ފަށަމުން ސުވާލެއް ކޮށްލާނަމެވެ! ކައިވެނި ކުރުމަށްފަހު ހިލޭ މީހަކާއި ގުޅުން ހިންގައި ފާޙިޝް ޢަމަލު ނުކުރާކަމަށް ހުވާކުރަންކެރޭނީ ކިތައް މީހުންނަށް ބާވައެވެ! ތިމާޢަކީ އެފަދައިން ހުވާކުރަން ޝަރުޠުހަމަވާ މީހަކުތޯ ނިކަން އަމިއްލަ ނަފްސާއި ސުވާލުކޮށްލައިބަލާށެވެ!
ފާހިޝް އަމަލުތައް ކުރާ މީހުންނަށް ނަރަކައިގެ ހޫނު ލިބެން ފަށަނީ ނަރަކައަށް ވެއްދެވުމުގެ މާކުރިންނެވެ. އެފަދަ އަމަލުތައް ކުރާ މީހުންނަށް ކައްވަޅުގައި ވެސް އަލިފާނުގެ އަޒާބާއި ކުރިމަތިލާން ޖެހެއެވެ.
މިބުނަނީ ބަރުޒަޚުގެ ޢާލަމުގައި މީހާ ހޭދަކުރަންޖެހޭ ދިގު މުއްދަތުގައިވެސް އަލިފާނުގެ ދުމަށިތަކުގައި ފިހެވެން ފަށާވާހަކައެވެ. މިކަންކަން އެނގެން ހުރިއިރު އަލިފާނުގެ ދުމަށްޓަށް ބިރުވެތިވާށެވެ! ނަރަކައިގެ ގަދަފަދަ އަޒާބަށް ބިރުވެތިވާށެވެ! ފާހިޝް ޢަމަލުކުރުމަކީ ހަމަ އެކަނި ޒިނޭ ނުކުރުމެއް ނޫނެވެ.
ފާހިޝް އަމަލުތައް ކުރަމުން ޒިނޭ ނުކުރާ ކަމަށް ބުނާ މުސްލިމުން އެބައުޅެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެބުނެވެނީ ކީކޭކަން އެމީހުންނަށް އެނގޭ ކަމަކަށް ޤަބޫލެއް ވެސް ނުކުރެވެއެވެ. އެނގޭނަމަ އެފަދަ ބަހެއް ނުބުނާނެއެވެ!
ފާހިޝް އަމަލުތައް އިތުރުވެ ޢާންމު ތަންތަނުގައި އެއްވެސް ލަދެއް ނެތި އެކަންކަން ކުރާނެ ކަމާއި އަދި އެއީ ކުށެއް ނޫން ކަމަށް ޤަބޫލުކުރާ ދުވަސް އަންނާނެ ކަމާއި އަދި އެކަންކަން ކުރުމަށްފަހު އެއީ ކުރެވުނު މޮޅު ކަމެއް ކަމަށް ދެކި އެކަމުގެ ވާހަކަތައް ފައުޅުގައި ދައްކާނެ ދުވަސް އަންނާނެ ކަމާއި އެއީ ޤިޔާމަތް ގާތްވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ މީގެ 1400 އަހަރުކުރިން ބަޔާންކޮށް ދެއްވަވައިފައެވެ.
ހަމައެއާއެކު ގޮތް ނުއެނގޭ، ޝިފާއެއް ނުލިބޭ ބަލިތައް އިތުރުވެގެންދާނެ ކަމާއި އެއީ ވެސް ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއް ކަމަށް ރަސޫލް (ﷺ) ވަނީ ބަޔާންކުރައްވަވައިފައެވެ.
މިބާވަތުގެ ބަލިތައް ޢާންމުވެ އެޗްއައިވީ ފަދަ ބަލިތައް ޖެހިފައިވާ މީހުން ގިނަވެ އެއީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭ ހިސާބަށް މިއަދު ކަންތައްތައް މިވަނީ ގޮސްފައެވެ. ބޭހުން ކޮންޓްރޯލު ވެފައި ހުރި ނަމަ އެޗްއައިވީ އަކީ ބައްޔެއް ކަމަށް ނުދެކި ސިއްރުކޮށްގެން ތިބެ އެބަ ކައިވެނި ކުރެއެވެ. އެފަދައިން ކައިވެނިކުރުމުން ލިބޭ ދަރިންނަށް އެބަލި ވާރުތަ ކުރެއެވެ. ވީއިރު އެއީ ޒާތީ ކަމެއްކަމަށް ދެކެގެން ނިންމައިލެވެން އެބަ އޮތް ހެއްޔެވެ.؟
މިފަދަ ދަރުސްތައް ނިންމައިލުމުން ތިމާއަށް މިހުރީ އެޗްއައިވީ ޖެހިފައި ކަމަށް ބުނެ، އެއީ އެއްވެސް ކަމެއް ނޫން ކަމަށް ދެކެގެން އެބަ ތަފާތު ސުވާލުތައް ކުރެއެވެ. ތިމާއަށް އެޗްއައިވީ ޖެހުނީ ތިމާކުރި ފާހިޝް އަމަލުކުން ކަމަށްވާނަމަ އެއީ މައްސަލައަކަށް ނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ބާވައިލެއްވެވި ޙުކުމްފުޅުތަކަކީ އެއްވެސް އެއްޗަކަށް ނުވަނީ ހެއްޔެވެ؟ އޮތީ ޒިނޭ ނުކުރުން އެކަންޏެއް ނޫނެވެ. ޒިނޭ އާއި ކައިރިވެވިދާނެ ފަދަ އެއްވެސް ކަމަކާއި ކައިރިވެސް ނުވާން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. މިކަންކަން ހިތަށް ހަމަ ނުވެސް ގެނެވެނީ ބާވައެވެ!
ސަލާމަތް ކަމަށް އެދޭނަމަ ފާހިޝް އެންމެހައި އަމަލުތަކާއި ދުރުހެލިވާށެވެ.! ބިރުވެތިވާންވީ ހަމަ އެކަނި ޒިނޭކުރުމަކަށް ނޫނެވެ! ފާހިޝް އެންމެހައި އަމަލުތަކަށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން