވެނީ އެހެން މީހުންގެ ފަހަތުން ދުވަން ބޭނުންވާތީ!

އަހުރެން ފަށާނީ މިދައްކާ ވާހަކައަށް ޔަޤީންކަން ލިބޭ ޙަދީޘްފުޅަކުންނެވެ.  

ޞަޙާބީން އެއްވެފައިވާ ތަނެއްގައި ހުރިހާ ބޭކަލުންގެ ކުރިފުޅުމަތީގައި "އެކަލޭގެފާނު (ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވަނީ ކާކާތޯ؟" ސުވާލުކުރެވުނުކަމާއި ދެއްވެވި ޖަވާބަކީ "އެންމެ ބޮޑަށް ލޯބިފުޅުވެވަޑައިގަންނަވަނީ އަނބިކަނބަލުން ޢާއިޝަތުގެފާނު ދެކެ" ކަމަށް ޙަދީޘްފުޅު ކުރެއްވެވިކަން ނުއެނގޭ މުސްލިމަކު ހުރެގެން ނުވާނެއެވެ.  

ދެން އޮތީ އަހުރެމެންގެ މިއަދުގެ ޙާލެވެ. ސިއްރުން ނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާ ދެކެ ލޯބިވަމުތޯ ސުވާލުކުރެވިއްޖެނަމަ ޖަވާބުގައި "އާނއެކޭ" ބުނެވޭ ހެއްޔެވެ؟ އެންމެ ލޯބިވަނީ ބައިވެރިޔާ ދެކެ ކަމަށް ނުބުނާއިރު އޭނާދެކެ ލޯބިވާކަމަށްވެސް މިއޮންނަނީ ނުބުނެވިފައެވެ. ދައްކާނީ ކޮންމެވެސް މައްސަލައެއްގެ ވާހަކައެވެ. ބައިވެރިޔާގެ ކޮންމެވެސް އުނިސިފައެއްގެ ވާހަކައެވެ. ދެއްކޭނެ އެފަދަ ކަމެއް ނެތްނަމަ ދޮގުހަދައިގެން ނަމަވެސް ދައްކާނީ އެފަދަ ވާހަކައެކެވެ.  

މިކަމުގެ ތަފްޞީލަށް ބަލާލައިފިނަމަ ދައްކަން ޖެހެނީ ލަދުވެތި ވާހަކައެކެވެ. އެހެނީ ބައިވެރިޔާ ދެކެ ލޯބިވާކަމަށް ބުނަން ބޭނުންވާ ސަބަބަކީ ލަދުވެތި ސަބަބަކަށްވާތީއެވެ. ވަރަށް ކެރިހުރެގެން ބުނަމެވެ. 99 އިންސައްތަ ފަހަރު އެކަން ދިމާވާ ސަބަބަކީ ބައިވެރިޔާއިން ހިތް ނުފުރޭކަމެވެ. އިތުރަށް ބޭނުންވެވޭ ކަމެވެ. އިތުރަށް ބޭނުންވެގެން ތިބެވޭ ކަމެވެ.

މިކަން ގިނައިން ދިމާވާނީ އަންހެނަކު ފިރިހެނަކާއި ނުވަތަ ފިރިހެނަކު އަންހެނަކާއި ސުވާލުކުރުމުންނެވެ. އެވާގޮތަކީ ސުވާލުކުރި މީހާގެ ކިބައިންވެސް އުފާވެރިކަން ނުވަތަ ހިތްހަމަޖައްސާލަން ބޭނުންވެވުމެވެ. ކޮންފަދަ ލަދުވެތި ގޮތެއް ހެއްޔެވެ؟  

ފައުޅުގައި މިފަދަ ބަސްތައް ބުނެވޭތީ ބައެއް މީހުން ނަފްރަތުވެސް ކުރެއެވެ. އެކަމަކު ނިކަން ތެދަށް ބުނެބަލާށެވެ! ޙަޤީޤަތަކީ މިއީ ނޫންހެއްޔެވެ؟ 

މިނުބައި ގޮތް ދޫކޮށްލެވިގެން ނޫނީ އުފާވެރިކަމެއް ނުލިބޭނެއެވެ. އެންމެ ބޮޑަސް ލޯބިވަނީ އަނބިމީހާކަމަށް ނުބުނެވޭނަމަ ފުރަތަމަވެސް އެއޮތީ މައްސަލަ ޖެހިފައެވެ. އެފަދަ މީހެއްގެ ޒަވާޖީ ހަޔާތުން އެމީހަކަށް ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟  

ވަކިމީހަކަށް ނޫނެވެ! އެންމެންނަށެވެ! މިކަން އިޞްލާޙްކޮށްލަމާ ހިނގާށެވެ! ރިވެތި ޙަލާލް ދިރިއުޅުމަކަށް ލޯބިކުރަމާ ހިނގާށެވެ! މިއަދާއި މާދަމާވެސް އުފަލުގައި ތިބެވެން އޮތީ މިކަން އިޞްލާޙްކުރެވިގެންނެވެ.

 

- އަލަފް / މިއަދުނޫހަށް  

މިއަދު އޮންލައިން