ބިރުވެތިވެބަލަ! ސުވަރުގެ ނުވައްދަވާނެ އެއްބައަކީ މީހަކު ވާހަކައެއް ބުނާއިރަށް އެވާހަކަ އެކި ގޮތްގޮތަށް ބަދަލުކޮށް ފަތުރައި ފިތުނަ އުފައްދާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ބިރުވެތިވެބަލަ! ސުވަރުގެ ނުވައްދަވާނެ އެއްބައަކީ މީހަކު ވާހަކައެއް ބުނާއިރަށް އެވާހަކަ އެކި ގޮތްގޮތަށް ބަދަލުކޮށް ފަތުރައި ފިތުނަ އުފައްދާ މީހުން!

މީހަކު ކޮންމެ ވާހަކައެއް ބުނިނަމަވެސް އެވާހަކަ އެހެން މީހެއްގެ ގާތުގައި ބުނަންވާނީ އެކަމުގެ ސަބަބުން އެމީހަކަށް ދެދުނިޔޭގައި ފައިދާކުރާނެ ނަމައެވެ. މީހުން ކުރާ ހެޔޮ ޢަމަލުތަކުގެ ވާހަކަ ދައްކަންވާނީ އަދި ބުނާ ހެޔޮބަސްތައް ފަތުރަންވީ އެކަމުން މީސްތަކުންނަށް ދެދުނިޔޭގައިވެސް ފައިދާކުރާނެތީއެވެ. ނަމަވެސް ހިތާމައަކީ އެފަދަ ވާހަކަތައް ފަތުރާމީހުން މަދުވެފައި ގިނަވަނީ ފިތުނަވެރިކަން އިތުރުވާނެ ވާހަކަތައް ފަތުރާ މީހުން ކަމެވެ.

ތިމާއަކީ ސުވަރުގެ ނުވައްދަވައިފާނެ މީހަކު ކަމުގައި ވުމަށް ހަމަ އެކަކުވެސް ނޭދޭނެއެވެ. އެހެނެއްކަމަކު ސުވަރުގެ ނުވައްދަވައިފާނެ ކަންކަން ކުރެވޭނަމަ ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މިއީ ވިސްނާލަންޖެހިފައިވާ ކަމެކެވެ.

ދެބައުޑުވުމަކީ ޙަރާމްކަމެކެވެ. އެކަމަށް ޢިލްމުވެރިން އިއްތިފާޤްވެވަޑައިގަންނަވައެވެ. މިއަދު

"ދެބައުޑުވުން" މިބަސްވެސް ގެއްލިއްޖެއެވެ. ދެބައުޑުން ޢާންމުވެ އެއީ އެއްވެސް ބިރެއް ނެތިކުރާ ކަމަކަށް މިވަނީ ވެފައެވެ.

ދެބައުޑުވާ މީހުންގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ.

"އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (.) (އެއީ) ޣީބަބުނެ ހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ. (.)" (އަލްޤަލަމް: 10، 11)

އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވަނީ ދެބައޮޑުވަމުން ހިނގައިއުޅޭ މީހާގެ މުރާދަކީ: މީސްތަކުންގެ މެދުގައި ވާހަކަތައް ހިފައިގެން ފަސާދަ އުފައްދަމުން، ދޭތެރެ ޖައްސަމުން ހިނގާ މީހާކަމަށެވެ.

ދެން ބަލައިލަންވީ " ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެ" ކަމަށް ރަސޫލް ﷺ ގެ ޙަދީޘްފުޅަށެވެ! ޞަޙީޙް މުސްލިމް ބައްލަވާށެވެ. މީގެ އިތުރުން ދެބައުޑުވުމުގައި ހިނގައި އުޅުނު މީހަކަށް ކައްވަޅުގައި ޢަޛާބު ލިބޭކަމަށް ބަޔާންކުރެއްވެވި ޙަދީޘްފުޅުވެސް ބައްލަވާށެވެ!

ނަމަވެސް މީސްތަކުނެގެ މިއަދުގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދެމީހަކު ބައްދަލުވިނަމަވެސް ފޯނުކުރިނަމަވެސް އަދި ޗެޓްކުރިނަމަވެސް ތިމާމެންގެ އަމިއްލަ ވާހަކަތަކަށްވުރެ ގިނައިން ދެކެވިފައި ހުންނަނީ މިފަދަ ވާހަކަތަކެވެ. އެހެން މީހުންގެ ވާހަކަތަކެވެ ފިތުނަ އުފެދޭ ފަދަ ވާހަކަތަކެވެ.

އެބާވަތުގެ ވާހަކައެއް މީހަކު ދައްކާނަމަ އަޑުއަހަން މަޑުނުކުރާށެވެ! އެވާހޖަކަތަކަށް ނުރުހޭކަން ހާމަކުރާށެވެ! އަދި އެފަދަ ވާހަކަތައް ނުދައްކަންބުނެ ނަޞޭޙަތްތެރިވާށެވެ. އެނގިހުރި މިންވަރަކުން އެކުރެވެނީ ކިހައިވަރެއްގެ ބޮޑު ފާފައެއްކަން އަންގައިދޭށެވެ. މިގޮތަށް ޢަމަލުކުރުން ވާހަކަ އަޑުއިވުނު މީހާގެ މައްޗަށް ލާޒިމްވާނެއެވެ.

އެބާވަތުގެ ވާހަކަތައް ހިފައިގެން ހިނގަނީ، ދައްކަނީ ފާސިޤުންނެވެ. ފާސިޤުންގެ ވާހަކަ ޤަބޫލުކޮށްގެންނުވާނެއެވެ. އަދި މިވެނި މީހަކު ބުނިކަމަށްބުނެ ނަމަވެސް އެފަދަ ވާހަކައެއް އެހެން މީހެއްގެ ގާތުގައި ނުބުނާށެވެ! ބުނެފިނަމަ ތިމާއަށްވެސް އެވެވެނީ ފާިޤަކަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން