ހަނދުމަކޮށްދިނުމެއް!: ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 3ސ
ހަނދުމަކޮށްދިނުމެއް!: ފާފައެއްކުރަން ހިތަށް އަރާނަމަ މި ދެއާޔަތް ހަނދުމަކުރުމުން އިން ޝާ ﷲ ފާފައިން ސަލާމަތްވާނެ!
 

ފާފަފަކުރާ މީހުން ގިނަވާ ވާހަކަ ގިނަބައަކު ދައްކައެވެ. އެކަމުން އެނގެނީ ފާފަކުރުމާއިމެދު ހޭލުންތެރިކަން އިތުރުކުރުވަން ކުރާ މަސައްކަތް އިތުރުކުރަންޖެހިފައިވާ ކަމެވެ. އެހެންވެ މިގެނެސްދެނީ ވިސްނައިގެން ކިޔައިފި މީހަކަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ   

ފާފައެއް ކުރަން ހިތަށް އަރައިފިނަމަ ނުވަތަ ފާފައެއް ކުރުމަށް ދަޢުވަތު ދެވުނު ނަމަ ކީރިތި ޤުރްއާނުގެ މި އާޔަތް ހަނދާންކުރާށެވެ. އެފަދަ ދަނޑިވަޅެއްގައި ހިތަށް އެރުވުމަށްޓަކައި މި ދެ އާޔަތް ހިތުދަސްކޮށްލާށެވެ. މާނައާއެކުގައެވެ. 

إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ (الزمر 13)

"އަހުރެންގެ ރައްބަށް އަހުރެން އުރެދިއްޖެނަމަ، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ހަމަކަށަވަރުން، އަހުރެން ބިރުގަންނަމެވެ." 

إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ (المائدة 28)

"ހަމަކަށަވަރުން، ޢާލަމްތަކުގެ ރައްބުދެކެ ތިމަން ބިރުގަންނަމެވެ."

އަންނަނިވި ޙަދީޘާމެދު ވިސްނާލާށެވެ! 

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ للهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي للهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ للهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ للهَ خَالِيًا، فَفَاضَتْ عَيْنَاهُ)). [متفق عليه] 

މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ. (އެއީ) ޢަދުލުވެރި ވެރިމީހާއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ޙަސަބާއި ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ." 

މި ދެ އާޔަތުގައި އަދި ޙަދީޘްގައި ވިސްނާ މީހަކަށް ޢިބްރަތްވެއެވެ. ﷲ އަށް ބިރުވެތިވެ، ﷲ އަށް ބިރުވެތިވަމޭ ޛިކްރުކުރެވިފައިވާ އާޔަތް ދަސްކޮށް ހިތަށް ގެންނާށެވެ. އިން ޝާ ﷲ ފާފައިން ސަލާމަތްވާނެއެވެ.

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން