ބަލިޙާލު އެންމެ ބޮޑުވެފައި އޮތް ޒުވާން އަންހެނަކު މަރުވުމު 2 ދުވަސްކުރިންވެސް ބޭނުންވާކަމަށް ބުނި 2 ކަންތައް- ކޮންމެ މީހެއްގެވެސް ޢަޒުމަކަށް ހަދައިފިނަމަ އާޚިރަތް ކާމިޔާބުކުރެވޭނެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބަލިޙާލު އެންމެ ބޮޑުވެފައި އޮތް ޒުވާން އަންހެނަކު މަރުވުމު 2 ދުވަސްކުރިންވެސް ބޭނުންވާކަމަށް ބުނި 2 ކަންތައް- ކޮންމެ މީހެއްގެވެސް ޢަޒުމަކަށް ހަދައިފިނަމަ އާޚިރަތް ކާމިޔާބުކުރެވޭނެ!: އިން ޝާ ﷲ

ބަލިޙާލެއްގައި އޮތްނަމަ އަހުރެމެންނަށް އެންމެ ބޮޑަށް އެދެވެނީ ޝިފާ ލިބުމަށެވެ. ކުދި ދަރިން ތިބިނަމަ ކަންބޮޑުވެވެނީ އެދަރިންނާއިމެދުގައެވެ. ކަންބޮޑުވެވެނީ ދުނިޔޭގެ އެދުންތަކަށެވެ. ނަމަވެސް މިޒުވާން އަންހެން މީހާގެ ކިބައިގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. އޭނާއަށްހުރި އެފަދަ ހުރިހާ ކަމެއް ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަކީލްކޮށްފައެވެ. މިކިޔައިދެނީ ވަރަށް ތަފާތު ފިލާވަޅެއް ލިބިގެންދިއަ ކަމެއްގެ ވާހަކައެވެ.  

ޢުމުރާވުމަށްފަހު އެނބުރި އައިސް ވަރަށް ބަލިޙާލުގައި އޮތް ޒުވާން އަންހެނަކަށް ޒިޔާރަތްކުރީމެވެ. އޭނާ ބުނީ އޭނާގެ ބަލިން ގަދަވާން ބޭނުން ކަމަށާއި އެއީ ދެ ސަބަބަކަށްޓަކައި ކަމަށެވެ. 2 ބޭނުމެއް އަދިވެސް ނުފުދި އޮތުމުން ކަމަށެވެ.

އޭނާއަކީ ޒުވާނެއް ނަމަވެސް ކުދިން ދަރިންކޮޅެއްގެ މަންމަވެސްމެއެވެ. އެހެނަސް އޭނާ ދެއްކީ އެކުދިންގެ ޥާހަކައެއް ނޫނެވެ. ފުރަތަމަ ކަމަކަށް ބުނީ  ﷲ ތައާލާގެ ގެކޮޅަށް ޒިޔާރަތްކުރަން އަދިވެސް ބޭނުން ކަމަށެވެ. (ބެލެވެނީ އެއީ މައްކާގެ ހަރަމްފުޅަށް ޒިޔާރަތްކުރުން ކަމަށެވެ.) ދެވަނަ ކަމަކަސް ކީރިތި ޤުރްއާން ހިތުދަސްކުރަން ބޭނުންވާ ކަމަށެވެ.   

އެއިގެ 2 ދުވަސްފަހުން އޭނާ ނިޔާވުމުން އަހުރެން އޭނާއަށް ޒިޔާރަތްކުރީމެވެ. "އަހުރެންނަށް ބުނެވުނެވެ. އަހުރެން އަދިވެސް ދިރިމިހުރީއެވެ. ﷲ ތަޢާލާއަށް އަހުރެން ދައްކާނީ ކޮން ޢުޛުރެއް ހެއްޔެވެ؟" 

ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ﷲ ތަޢާލާ ލައްވަވާނީ ކޮން ފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ އެހެނީ ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ މީހާގެ ނިޔަތަށެވެ.  

އަހުރެން މިވާހަކަ މިކިޔައިދިނީ އަޑުއަހަން ތިބި މީހުންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. މިވަޤުތުން ފެށިގެން އެޒުވާން އަންހެނާ ފަދައިން އެމަތިވެރި ނިޔަތުގައި، އެކަންކަން ޙާޞިލްކުރަން މަސައްކަތްކުރާ ބައަކަށްވުމަށް އެދިގެންނެވެ.  

އެފަދަ ބަލިޙާލުގައި އޮތްއިރުވެސް އޭނާގެ ހިތުގައި ދުނިޔޭގެ އެއްވެސް ކަމަކަށް އެއްވެސް އެދުމެއް ނެތެވެ. އޭނާ ކުރަން ބޭނުންވި 2 ކަމަކީވެސް އެކަންކަން ކުރުމުން ﷲ ތަޢާލާގެ ޙަޟްރަތުން އޭނާއަށް މަތިވެރިކަން ލިބިގެންދާނެ ކަންކަމެވެ. މާނައަކީ އޭނާގެ ހުރިހާ އުންމީދުތަކެއް ގުޅިފައި އެވަނީ އާޚިރަތް ދުވަހާއިއެވެ. ކުދި ދަރިންކޮޅެއް ތިބުމުން އެކަމަކަށްވެސް ނޫނެވެ.  

އާޚިރަތް އެދިގެން މަސައްކަތްކުރާ މީހުންގެ ކިބައިން ފެންނާނީ މިފަދަ ކަންކަމެވެ. މަސައްކަތްކުރަންވީ ދުނިޔޭގެ ހުރިހާ ކަންކަމުގެ ކުރިއަށް އާޚިރަތް ނެރެގެން މަސައްކަތްކުރުމަށެވެ. އަހުރެމެންގެ އާޚިރު މަންޒިލަކީ ސުވަރުގެ ކަމުގައި ހެދުމަށެވެ.

 

- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން